Advertisement

ބުޝް އަވަހާރަކޮށްލަން ރޭވި އިރާގު މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް. -- ފޮޓޯ: އޭއެފްޕީ


ބުޝް އަވަހާރަކޮށްލަން ރޭވި އިރާގު މީހަކު ހައްޔަރުކޮށްފި

ވޮޝިންޓަން، އެމެރިކާ (މޭ 25) - އެމެރިކާއިން ރައްކާތެރިކަން ހޯދައިގެން ދިރިއުޅެމުން ދިޔަ އިރާގުގެ ރައްޔިތަކު، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ހައްޔަރު ކުރީ އުމުރުން 52 އަހަރުގެ ޝިހާބް އަހްމަދު ޝިހާބް ކަމަށެވެ. އެފްބީއައިގެ އަންޑާކަވާ އެޖެންޓެއްގެ ކައިރީގައި އޭނާ ބުނީ މެކްސިކޯ އާއި އެމެރިކާ ގުޅޭ ބޯޑަރުން ގަވާއިދާ ހިލާފަށް އިތުރުރު ހަތަރު އިރާގު ރައްޔިތުން އެމެރިކާއަށް ގެނެސް، ރޭވުން ތަންފީޒު ކުރާނެ ކަމަށެވެ.

އެކަމުގައި ބައިވެރިވާން ނިންމި މީހުންގެ ތެރެއިން ދެ މީހުންނަކީ ކުރިން އިރާގުގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރި ދެ މީހުންނެވެ. ބާކީ ތިބި މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ނުވަތަ "އަލް ރައީދް" ހަރުކަށި ގްރޫޕުގެ މެމްބަރުންނެވެ.

ޝިހާބް ބުނެފައި ވަނީ 2003 ވަނަ އަހަރު އެމެރިކާގެ ސިފައިން އިރާގަށް ފޮނުވައި ހަނގުރާމަ ފެއްޓެވި ބުޝް އަވަހާރަކޮށްލަން ބޭނުން ވަނީ "ގިނަ އަދަދެއްގެ އިރާގު ރައްޔިތުން މެރުމާއި މުޅި އިރާގު ސުންނާފަތި ކުރުމުގެ ފަހަތުގައި" ބުޝް ހުންނެވުމުން ކަމަށެވެ.

އޭގެ އިތުރުން ޝިހާބް ބުނީ އޭނާއަކީ އައިއެސްގެ ކުރީގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީއާ ދެބެއިންގެ ދެދަރި މީހެއް ކަމަށާއި މީގެ ކުރިން ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން މަރާފައި ވާނެ ކަމަށެވެ.

އޭނާ ހައްޔަރު ކުރި އަންގާރަ ދުވަހު އެވެ. ޝިހާބް އާއި އެފްބީއައިގެ ސިއްރު އެޖެންޓު ވަނީ ބުޝްއާ ގުޅުން ހުރި ގިނަ ތަންތަން މޮނީޓާކޮށް، ބަޑި ހޯދާނެ ގޮތްތަކާއި، ސެކިއުރިޓީ ޔުނިފޯމާއި ހަމަލާގައި ބޭނުން ކުރާނެ އުޅަނދު ހޯދާނެ ގޮތްތަކާ މެދު ވެސް މަޝްވަރާކޮށްފަ އެވެ.

ޝިހާބް އެމެރިކާއަށް އެތެރެވީ ސެޕްޓެމްބަރު 2020 ވަނަ އަހަރު ވިޒިޓާ ވިސާއެއްގެ ދަށުންނެވެ. އޭނާގެ ވިސާގެ މުއްދަތު ހަމަވުމުން، އެމެރިކާގެ ރައްކާތެރި ކަމަށް އެދުނީ މާޗް 2021 ގަ އެވެ.