Advertisement

ތުރުކީ އާއި އިޒްރޭލުގެ ގުޅުން ރަނގަޅުވުމުން ފަލަސްތީނަށް ފައިދާ ވާނެ: ތުރުކީ

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ.


ތުރުކީ އާއި އިޒްރޭލުގެ ގުޅުން ރަނގަޅުވުމުން ފަލަސްތީނަށް ފައިދާ ވާނެ: ތުރުކީ

ގުދުސް (މޭ 25) - ތުރުކީ އާއި އިޒްރޭލުގެ ގުޅުން ރަނގަޅުވުމުން ފަލަސްތީނަށް ފައިދާ ވާނެ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޭނާ އެގޮތަށް ވިދާޅުވީ 15 އަހަރުގެ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓަރަކު އިޒްރޭލަށް ކުރައްވާ ފުރަތަމަ ދަތުރުގެ ތެރެއިންނެވެ.

އަންގާރަ ދުވަހު ކަވުސޮގްލޫ ވަނީ ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްތީނުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. ބުދަ ދުވަހު އޭނާ ވަޑައިގެންނެވީ ގުދުސް އަށެވެ.

އިޒްރޭލާއި ތުރުކީގެ ގުޅުން ގޯސް ވާން ފެށީ 2008 ވަނަ އަހަރު އިޒްރޭލުން ގާޒާގައި ހިންގި އަސްކަރީ ހަރަކާތްތަކާ ގުޅިގެންނެވެ.

ދެ ގައުމުގެ ގުޅުން އެއްކޮށް ކެނޑުނީ 2010 ވަނަ އަހަރު ތުރުކީގެ އެހީ މަނަވަރެއް ގާޒާއަށް ދަތުރު ކުރަނިކޮށް އިޒްރޭލް ސިފައިން އެއަށް އެރުމުންނެވެ.

އިޒްރޭލް ސިފައިން މަނަވަރެއް އަރައި ހިންގި އަމަލުތަކުގެ ސަބަބުން ތުރުކީގެ 10 މީހުން މަރުވި އެވެ. އެކަމަކު ދެ ގައުމުން ވެސް މިހާރު ބޭނުން ވަނީ ގުޅުން ރަނގަޅު ކުރުމަށެވެ.

ކަވުސޮގްލޫ އާއި އިޒްރޭލްގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދް ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވީ ދެ ގައުމުގެ މެދުގައި ގުޅުން ގޯސްވި ނަމަވެސް އިގްތިސާދީ ގުޅުންތައް ދެމިއޮތް ކަމަށެވެ.

ކަވުސޮގްލޫ ވިދާޅުވީ އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ބޭއްވުމުގައި ތުރުކީއިން އިސް ދައުރެއް އަދާ ކުރުމުގެ ޒިންމާއާ ހަވާލުވުމަށް ތައްޔާރު ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު ކަވުސޮގްލޫ ވަޑައިގެންނެވީ އިޒްރޭލުން ވެރިވެގަނެގެން އުޅޭ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތަށެވެ.