Advertisement

އިންޑޯ ޕެސިފިކް ސަރަހައްދު އޮންނަން ވާނީ މިނިވަންކަން މަތީގައި: ކުވޮޑް

ކުވޮޑް ގައުމުތަކުގެ ވެރިން. -- ފޮޓޯ: ދަ ޔޮމިއުރީ ޝިމްބުން


އިންޑޯ ޕެސިފިކް ސަރަހައްދު އޮންނަން ވާނީ މިނިވަންކަން މަތީގައި: ކުވޮޑް

އިންޑޯ ޕެސިފިކް ސަރަހައްދު އޮންނަން ވާނީ މިނިވަންކަން މަތީގާއި "ހުޅުވާލެވިފައި" ކަމަށް ވިދާޅުވެ، ކުވޮޑް ގައުމުތަކުގެ ވެރިން ގުޅިގެން މަސައްކަތް ކުރަން ނިންމަވައިފި އެވެ.

ކުވޮޑް ގްރޫޕްގައި ހިމެނެނީ އެމެރިކާ، އޮސްޓްރޭލިއާ، ޖަޕާން އަދި އިންޑިއާ އެވެ. އެ ގައުމުތަކުގެ ވެރިން އަންގާރަ ދުވަހު ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބައްދަލުކުރައްވާފަ އެވެ.

ކުވޮޑް ސަމިޓުގެ އެޖެންޑާގައި މަޝްވަރާ ކުރި ކަންކަމުގެ ތެރޭގައި ޗައިނާ އާއި ރަޝިއާއިން ޔޫކްރެއިންގައި ކުރާ ހަނގުރާމަ އާއި އުތުރު ކޮރެއާ ހިމެނެ އެވެ.

"އަޅުގަނޑުމެން ހަތަރު ގައުމުގެ އެއްބައިވަންތަކަމާއި، މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކް ސަރަހައްދެއް ދަމަހައްޓަން އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ދުނިޔެއަށް ދައްކައިދިނުން ވަރަށް މުހިއްމު،" ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ކުރާ ހަނގުރާމައަށް އިޝާރާތް ކުރައްވައި، ކިޝީޑާ ވިދާޅުވީ "އެފަދަ ކަމެއް އިންޑޯ ޕެސިފިކްގައި ހިނގަން ދުވަހަކު ވެސް ފުރުސަތު ދީގެން ނުވާނެ" ކަމަށެވެ.

މި ހަފްތާގައި ބޮޑު ވަޒީރު ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އޮސްޓްރޭލިއާގެ އެންތަނީ އަލްބަނީޒް ވިދާޅުވީ އޮސްޓްރޭލިއާގެ އާ ސަރުކާރުން އިސްކަން ދޭ ކަންކަމާއި ކުވޮޑްގެ ވިސްނުން އެއް ގޮތް ކަމަށެވެ.

"އޮސްޓްރޭލިއާގެ ސަރުކާރު ބަދަލުވެއްޖެ. އެކަމަކު އޮސްޓްރޭލިއާއިން ކުވޮޑްއާ މެދު ދެކޭ ގޮތް ބަދަލެއް ނުވޭ. ބަދަލެއް ނުވެސް ވާނެ،" އަލްބަނީޒް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ކުވޮޑްގެ މަސައްކަތް ފުޅާވެފައިވާ ކަމަށާއި އެ ގްރޫޕުގެ ބާރާއި ނުފޫޒު ވެސް ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މެދުގައި އޮތް އިތުބާރާއި ވަރުގަދަ އަޒުމުގެ ސަބަބުން ޑިމޮކްރެޓިކް ބާރުތަކާއި އާ ޖޯޝަކާއި ހަކަތަ ލިބިގެން އެބަދޭ،" މޯދީ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ކުވޮޑްއަކީ އިންޑޯ ޕެސިފިކްގެ ގަދަ ބާރެއް ކަމަށާއި އެ ގްރޫޕްގެ މެމްބަރުންނާ އެކު އެމެރިކާ ދެމިއޮންނާނެ ކަމަށެވެ.