Advertisement

ރިހިވެލި މައްސަލައިގެ ހުކުމް ލަސްވާތީ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް

24 މޭ 2022 - 15:24 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ރިހިވެލި މައްސަލައިގެ ހުކުމް ލަސްވާތީ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް

24 މޭ 2022 - 15:24 0

ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ރިހިވެލި ބީޗް ރިސޯޓްއާ ގުޅޭ ގޮތުން ހައި ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ހުކުމް ލަސްވާތީ އެ މައްސަލަ ކޯޓުގައި ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ހުސައިން ޝަހީދުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފި އެވެ.

އެ ރިސޯޓްގެ ވެރިފަރާތް މަހާލް ޓުއާސް އިން ރިސޯޓް ހިންގަން ސަބް ލީޒް ކުރީ ފްރާންސްގެ ސޭވް ދަ ޑްރީމްސްއަށެވެ. ސިވިލް ކޯޓުގައި ދެ ފަރާތުގެ މެދުގައި ހިނގި މައްސަލަ އެ ކޯޓުން ނިންމީ ސޭދް ދަ ޑްރީމްއާ ދެކޮޅަށެވެ.

ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ހުކުމް އިއްވުން ލަސްވާތީވެ ސޭވް ދަ ޑްރީމް ތަމްސީލް ކުރާ ދަ ލިޖިޓެންޓްސް ލޯ ފާމުން ވަނީ ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނަށް އެޑްރެސްކޮށް މައްސަލަ ހުށަހަޅައިފަ އެވެ.

"މި މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމް ކުރުން ލަސްވާތީ ހުކުމްކުރުން ލަސްވާ ސަބަބަކީ ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑާ ހެދި ދިމާވާ ސަބަބެއް ކަމުގައިވާނަމަ އެ ކަމަށް ފިޔަވަޅު އަޅާ ދެއްވުމަށް އެދި އެވެ." ޖޭއެސްސީއަށް ފޮނުވި ސިޓީގައިވެ އެވެ.

މައްސަލައިގެ ކުރީކޮޅުގައި ވެސް ސޭވްދަ ޑްރީމްގެ ފަރާތުން ފަނޑިޔާރުންގެ ބެންޗުގެ ޝަކުވާއެއް ޖޭއެސްސީއަށް ހުށަހެޅި އެވެ. އެ ފަހަރު އެ ކޮމިޝަނުން ނިންމީ އެ މައްސަލާގައި އެ ކޮމިޝަނުން ބަލާ ޒާތުގެ މައްސަލައެއް ނެތް ކަމުގަ އެވެ.

އެ ރިސޯޓުގެ ވެރިފަރާތް ކަމުގައިވާ މާހަލް ޓުއާސްގެ ޑިރެކްޓަރު، މއ. ތަނޑިނޫމާގެ ހުސެއިން ޝިހާމް ގެންދަނީ މި ނޫނަސް ގިނަ މައްސަލަތަކެއް ސިވިލް ކޯޓަށް ހުށަހަޅަމުންނެވެ. ސޭވް ދަ ޑްރީމްއާ ދެކޮޅަށް ބައެއް މައްސަލަ ހުށަހަޅަނީ "ޖެއްސުންކުރަން" ކަމަށް ވެސް ދާދި ފަހަކުން އެ ކޯޓަށް ހުށަހެޅި މައްސަލައެއްގައި ނެރުނު ހުކުމެއްގައި ބުނެފައިވެ އެވެ.

ކ. މަހާނައެޅިހުރާގައި ހިންގަމުން ދިޔަ ރިހިވެލި ރިސޯޓުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ހުކުމާ ގުޅިގެން އެ ރިސޯޓު އޮޕަރޭޝަނަށް ގެންނަން ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައި އޮތް ހުއްދަ ވެސް އޮތީ ބާތިލްކޮށްފަ އެވެ.

ސަބްލީސް އެއްބަސްވުމެއްގެ ދަށުން ރިސޯޓް ހިންގަމުން ދަނިކޮށް، އެއްބަސްވުން އުވާލަން ނިންމާފައި މާހަލްއިން ވަނީ ސޭވް ދަ ޑްރީމްސްއަށް ނޯޓިސް ވެސް ފޮނުވައިފަ އެވެ. ސޭވް ދަ ޑްރީމްސްއިން ބުނާ ގޮތުގައި އެއްބަސްވުން އުވާލީ އޭގައިވާ އުސޫލުތަކާ ހިލާފަށެވެ.