Advertisement

ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ އެއް ދައުވާ އަނބުރާ ގެންގޮސްފި

25 މޭ 2022 - 14:52 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ނިހާން ޝަރީއަތުގެ މަޖިލީހުގައި: އޭނާއަށް ކުރާ އެއް ދައުވާ އަނބުރާ ގެންގޮސްފި


ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ އެއް ދައުވާ އަނބުރާ ގެންގޮސްފި

25 މޭ 2022 - 14:52 0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާގެ ތެރެއިން ރިޝްވަތު ހިފުމުގެ އެއް ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވާ ކަން މިއަދު ހާމަކޮށްފި އެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ސިޓީއެއް އެކަމާ ގުޅިގެން ލިބިފައިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ ނިހާންގެ މައްޗަށް އެ ކޯޓުގައި ހިނގަމުންދާ ހަ ގަޒިއްޔާގެ ތެރެއިން އެއް ގަޒިއްޔާ އުނިކޮށް އޭގައި އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދި ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށެވެ.

"ދައުލަތުގެ ސިޓީއެއް ކޯޓަށް ލިބިފައިވޭ، އޭގައި ވަނީ މި ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކުގެ ތެރެއިން 2020 ވަނަ އަހަރުގެ 879 ވަނަ ގަޒިއްޔާ (ނިހާންގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާ) އަނބުރާ ގެންދަން ނިންމާފައިވާކަން،" ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

ޝަރީއަތުގެ އަޑުއެހުން ފަށަމުން މިކަން އެންމެ ފުރަތަމަ ފާހަގަކޮށްދިނީ ދިފާއުންނެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދައުލަތުން ލިޔުމުން ރައްދު ޖަވާބު ފޮނުވާފައިވަނީ ވެސް އެ ގަޒިއްޔާ ނުހިނަމާ ކަމަށް ނިހާންގެ ދިފާއީ ވަކީލު ހުސްނީ މުބާރަކް ވެސް ވިދާޅުވި އެވެ.

ދައުލަތަށް ދިން ފުރުސަތު ދައުލަތުގެ ޕްރޮސެކިއުޓަރު އައިޝަތު ޝާމާ ނަސީރު ވިދާޅުވީ ދައުލަތުން އެ ދައުވާ އަލުން މުރާޖައާ ކުރީ ކަމަށެވެ. އަދި، މުރާޖައާކޮށް އެއީ އަނބުރާ ގެންދަން މި ވަގުތަށް ޖެހޭ ދައުވާއެއް ކަމަށް ފެންނާތީ އަނބުރާ ގެންދަން ހުށަހެޅީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ފަހުން މައުލޫމާތު ދެއްވި ގޮތުގައި އެއީ އެ މައްސަލާގައި މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާތީ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންދަން ދައުލަތުން ނިންމީ އެވެ.

އެ ދައުވާއަކީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު އަދީބު މެދުވެރިވެގެން އެސްއޯއެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ނިހާނަށް ލިބިފައިވާ ކަމަށް ބުނާ މައްސަލާގައި އުފުލާފައިވާ ދައުވާއެކެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކީ ވެސް މި މައްސަލައާ ގުޅިގެން އުފުލި ދައުވާއެކެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތަށް ވެސް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދީފަ އެވެ. އެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ.

ދައުލަތުން ހުށަހެޅީ ދިފާއީ ހެކިތަކެއް ބަލައިނުގަންނަން

ނިހާންގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތަކަކީ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުންނާއި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކުރެވޭ ކަންކަން ވަކި ކަމެއް ކުރުމުގެ މުގާބިލުގައި ކުރި ކަމެއް ގޮތުގަ އެވެ.

އެހެންވެ ދިފާއުގައި ނިހާންގެ ފަރާތުން ވަނީ މާލިއްޔަތު ކޮމިޓީގައި އޭރު ތިއްބެވި މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެންބަރުންނާއި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ އިދާރީ މަސައްކަތްތައް ހަވާލުކޮށްފައިވާ މީހުން ވެސް ހުށަހަޅާފަ އެވެ.

އޭގެ ތެރޭގައި މާލިއްޔަތު ކޮމިޓީގައި އޭރު ތިއްބެވި، މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ވެސް ހިމެނެ އެވެ.

ދައުލަތުގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ހިނގަމުން ދިޔަ އާންމު އުސޫލާއި، މަޖިލީހުގައި އޮންނަ މައްސަލަތަކަށް ސިޔާސީ ޕާޓީތަކުން ވިޕްލައިން ނެރޭ ގޮތާ މެދު ދައުލަތުގެ ދެބަސްވުމެއް ނެތެވެ.

އަދި، ދައުލަތުން ކުރާ ދައުވާތަކަކީ އެކަމާ ގުޅުން އޮތް ދައުވާތަކަކަށް ނުވާތީ އެ ހެކިތަތަކީ ދައުވާތަކާ އެއްވެސް ގުޅުމެއް އޮތް ހެކިތަކެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންވެ، އެ ހެކިތައް ބަލައިނުގަންނަން ދައުލަތުން ހުށަހެޅި އެވެ.

އަދީބުގެ ފޯނު ތަހުލީލުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގެ ސައްހަކަން ކަށަވަރު ކުރަން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހެއްކެއްގެ ގޮތުގައި ނިހާން ހުށަހެޅުއްވިއިރު، އެ ހެކިތައް ބަލައިނުގަންނަން ވެސް ދައުލަތުން ހުށަހެޅި އެވެ.

އެކަމުގައި ދައުލަތުގެ ވަކީލުން ފާހަގަކުރައްވާ ކަމަކީ އެ ދެ ފަރާތަކީ ވެސް ތަހުލީލު ރިޕޯޓެއްގެ ސައްހަކަން ވަޒަން ކުރެވޭ ވަރުގެ މާހިރުންނަށް ނުވުމެވެ.

އެ ފޯނާ ގުޅޭ ގޮތުން އަލްޖަޒީރާގެ "ސްޓީލިން ޕެރެޑައިޒް" ޑޮކިއުމަންޓަރީއަށް އަލީ ވަހީދު އިންޓަވިއުއެއް ދެއްވާފައިވާއިރު، ޝަމީމް އާއި މަހްލޫފް ވަނީ އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ޓްވީޓްތަކެއް ވެސް ކުރައްވައިފަ އެވެ. ދިފާއުން އެ ހެކިތައް ހުށަހެޅި ބޭނުމަކީ ވެސް އެ ކަންކަން ސާފު ކުރުމެވެ. ޝަމީމް ކުރިން ހުންނެވީ ވެސް އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.

ދިފާއުން ސުވާލު އުފެއްދީ މޯބައިލް ފޮރެންސިކް ރިޕޯޓަށް

ޝަރީއަތުގެ ކުރިން ދިފާއުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި އަދީބުގެ ހެކިބަހާއި އަދީބުގެ ފޯނު ތަހުލީލުކޮށް ތައްޔާރުކޮށްފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓް ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިނުގަންނަން ހުށަހެޅުއްވި އެވެ.

ނިހާންގެ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ އަދީބުގެ ފޯނު ފުލުހުންގެ އަތަށް އައިސްފައިވާ ގޮތާއި، އެ ކަމުގައި ފުލުހުންގެ ތަހުގީގުން އަމަލު ކުރަން ޖެހޭ 'ޗެއިން އޮފް ކަސްޓަޑީ'އާ މެދު ސުވާލުތަކެއް އުފެދޭ ކަމަށެވެ. ތަހުގީގުގެ ކުރިއަށް އެ ފޯނުގައިވާ ތަކެތީގެ މައްޗަށް ޑޮކިއުމަންޓަރީތަކެއް ވެސް ހެދިފައިވާއިރު ފޯނު މެދުވެރިކޮށް ބައެއް ތަކެތި އުފެއްދީ ކަމާ މެދު ވެސް ސުވާލު އުފެއްދޭ ކަމަށެވެ.

އަދީބުގެ ހެކި ބަލައިނުގަންނަން ހުށަހެޅި ސަބަބެއްގެ ގޮތުގައި މުބާރިކް ވިދާޅުވީ އަދީބަކީ ހިޔާނާތުގައި ބައިވެރިވިކަމަށް އަމިއްލަ އިއުތިރާފުން އެއްބަސްވެފައިވާ މީހަކަށްވެ ހުކުމެއްގައި ހުންނެވުމެވެ. އަދި، އަދީބު ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރި އިރު ނިހާނަކީ ވެސް މަޖިލީހުގެ މެންބަރަކަށް ވާތީ އެ ކަމުގެ "ހަސަދަވެރިކަން" އޮވެދާނެ ކަމަށް ބެލެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވާ އުފުލާފައިވަނީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނޫން ކަމަށް ކަނޑައަޅަައިދޭން ވެސް ހުށަހެޅުއްވި އެވެ. އެެއީ އެ މައްސަލަ ތަހުގީގު ކުރީ ރައީސް ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީގެ ކޮމިޝަނުން ކަމަށާއި، އެ ކޮމިޝަންގެ ހާއްސަ ގާނޫނުގައި އޮންނަނީ ރައީސްގެ ލަފާފުޅާއެކު އެ ކޮމިޝަނުން ދައުވާ ކުރަން ފޮނުވުމަށް ކަމަށް ވަކީލު ހުސްނީ ވިދާޅުވި އެވެ.

ދައުވާ ކުރަން ފޮނުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަނީ އޭސީސީ އާއި، ރިޔާސީ ކޮމިޝަނާއި ފުލުހުން ހިމެނޭހެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. އެހެންވެ އެއިން ކޮންމެ އިދާރާއަކަށް ވެސް ދައުވާ ކުރެވޭނެ ކަމަށް ދައުލަތުން ފާހަގަކުރައްވަ އެވެ.

ދިފާއުން ވަނީ ތަހުގީގީ ތިން އިދާރާއިން ގުޅިގެން ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން އެކުލަވާފައިވާ އެއްބަސްވުން ހާމަ ކޮށްދިނުމަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް، އެ އެއްބަސްވުން ދިނުމަށް ދައުލަތުން އިއުތިރާޒު ކުރި އެވެ. ސަބަބެއްގެ ގޮތުގައި ބުނީ މައްސަލައާ ގުޅުން އޮތް ކަމަކަށް ނުވާތީ އެވެ.