Advertisement

72 ކިލޯ ޑްރަގްސް: ބޭރުކޮށްލި ދައުވާތައް ހައި ކޯޓުގައި އިސްތިއުނާފު ކުރަނީ

24 މޭ 2022 - 17:52 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

72 ކިލޯ ޑްރަގް މައްސަލާގައި ދައުވާތަކުން ސަލާމަތްވި ދެ މީހުން: ހައި ކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފައި --- ފޮޓޯ: ފުލުހުން


72 ކިލޯ ޑްރަގްސް: ބޭރުކޮށްލި ދައުވާތައް ހައި ކޯޓުގައި އިސްތިއުނާފު ކުރަނީ

24 މޭ 2022 - 17:52 0

"މަސްޖަރީ 2" ނަމަކަށް ކިޔާ ދޯންޏެއްގައި، ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލި މީހުންގެ ތެރެއިން ދެ މީހެއްގެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ޑިސެމްބަރު 8، 2020 ގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި، ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް، 27، އާއި ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް، 34، ގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، މި މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު، 32، އަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތު ކުރަން ހުށަހެޅި 45 ހެއްކެއް ބަލައިނުގަންނަން ނިންމި ނިންމުން ވެސް އިސްތިއުނާފް ކުރަން ވަނީ ނިންމައިފަ އެވެ.

"އިސްތިއުނާފު ކުރުމަށް ޓަކައި މާދަމާގެ ވަގުތެއްގައި ރާއްޖޭގެ ހަ އިކޯޓަށް ހުށަހަޅާނަން،" ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މީޑިއާތަކަށް ހިއްސާ ކުރެއްވި ބަޔާނުގައިވެ އެވެ.

ކޯޓުން ބޭރުކޮށްލީ މުހައްމަދު އަކްރަމްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެއް އަދި ވެސް ކޯޓުގައި ކުރިއަށް އެބަ ހިނގަ އެވެ.

މުހައްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.

ގާޒީ ހަސަން ސައީދު އިއްވި ހުކުމުގައިވާ ގޮތުން، އެ ތިން ދައުވާ ވެސް މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ރ.) އާ ހިލާފަށް ކަން ޝަރީއަތަށް ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.

ގާޒީ އެ ގޮތަށް ނިންމެވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި އޭގެ ހުށަހެޅުމެއްގެ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ތަހުގީގު ކުރި މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެ ދައުވާ ލިބޭ އެ ދެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދެ ފަރާތުން ކުރި ބަހުސަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.

މި މައްސަލާގައި ދައުވާ އުފުލިފައިވާ މީހުން

  • ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ، އަހުމަދު ނަސީރު، 38 އަހަރު
  • ކ. މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދު އަހުމަދު، 37 އަހަރު
  • ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް، 27 އަހަރު
  • ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިޝާމް، 26 އަހަރު
  • ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޗަރީފް، 34 އަހަރު
  • ތ. ތިމަރަފުށީ، ތަޑިރަތްމާގެ، މުހައްމަދު ވަޖީހު، 35 އަހަރު
  • ރ. ރަސްގެތީމް، ފީރޯޒްގެ، އަހުމަދު ޝިނާން، 30 އަހަރު

މި މަސްތުވާތަކެތި މާލެއަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ ފަރީދީމަގުންނެވެ. އެ ކާރު ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރީ ދެ ސޫޓްކޭހާއި ދެ ގޯނީގަ އެވެ. ސޫޓް ކޭސްތަކުން ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯންޏަށެވެ. ހުރިހާ ތަކެއްޗެއްގެ ބަރުދަން 72 ކިލޯއަށް އަރަ އެވެ.