Advertisement

ކާބޯތަކެތީގެ ކާރިސާ ހުއްޓުވޭނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެން: ރަޝިއާ

ބައެއް ގައުމުތަކުން ދަނީ ކާބޯތަކެތީގެ އެކްސްޕޯޓްއާ ގުޅުން ހުރި ފިޔަވަޅުތައް އަޅަމުން. -- ފޮޓޯ: ޓަސް


ކާބޯތަކެތީގެ ކާރިސާ ހުއްޓުވޭނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެން: ރަޝިއާ

މޮސްކޯ، ރަޝިއާ (މޭ 25) - ދުނިޔެއަށް ބޯމަތިވެފައިވާ ކާބޯތަކެތީގެ ކާރިސާ ހުއްޓުވޭނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެން ކަމަށް އެ ގައުމުން ބުނެފި އެވެ.

"ކާބޯތަކެތީގެ މައްސަލަ ހައްލު ކުރުން ގުޅިފައި ވަނީ ވަރަށް ބައިވަރު ކަންކަމާ. އޭގެ ތެރޭގައި ރަޝިއާގެ އެކްސްޕޯޓްތަކާއި މާލީ މުއާމަލާތްތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން ހިމެނޭ،" ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަންޑްރެއި ރުޑެންކޯ ވިދާޅުވި އެވެ.

"އެކަމުގައި ދެން ހިމެނޭ އަނެއް ކަމަކީ މަނަވަރުތައް ޑޮކްކޮށްފައިވާ ހުރިހާ ބަނދަރެއް ޔޫކްރެއިނުން ޑީމައިން ކުރުން. އެ ބަނދަރުތަކުގައި ނުރައްކަލެއް ނެތް ނަމަ، ރަޝިއާ އޮންނާނީ މުދަލުގެ އެކްސްޕޯޓަށް ބޭނުންވާ މަގު ދައްކައިދޭން ތައްޔާރަށް،" ރުޑެންކޯ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާއި، ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އެ ދެ ގައުމުގެ އެކްސްޕޯޓަށް ވަނީ ހުރަސް އެޅިފަ އެވެ. އެހެންވެ، ދަނޑުވެރިކަމަށް ބޭނުންވާ ފާޓިލައިޒާ، ގޮދަން އަދި އެހެން ބައެއް މުދަލުގެ އަގު ވަނީ އުފުލިފަ އެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިއާއަށް ތުހުމަތު ކުރަނީ ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރާ ހަތިޔާރަކަށް ބަނޑުހައި ހޫނުކަން ހަދައިގެން އުޅޭ ކަމަށެވެ. ދުނިޔޭގައި އުފައްދާ ގޮދަނުގެ 30 ޕަސެންޓު ލިބެނީ ރަޝިއާ އާއި ޔޫކްރެއިނުންނެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ބަނދަރުތަކުގައި ތާށިވެފައިވާ ގޮދަނުގެ ޝިޕްމަންޓްތައް އެކްސްޕޯޓް ކުރެވޭނެ ގޮތް ހެދުމަށް އދ. އިން ވަނީ ރަޝިއާއަށް ގޮވާލާފަ އެވެ.