Advertisement

ކުލި ނުދައްކާ ރިސޯޓުތަކުގެ ނަންތައް ހާމަކޮށްފި، އަހަރުތަކެއް ވެފައިވާ ހަތަރު ރަށެއް

24 މޭ 2022 - 15:12 4

އަމަން ހަލީމް

އަމަން ހަލީމް

ފިލިތެޔޮ އައިލެންޑް ރިސޯޓު: ކުލި ނުދައްކައިގެން މި ރިސޯޓުގެ ހުއްދަ ހިފަހައްޓާފައި ވަނިކޮށް އަލުން ހުއްދަ ދިނީ މި ސަރުކާރުން. -- ފޮޓޯ: ބުކިން.ކޮމް


ކުލި ނުދައްކާ ރިސޯޓުތަކުގެ ނަންތައް ހާމަކޮށްފި، އަހަރުތަކެއް ވެފައިވާ ހަތަރު ރަށެއް

24 މޭ 2022 - 15:12 4

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާ ހިންގަމުން އަންނަ 12 ރިސޯޓެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މި ނަންތައް މީރާއިން އާންމުކުރީ އަމީނީ މަގުގައި ހުންނަ ޓެކްސް ޕެޔާ ސެންޓަރުގައި ހުންނަ ޑިޖިޓަލް ނޯޓިސް ބޯޑުގަ އެވެ. މިއީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި މީރާގެ އެންފޯސްމަންޓް ފިޔަވަޅުތައް މަޑުޖައްސާލި ފަހުން، ޓެކްސް ނުދައްކާ ވިޔަފާރިތަކާއި މީހުންގެ ނަންތައް އާންމުކުރި ފުރަތަމަ ފަހަރެވެ.

ހަމައެހެންމެ މިއީ މީރާއިން ކުރިން ގެންގުޅުނު "އެންފޯސްމަންޓް ޕޮލިސީ" އުވާލުމަށް ފަހު، އަލަށް އަމަލުކުރަން ފަށާފައިވާ އުސޫލުތަކުގެ ތެރެއިން ނަންތައް އާންމުކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެގޮތުން އާންމުކުރި ނަންތަކުގެ ތެރޭގައި ރިސޯޓުތަކުގެ އިތުރުން ދަނޑުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ބިމު ކުލި ނުދައްކާ ހަތަރު ރަށެއް ވެސް ވަނީ ހާމަކޮށްފަ އެވެ.

ކުލި ނުދައްކާ ރިސޯޓުތައް

  • އަބްދުﷲ އަލީ (ޓްރިޕްލް އޭ) - ހދ. ހޮނޑާފުށި (ހޮނޑާފުށި އައިލެންޑް ރިސޯޓު)
  • އޭބީއެން ޕްރައިވެޓް ލިމިޓެޑް - ރ. ކޮއްޓެފަރު (ބްރެނިއާ ކޮއްޓެފަރު)
  • އަތަމާ މެރީން އިންޓަނޭޝަނަލް - ބ. ކިހާދުއްފަރު (ކިހާ މޯލްޑިވްސް)
  • ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް - ށ. ވަނގާރު (ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް)
  • ހެވީ ލޯޑް މޯލްޑިވްސް - ލ. ފަރެސް އަދި ކުޑަފަރެސް (ރަހާ ރިސޯޓު)
  • މެދުފުށި އިންވެސްޓްމަންޓް - މ. މެދުފުށި (މެދުފުށި އައިލެންޑް ރިސޯޓު)
  • ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް - ކ. އެރިޔަދޫ (އެރިޔަދޫ އައިލެންޑް ރިސޯޓު)
  • ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް - އދ. ތެލުވެލިގާ (ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް)
  • ޓްރިޕްލް އޭ އެންޑް ޓްރޭޑިން ކޮމްޕެނީ - ފ. ފިލިތެޔޮ (ފިލިތެޔޮ އައިލެންޑް ރިސޯޓު)
  • ސަންލޭންޑް ހޮޓެލްސް - ބ. ދުނިކޮޅު (ކޮކޯ ޕާމް ދުނިކޮޅު)
  • ސަންލޭންޑް ޓްރެވަލްސް - ކ. މަކުނުދޫ (މަކުނުދޫ އައިލެންޑް ރިސޯޓު)
  • ސައުތު ޕާމް މޯލްޑިވްސް - ސ. ކެޑަވާހެރާ އާއި އިސްމަހެލަހެރޭ (ސައުތު ޕާމް ރިސޯޓު މޯލްޑިވްސް)

މި ރިސޯޓުތަކުގެ ތެރޭގައި، ބިމު ކުލި ނުދައްކައިގެން 2011 ގައި އާންމުކުރި 10 ރިސޯޓުގެ ލިސްޓުގައި ހިމެނުނު ތިން ރަށެއްގެ ނަން ހިމެނޭކެން ފާހަގަކުރެވެ އެވެ. އެއީ ފ. ފިލިތެޔޮ އާއި މ. މެދުފުއްޓާއި ބ. ކިހާދުއްފަރެވެ.

އޭރު ވެސް މި ރަށްތަކުން ބިމު ކުލީގެ ގޮތުގައި މިލިއަނުން ނުދައްކާ ހުރި ކަމަށް ހަބަރުތަކުން ފެންނަން އެބަހުއްޓެވެ. އެފަހުން ރައީސް ޔާމީންގެ ސަރުކާރުގައި މި ތިން ރަށުން ދައްކަން ޖެހޭ ކުލި 10 އަހަރަށް ބަހާލައިގެން ދައްކަން ސަރުކާރާ އެކު އެއްބަސްވި އެވެ.

އެކަމަކު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މި ރިސޯޓުތަކާއި މިފަހަރުގެ ލިސްޓުގައި ހިމެނޭ ހޮނޑާފުއްޓާއި ތެލުވެލިގާގެ އޮޕަރޭޓިން ލައިސެންސްތައް އެ ސަރުކާރުން ހިފެހެއްޓި އެވެ. މި ފަސް ރަށާއި ކ. މަދިރިގުރައިދޫގައި ހިންގާ ޕާމް އައިލެންޑަށް އަލުން ހުއްދަ ދިނީ މި ސަރުކާރު ވެރިކަމަށް އައިސް، 2019 ގަ އެވެ.

ކުލި ނުދައްކާ ބަޔަކަށް ހުއްދަ ދޭން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވުމުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހުއްދަ ދިނާ އުސޫލެއްގެ ތެރެއިން ކަަމަށެވެ. އެ ބުނާ އުސޫލަކީ ކުލި ނުދައްކާ ތަންތަނުގެ ހުއްދަތައް ހިފަހައްޓަން 2011 ވަނަ އަހަރު ނެރުނު މާލިއްޔަތު ސާކިއުލާއަށް ބަދަލު ގެނެސް، ކުލި ދައްކަން ވެވޭ އެއްބަސްވުމެއް އޮތް ނަމަ ހުއްދަ ދެވޭ ގޮތަށް އޮތް އުސޫލެވެ.

ނަމަވެސް ހުއްދަ ދިން ކުންފުނިތަކުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ މަސްލަހަތު ހިމެނޭ ތިން ރަށަކަށް (ހދ. ހޮނޑާފުށި، ފ. ފިލިތެޔޮ އާއި މ. މެދުފުށި) ހުއްދަ ދިނުމުން އާންމުންނާއި އެ ހުއްދަތައް ހިފެހެއްޓި ސަރުކާރުގައި ތިބި އިދިކޮޅުުން ކޮރަޕްޝަންގެ ތުހުމަތުކޮށް، ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު މިހާތަނަށް އެފަދަ މައްސަލައެއްގައި އެއްވެސް މީހަކަށް ދައުވާކޮށްފައެއް ނުވެ އެވެ.

މީރާގެ ތަރުޖަމާނު ފޯނަށް ޖަވާބު ނުދެއްވާތީ މި ރިސޯޓުތަކުން ކުލި ނުދައްކާ ވަނީ އެހާތަނުން ފެށިގެން ކަމެއް ނޫނީ އެފަހުން އެއްބަސްވީ ގޮތަށް ކުލި ނުދައްކާތީ ކަމެއް ސާފެއް ނުވި އެވެ.

ރިސޯޓު ބިމު ކުލި ނުދައްކާ ވިޔަފާރިތަކުގެ ނަންތައް މީރާއިން ހާމަކުރި މި ދަނޑިވަޅަކީ، އެ ކުލި ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެން ބިމު ކުލީގެ ބަހުސް ބޮޑުވެފައިވާ ދަނޑިވަޅެކެވެ.

މީރާއިން މީގެ ކުރިން އާންމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް، ރިސޯޓުތަކުން ނުލިބިވާ ކުއްޔާއި އޭގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ އަދަދު 17 ބިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން ކޮވިޑާ ގުޅިގެން ފަސްކޮށްދިން ކުލި އުނިކުރުމުން ވެސް މި އަދަދު 16 ބިލިއަން ރުފިޔާއަށް އަރަ އެވެ.