Advertisement

އޭސީސީއަށް ހުށަހެޅޭ މައްސަލަތަކަށް އިސްކަންދޭނެ އުސޫލެއް

25 މޭ 2022 - 12:38 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އޭސީސީއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަނީ. -ފައިލް ފޮޓޯ


އޭސީސީއަށް ހުށަހެޅޭ މައްސަލަތަކަށް އިސްކަންދޭނެ އުސޫލެއް

25 މޭ 2022 - 12:38 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައި، މައްސަލަތައް ތަރުތީބު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުން ބުނީ މި އުސޫލުގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ނުވަތަ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް އިސްކަންދެވޭނެ މަރުހަލާތަކާއި، އާންމު އުސޫލެއްގެ ގޮތުން ހާއްސަ އިސްކަމެއް ދީގެން މައްސަލަ ތަހުގީގު ކުރުމަށް ނިންމާނެ ހާލަތްތައް ކަނޑައަޅާފައިވާނޭ ކަމަށެވެ.

"މި އުސޫލަކީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމުގައި އަމަލުކުރެވެނީ އެއްހަމައަކުން، ދެފުށްފެންނަ ގޮތުގައިކަން ޔަގީންކުރުމަށާއި، އަދި މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރެވެނީ ޖަވާބުދާރީ ކުރެވެނިވި ނިޒާމެއްގެ ތެރެއިންކަން ކަށަވަރު ކުރުމަށާއި، ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމަށް ނިންމާ ނިންމުމަކީ ޒާތީ ތައައްސުބުންނާއި ނުފޫޒުން އެއްކިބާވެ ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރުކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ،" އެ ކޮމިޝަނުން ބުންޏެވެ.

އުސޫލުގައި ބުނަނީ ކީކޭ؟

އޭސީސީން މިހާރު އަމަލުކުރަން ފަށާފައިވާ އުސޫލުގެ ދަށުން ޕްރެލިމިނަރީ އިންވެސްޓިގޭޝަން އަދި ތަހުގީގު ކުރުމުގެ މަރުހަލާގައި އެ މައްސަލައަކަށް އިސްކަންދޭން ކަނޑައެޅިދާނެ އެވެ.

އަދި ހާއްސަ އިސްކަމެއްދީގެން ތަހުގީގު ކުރުމަށް ނިންމޭ ހާލަތްތައް ވެސް އެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިގޮތުން، ވަކި މުއްދަތެއްގެ ތެރޭގައި ތަހުގީގު ނުނިންމައިފިނަމަ ދައުލަތަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތުމާއި، މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށްވުމާއި މައްސަލައިގެ ހެކި ނައްތާލަފާނެ ކަމުގެ ފުރުސަތު އޮތުން އެ ހާލަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން، ފައިސާގެ އަދަދުގެ ގޮތުންނާއި، ބައެއްގެ ނޫނީ ފަރުދެއްގެ ހައްގާ ގުޅިފައިވުމާއި ފައިސާގެ މުއާމަލާތެއް ނޫނީ މަޝްރޫއުއެއް މަޑުޖައްސާލަން ޖެހިފައި އޮތުން ވެސް ހާއްސަ އިސްކަމެއްދީގެން ތަހުގީގު ކުރެވޭ ހާލަތްތަކުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

އާ މެމްބަރުންނާއެކު އޭސީސީ އާ މިސްރާބަކަށް

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގުތައް ދިގުލައިގެންދާ ކަމުގެ ޝަކުވާއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ އޭސީސީގައި އޭރު ތިއްބެވި ހުރިހާ މެމްބަރުން އިސްތިއުފާ ވެސް ދެއްވި އެވެ. އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގައި އޮތުމަށްފަހު އަލުން އެކުލަވާލީ މާޗް 17، ގަ އެވެ.

އޭސީސީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އަލަށް އައްޔަނުކުރި މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފަ އެވެ.

އެގޮތުން، އާރުލާ ތަހުގީގު، އިދާރީ ފަހިކަން، ބާރުވެރި މުވައްޒަފުން، ޒަމާނީ ސުމޭކުކަން، ވަށައިޖެހޭ ވިޔަނުދިނުން އަދި މަސްލަހަތުވެރިންގެ އިތުބާރު ހިފެހެއްޓުމަށް އަމާޒުކޮށް ހާއްސަ ޕްލޭނެއް ވެސް ވަނީ އެކުލަވާލާފަ އެވެ.