Advertisement

ޔޫއޭއީއިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފި

މީގެ ކުރިން ގަލްފްގެ ގައުމަކުން މަންކީޕޮކްސް ފެނިފައެއް ނުވޭ. -- ފޮޓޯ: ރޮއިޓާޒް


ޔޫއޭއީއިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފި

ޔުނައިޓެޑް އަރަމް އެމިރޭޓްސް (ޔޫއޭއީ) އިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. މިއީ އެ ބަލި ގަލްފުގެ ގައުމަކުން ފެނުނު ފުރަތަމަ ފަހަރެވެ.

ޔޫއޭއީގެ އޮފިޝަލުން ބުނީ މަންކީޕޮކްސް ޖެހިފައި ވަނީ ހުޅަނގު އެފްރިކާގެ ގައުމަކުން ޔޫއޭއީއަށް އެތެރެވި އުމުރުން 29 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާއަށް ދަނީ ސިއްހީ ފަރުވާ ފޯރުކޮށްދެމުންނެވެ.

ޔޫރަޕާއި އުތުރު އެމެރިކާގެ ގައުމުތަކުން މަންކީޕޮކްސްގެ ކޭސްތައް ފެނުން ވަނީ އިތުރުވެފަ އެވެ. މެދުއިރުމަތިން އެ ބަލި އެންމެ ފުރަތަމަ ފެނުނީ އިޒްރޭލުންނެވެ. މަންކީޕޮކްސްއަކީ އެފްރިކާގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ފެންނަ ބައްޔެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ މަންކީޕޮކްސްގެ އަލާމާތްތައް ހުންނާނީ 2-4 ހަފްތާއަށް ކަމަށެވެ. ބައެއް ހާލަތްތަކުގައި ހާލަތު ގޯސްވެ އެވެ. ބަލި ޖެހޭ މީހުންގެ 3-6 ޕަސެންޓް މީހުން މަރުވެ އެވެ.

އިންސާނުންގެ ގަޔަށް އާއްމުކޮށް މަންކީޕޮކްސް އަރަނީ އެ ބަލި ޖެހިފައިވާ ޖަނަވާރުންނާ "ކްލޯޒް ކޮންޓެކްޓް" ވުމުންނެވެ. ޑަބްލިއުއެޗްއޯއިން ބުނީ މިއީ ފާނަބަސަންދު ފަދައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ވައިރަހެއް ކަމަށެވެ.

ޔޫއޭއީއިން ބުނީ އެ ގައުމުން ކޭސްއެއް ފެނުމާ އެކު ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށާއި ބަލި މީހާގެ ކޮންޓެކްޓުން ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.