24 މޭ 2022 - 14:33 0
ފާތިމަތު ސާޔާ އަހުމަދު
ސްރީލަންކާގެ ޕެޓްރޯލް ކިޔޫއެއް. -- ފޮޓޯ: އޭއެފްޕީ
24 މޭ 2022 - 14:33 0
ކޮލޮމްބޯ، ސްރީލަންކާ (މޭ 24) - އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ކާރިސާއެއް ކުރިމަތިވެފައިވާ ސްރީލަންކާގެ އަންގާރަ ދުވަހު ރެކޯޑް މިންވަރަށް ތެލުގެ އަގު މަތިކޮށްފި އެވެ.
ބޭރު ފައިސާ ނެތުމުގެ ސަބަބުން ޒަރޫރީ ކާބޯތަކެއްޗާއި ބޭސް އަދި ތެޔޮ އިމްޕޯޓް ކުރެވޭނެ ގޮތެއް ނެތުމުން ލަންކާގައި އާއްމު ދިރިއުޅުމަށް ވަނީ ހުރަސް އެޅިފަ އެވެ.
ހަކަތައާ ބެހޭ މިނިސްޓަރު ކަންޗަނާ ވިޖެސޭކަރަ ވިދާޅުވީ އަލަށް އައްޔަނު ކުރި "އިގްތިސާދީ ހަނގުރާމަ ކުރާ ކެބިނެޓުން" ތެލުގެ އަގު މަތި ކުރަން ފާސްކޮށްފައިވާ ކަމަށެވެ.
އާއްމު ދަތުރުފަތުރަށް ބޭނުން ކުރާ ޑީސެލް ލީޓަރެއްގެ އަގު 289 ރުޕީޒްއިން 400 ރުޕީޒްއަށް މަތިކޮށްފައިވާ އިރު، އެއީ 38 ޕަސެންޓުގެ އުފުލުމެކެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު 338 ރުޕީޒްއިން 420 ރުޕީޒްއަށް މަތިކުރި އެވެ.
ފާއިތުވި ހަ މަހުގެ ތެރޭގައި ސްރީލަންކާގައި ޑީސެލްގެ އަގު 230 ޕަސެންޓް އަދި ޕެޓްރޯލްގެ އަގު 137 ޕަސެންޓް މަތިވެފައިވެ އެވެ. ޑީސެލް އާއި ޕެޓްރޯލް ވެސް ލިބުން ވަރަށް ބޮޑަށް ދައްޗެވެ. އުޅަނދުތަކަށް ތެޔޮ އަޅަން ބޭނުން ނަމަ ބައެއް ފަހަރު ދުވަސްތަކެއް ވަންދެން ކިޔޫގައި ތިބެން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބޭރު ފައިސާގެ ދަތިކަމާ ހެދި މިދިޔަ މަހު ލަންކާގެ 51 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ޑީފޯލްޓްވެފައިވާ އިރު، އެ ގައުމުން ދަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަން މަޝްވަރާ ކުރަމުންނެވެ.
Comment