24 މޭ 2022 - 17:49 0
މުހައްމަދު ނަސީމް
ސިވިލް ސާވިސް ކޮމިޝަނުން މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކޮމިޝަނުން ބުނީ ކައުންސިލްތަކަށް މީހުން ނަގަން ހުރަހެއް ނެތް ކަމަށް.
24 މޭ 2022 - 17:49 0
ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން ހުއްދަ ނުދޭ ކަމަށް ބުނެ ބައެއް ކައުންސިލްތަކުން ދައްކަމުންދާ ވާހަކަތައް އެ ކޮމިޝަނުން މިއަދު ދޮގުކޮށްފި އެވެ.
ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުތަކާ ބެހޭ ގޮތުންނާއި މުވަައްޒަފުން ނަގަން ހުއްދަ ނުދޭ ކަމަށް ބުނެ މައުލޫމާތު ފަތުރަމުން ދަނީ އޮޅުން އަރާ ގޮތަކަށް ކަމަށް ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދަން އިއުލާނުކުރުމުގެ ކުރިން ސީއެސްސީގެ ހުއްދަ ހޯދަން ނުޖެހޭނެކަން ކައުންސިލްތަކަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...އަދި އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާ އެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ،" ސީއެސްސީގެ ބަޔާނުގައި ބުންޏެވެ.
އިދާރީ އޮނިގަނޑުގެ ބޭރުން ވަކި ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނަގަން ވެސް ހުއްދަދެމުން އަންނަ ކަމަަށާއި އިދާރީ އޮނިގަނޑު އެކުލަވައިލާނެ އުސޫލުވެސް އެކުލަވައިލާ އާއްމުކޮށްފައި ވާނެ ކަމަށް ވެސް ސީއެސްސީން ބުންޏެވެ. އެ އުސޫލުގެ ދަށުން އޮނިގަނޑު އެކުލަވައިލުމަކީ ކައުންސިލްތަކުގެ އިދާރާތަކުގެ ޒިންމާއެއް ކަމަށް ވެސް ސީއެސްސީގެ ބަޔާނުގައި ބުންޏެވެ.
މުވައްޒަފުން ހޯދޭނެ އެންމެ ފަހު ގޮތެއް ކަމަށް އެކޮމިޝަނުން ބުނީ އޮނިގަނޑު ފާސްނުވިޔަސް، މުވައްޒަފުން ހޯދަން ކައުންސިލްގެ އިދާރާގެ ބަޖެޓުން ހަރަދުކުރެވެން އޮތުމެވެ. އެގޮތަށް މުވައްޒަފުން ނަގަން ވެސް ހުއްދަ ދެމުން އަންނަ ކަމަށް ބުންޏެވެ.
ސީއެސްސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު މާލެ ސިޓީ ކައުންސިލަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މުވައްޒަފުން ނެގުމުގައި ދަތިތައް ކުރިމަތި ކުރުވަނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށް ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment