Advertisement

އަބޫ ދާބީގައި ގޭސް ފުޅިއެއް ގޮވައި ދެ މީހުން މަރުވެ 120 މީހުންނަށް އަނިޔާވެއްޖެ

އަބޫ ދާބީގައި ފޭސްފުޅި ގޮވި ސަރަހައްދުގައި އަލިފާން ނިއްވާ މީހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭޕީ


އަބޫ ދާބީގައި ގޭސް ފުޅިއެއް ގޮވައި ދެ މީހުން މަރުވެ 120 މީހުންނަށް އަނިޔާވެއްޖެ

އަބޫ ދާބީ، ޔޫއޭއީ (މޭ 24) - ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ރެސްޓޯރެންޓެއްގައި ގޭސް ފުޅިއެއް ގޮވުމުން ދެ މީހުން މަރުވެ، 120 މީހުންނަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ދެ މީހުން މަރުވެފައިވާ އިރު، 64 މީހުންނަށް ކުދި އަނިޔާ އަދި 56 މީހުންނަށް "މޮޑަރޭޓް" އަނިޔާ ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގެ ސަބަބުން ހަ އިމާރާތާއި ގިނަ އަދަދެއްގެ ފިހާރަ ހުންނަ ހިސާބެއްގައި އަލިފާން ރޯވި އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

ގެއްލުން ލިބުނު ހަތަރު އިމާރާތަކުން ރައްކާތެރިކަމާ އެކު މީހުން ނެރުނު އިރު، އެ ތަންތަނުގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ހާދިސާގައި އެއްވެސް ޝައްކު ކުރެވޭ ކަމެއް ހިމެނޭ ކަމަށް ފުލުހުން ފާހަގަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޖެނުއަރީ 17 ވަނަ ދުވަހު ޔަމަނުގެ ހޫތީން ފޮނުވި ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި އަބޫ ދާބީގެ ތެޔޮ ފެކްޓްރީއެއްގައި މަސައްކަތް ކުރާ ތިން މީހުން މަރުވި ހާދިސާއަށް ފަހު ޔޫއޭއީގެ އެލާޓް އޮތީ މަތިކޮށްފަ އެވެ.

އޭގެ ފަހުން ދިން އެފަދަ ތިން ހަމަލާ ހުއްޓުވާފައިވެ އެވެ. ޔޫއޭއީއަކީ ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގެ މެމްބަރެކެވެ.