Advertisement

އިންޑިއާއިން މާލެ ސަރަހައްދާއި އުތުރުގެ ކަނޑުގެ ސާވޭކޮށް ނިންމާލައިފި

26 މޭ 2022 - 11:17 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ސާވޭގެ ހޯދުންތައް ޑިފެންސް މިނިސްޓްރީއާ ހަވާލުކުރުން-- ފޮޓޯ: ޑީފެންސް މިނިސްޓްރީ


އިންޑިއާއިން މާލެ ސަރަހައްދާއި އުތުރުގެ ކަނޑުގެ ސާވޭކޮށް ނިންމާލައިފި

26 މޭ 2022 - 11:17 0

ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދުގައި ކުރިއަށްދާ ހައިޑްރޯގްރަފިކް ސާވޭގެ ތެރެއިން މާލެ ސަރަހައްދާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކަނޑުގެ ސަރަހައްދުގެ ސާވޭކޮށް، އިންޑިއާގެ ސުލްތެޖު މަނަވަރުން އިއްޔެ ނިންމާލައިފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ފެށި މި ސާވޭގައި ވަނީ 650 ނެނޮމީޓަރުގެ ސައުންޑިން ހަދާފައި ކަމަށް މޯލްޑިވްސް ހައިޑްރޯގްރެފިކް ސާވިސްއިން ބުނެ އެވެ. އެއީ އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އާއި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިން އެވެ.

އެގޮތުން، ހދ. ހަނިމާދޫ އިން ފެށިގެން ށ. ފަރުކޮޅު ފުނަދޫއާ ހިސާބަށް 844 ސްކޮޔާ ކިލޯމީޓަރު އަދި މާލޭ ސަރަހައްދުގެ 100 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ސާވޭކޮށްފަ އެވެ.

އިންޑިއާ އަސްކަރިއްޔާއާާއި އެމްއެންޑީއެފް ގުޅިގެން ކުރާ ރާއްޖޭގެ ދެ ވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސަވޭގައި، އިންޑިއާގެ މަނަވަރު ސުލްތެޖު އިން ސާވޭ ކުރުމަށް ބޭނުން ކޮށްފައިވަނީ މަލްޓި ބީމް އެކޯ ސައުންޑާސް ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކަނޑުގެ އޮއެވަރަށް އަންނަ ބަދަލު ދެނެގަތުމަށް ޓަކައި އިންޑިއާގެ މަނަވަރުން މާލެ ސަރަހައްދުގެ 10 ތަނަކާއި އުތުރުގެ ހަތަރު ތަނެއްގެ ޓައިޑަލް އޮބްޒަވޭޝަންތަކެއް ވެސް ވަނީ ހަދާފަ އެވެ.

މި ސާވޭގެ ތެރެއިން ހޯދުނު ހޯދުންތައް މި މަހުގެ 24 ވަނަ ދުވަހު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ވަނީ ހަވާލުކޮށްފަ އެވެ.

މިއީ 1853 ވަނަ އަހަރަށް ފަހު މި ސަރަހައްދުތަކުގައި ކުރެވުނު ފުރަތަމަ ސާވޭ އެވެ. މި ސާވޭގެ ސަބަބުން މި ސަރަހައްދުތަކުގެ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާރޓްތައް އަޕްޑޭޓްވެ، ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވެގެން ދާނެ ކަމަށް ހައިޑްރޯގްރެފިކް ސާވިސްއިން ބުނެ އެވެ.

އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޯގްރަފިކް ސާވޭގެ ތެރެއިން ރާާއްޖޭގައި ނިޔަމި ކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އާއި، އެކްޑިސްގައި ބޭނުން ކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސާވޭގައި މީގެ ކުރިން ވެސް ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް ސާވޭއެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.