Advertisement

އިނގިރޭސި ސަރުކާރާއި ޕްރިމިއާ ލީގުން ޗެލްސީ ވިއްކާލި ޑީލް ބަލައިގެންފި

25 މޭ 2022 - 12:59 0

ޗެލްސީ ގަތް އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ: އޭނާގެ ގްރޫޕަކީ އިނގިރޭސި ސަރުކާރާ ގުޅުން ބޮޑު ވިޔަފާރިވެރިންތަކެއް.-- ފޮޓޯ: އޭއެފްޕީ


އިނގިރޭސި ސަރުކާރާއި ޕްރިމިއާ ލީގުން ޗެލްސީ ވިއްކާލި ޑީލް ބަލައިގެންފި

25 މޭ 2022 - 12:59 0

ލަންޑަން (މެއި 25) - އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަންނަން ހުށަހަޅާފައިވާ 5.2 ބިލިއަން ޑޮލަރުގެ ބިޑަށް ޗެލްސީން އެއްބަސްވެފައިވާއިރު، އެ ޑީލް ރަސްމީކޮށް ބަލައިގަންނަން އިނގިރޭސި ސަރުކާރާއި ޕްރިމިއާ ލީގު ނިންމައިފި އެވެ.

ޗެލްސީން ވަގުތީ ލައިސަންސެއްގެ ދަށުން މި މަހު 31 އާ ހަމަ އަށް ކްލަބް ހިންގަމުން އަންނައިރު، ޓޮޑްގެ ގްރޫޕްގެ ޑީލް ރަސްމީކޮށް ބަލައިގަނެފައިވާއިރު، އެ ކްލަބް ހިންގުމުގައި ދެން އެއްވެސް ހުރަހެއް ކުރިމަތިވާނެ ކަމަށް ނުބެލެވެ އެވެ. އެ ކްލަބްގެ އާ ޑައިރެކްޓަރުންގެ ލިސްޓް ވެސް މިހާރު ވަނީ އެޕްރޫވްވެފަ އެވެ.

ޗެލްސީގެ ޑީލް އެއްކޮށް ބަލައިގަންނަން ނިންމީ އެ ކްލަބްގެ ޑީލުން އެއްވެސް ފައިދާއެއް ކުރީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗަށް ނުލިބޭނެކަން ކަށަަވަރުކުރުމަށް ފަހު އެވެ. އަބްރަމޮވިޗް ވަނީ ފައިދާއެއް ނުނަގައި، ފައިސާ ޔޫކްރެއިން ހަނގުރާމައިގައި ހާލު ޖެހުނު މީހުންގެ ޗެރިޓީ ފަންޑަށް ހަދިޔާކުރަން ނިންމައިފަ އެވެ.

ރަޝިއާ އިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އިނގިރޭސި ސަރުކާރުން ރަޝިއާގެ ވިޔަފާރިތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް، އެ ޓީމު ވިއްކާލަން ނިންމީ މާޗް މަހު ދެ ވަނަ ދުވަހު އެވެ.

ބޯލީ ގްރޫޕްގައި ހިމެނެނީ އެމެރިކަން ފުޓްބޯޅަ (އެންއެފްއެލް) ކްލަބް، ލޮސް އެންޖެލެންސް ޑޮޖާސްގެ އެއް ވެރިޔާ މާކް ވޯލްޓާ، ސްވިޒަލެންޑްގެ ބިލިއަނަރު ހަންސްޔޯގް ވިސް އަދި އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި، ކްލިއާލޭކް ކެޕިޓަލް އެވެ.

"ލިބިފައިވާ ބިޑްގެ 2.5 ބިލިއަން ޕައުންޑް (3 މިލިއަން ޑޮލަރު) ހަރަދުކުރާނީ ހިއްސާ ގަތުމަށް ފަހު ކްލަބްގެ ފްރީޒް ކޮށްފައިވާ އެކައުންޓަށް ޑިޕޮސިޓް ކުރުމަށް. މީގެ ބޭނުމަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެއްބަސްވެފައިވާ ގޮތަށް ޗެރިޓީ އަށް ހަދިޔާކުރަން ކުރެވޭ ކަމެއް،" ޗެލްސީން މީގެ ކުރިން ބުނެފައިވެ އެވެ.

ބިޑްގައި ހިމެނޭ ބާކީ ފައިސާ އަކީ ކްލަބްގެ އެކި ޕްލޭންތަކަށް އިންވެސްޓްކުރެވޭނެ ފައިސާ ކަމަށް ޗެލްސީން ވަނީ ބުނެފަ އެވެ.

ރަޝިއާގެ ސިޔާސީ ދާއިރާގައި ވެސް ނުފޫޒު ގަދަ ފަރާތެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަބްރަމޮވިޗް ޗެލްސީ ގަތީ 2003 ވަަނަ އަހަރު އެވެ. އޭނާގެ ދައުރުގައި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމަކީ ޗެލްސީ އެވެ. އަބްރަމޮވިޗް ޗެލްސީ ގަތް ފަހުން އެ ކްލަބުން ވަނީ 50 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދައި، ކްލަބްގެ ތާރިހުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

އަބްރަމޮވިޗް ހަވާލުވި ފަހުން ޗެލްސީ އަށް ތަފާތު 13 ކޯޗުން އިރުޝާދުދިންއިރު، 21 ތަށި ހޯދި އެވެ. އަބްރަމޮވިޗް ވަނީ ޗެލްސީ އަނެއް ހަރުފަތަށް ގެންދަން ދެ މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކްލަބަށް ދީފަ އެވެ. އެ ޓީމު ދޫކޮށްލަން ނިންމިއިރު، އަބްރަމޮވިޗް ކްލަބްގެ ބޯޑަށް އެންގީ އެ ލޯން އަނބުރާ ނުދައްކައި، ކްލަބްގެ އެކި ޑިވެލޮޮޕްމަންޓް ކަންކަމަށް ހަރަދުކުރުމަށެވެ. ހާއްސަކޮށް ސްޓޭޑިއަމް ތަރައްގީ ކުރުމުގެ ޕްލޭނަށް ގިނަ ފައިސާ އިންވެސްޓްކުރަން އަބްރަމޮވިޗް އެދުނެވެ.