Advertisement

އަފްގާނިސްތާނުގައި ހަތަރު ބޮން ގޮއްވާލައި 16 މީހުން މަރުވެއްޖެ

ބޮމުގެ ހަމަލާގައި އަނިޔާވި މީހުންގެ އާއިލާތައް ހޮސްޕިޓަލް ކައިރިއަށް ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ


އަފްގާނިސްތާނުގައި ހަތަރު ބޮން ގޮއްވާލައި 16 މީހުން މަރުވެއްޖެ

ކާބުލް، އަފްގާނިސްތާން (މޭ 26) - އަފްގާނިސްތާނުގައި ބުދަ ދުވަހު ދިން ހަތަރު ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 16 އަށް އަރައިފި އެވެ.

ބޮން ގޮއްވާފައި ވަނީ މިސްކިތަކާއި ތިން މިނީބަހުގަ އެވެ. ބައެއް ހަމަލާތަކުގެ ޒިންމާ އުފުލީ އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕުންނެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމާ އެކު އަފްގާނިސްތާނުގައި ހަމަލާތަކުގެ އަދަދު މަދުވި ނަމަވެސް، އައިއެސްއިން ދަނީ ދޭތެރެ ދޭތެރެއިން ބައެއް ހަމަލާތައް ދެމުންނެވެ.

އުތުރުގައި އޮންނަ މަޒަރީ ޝަރީފް ސިޓީގެ ބަސްތަކުގައި ބޮން ގޮއްވުމުން 10 މީހުން މަރުވެ 15 މީހުންނަށް އަނިޔާވި ކަމަށް އެ ތަނުގެ ސިއްހީ އޮފިޝަލަކާއި ފުލުހުން ބުންޏެވެ.

އެ ހަމަލާތަކުގެ ޒިންމާ އައިއެސްއިން އުފުލީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ޓެލެގްރާމްގައި އާއްމު ކުރި މެސެޖެއްގައި އައިއެސްއިން ބުނީ ހަމަލާތަކުގެ ފަހަތުގައި ވަނީ އެ ގްރޫޕުގެ "ސިފައިން" ކަމަށެވެ.

ބުދަ ދުވަހު ވެރިރަށް ކާބުލްގެ މިސްކިތެއްގެ ތެރޭގައި ވެސް ބޮމެއް ގޮއްވާލި އެވެ. ކާބުލްގެ ފުލުހުން ބުނީ ހަ މީހުން މަރުވެ، 16 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

ފާއިތުވި ރޯދަ މަހު އަފްގާނިސްތާނުގައި ދިން ހަމަލާތައް އިތުރުވި އެވެ. އެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވީ ޝިއައީ މުސްލިމުންނަށެވެ. ބައެއް ހަމަލާތަކުގެ ޒިންމާ ނެގީ އައިއެސް އިންނެވެ.