Advertisement

ފީގެ މައްސަލަ ނިމެންދެން ބާ އިމްތިހާން ހުއްޓުވުމުގެ އަމުރު ނެރުން މަޑުޖައްސައިފި

25 މޭ 2022 - 16:20 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސިވިލް ކޯޓު ހިމެނޭ ޖަސްޓިސް ބިލްޑިން އިމާރާތް: ބާ އިމްތިހާނުގެ މައްސަލަ ނިމެންދެން އިމްތިހާން މަޑުޖައްސާލަން އަމުރު ނުދިން - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ފީގެ މައްސަލަ ނިމެންދެން ބާ އިމްތިހާން ހުއްޓުވުމުގެ އަމުރު ނެރުން މަޑުޖައްސައިފި

25 މޭ 2022 - 16:20 1

ވަކީލުކަމުގެ ލައިސަންސް ހޯދަން ފުރިހަމަކުރަން ޖެހޭ ބާ ކައުންސިލްގެ އިމްތިހާން ފީ ބޮޑު ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން އެ އިމްތިހާން ހުއްޓުވަން މައްސަލަ ހުށަހެޅި ފަރާތުން އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން މިއަދު ނިންމައިފި އެވެ.

އަންނަ ޖޫން މަހުގެ 25 ވަނަ ދުވަހު ބާއްވާ އިމްތިހާން އެ ދުވަހު ނުބާއްވަން ވަގުތީ އަމުރަކަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ، އިމްތިހާނަށް މިހާރު ކަނޑައަޅާފައިވާ ފީ ދެއްކޭނެ މާލީ ގާބިލްކަން ގިނަ ފަރާތްތަކުގެ ކިބައިގައި ނެތުމުން ވަކީލުކަމުގެ މަސައްކަތް ނުކުރެވި ގިނަ ދުވަހު ތިބެން ޖެހޭނެތީ އެވެ.

ބައެއް ދަރިވަރުން އެ ފީ ދެއްކުމަށްޓަކައި ބޭންކުން ލޯނު ނަގާފައިވާ ކަމަށް ވެސް މައްސަލަ ހުށަހެޅި ވަކީލުން ޝަރީއަތުގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ އެ ބޮޑު ފީ ދެއްކުމަށް ފަހު އެ ދުވަހަށް އިމްތިހާން ބާއްވާނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް އެ ފަރާތްތަކަށް ލިބިދާނެ ކަމަށް ވަކާލާތު ކުރެއްވި އެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މަރިޔަމް ވަހީދު ނެރުއްވި އަމުރުގައި ވަނީ އެއީ އިއާދަ ނުކުރެވޭނެ ގެއްލުމެއްތޯ ބަލާއިރު އެއީ އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ދެވިދާނެ ހާލަތެއް ކަމަށެވެ.

"މި ވަގުތީ އަމުރު ނެރެނުދިނުމުގެ ސަބަބުން ވަގުތީ އަމުރަށް އެދެފައިވާ ފަރާތަށް ލިބޭ ގެއްލުމަކީ ފައިސާއިން ހިސާބު ކުރެވޭ ގޮތުގެ މައްޗަށް އޮތް ކަމެއް ކަމުގައި ވާތީ މިއީ ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ހާލަތެއް ކަމުގައި ނުދެކެމެވެ." ކޯޓުގެ ނިންމުމުގައިވެ އެވެ.

ބާ އިމްތިހާނުގައި ބައިވެރިވި އިތުރު ފަރާތްތަކުގެ ބަހެއް ނެތި އެ ފަރާތްތަކަށް އެ އިމްތިހާނު ހުއްޓުވުމުން ލިބޭނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ފައިސަލާ ނުކުރެވޭނެ ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި އިމްތިހާން ހުއްޓުވުމުގެ ސަބަބުން ބާ ކައުންސިލަށް ވެސް ފައިސާގެ ގެއްލުންވާނެ ކަން، އެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ބާ އިމްތިހާނުގެ ފީއެއްގެ ގޮތުގައި ބާ ކައުންސިލުން ނިންމީ 10،000 ރ. އެވެ. އެއީ ރާއްޖޭގައި އެހެން ފަންނީ ދާއިރާތަކުގެ ލައިންސަންސް ދޫކުރަން އޮންނަ އިމްތިހާނުގެ ފީތަކަށްވުރެ މާ ބޮޑު ފީއެއް ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނީ ދާއިރާއިން ކިޔަވަމުންދާ ބައެއް ފަރާތްތަކުންނެވެ.