Advertisement

ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރުމުގައި ރޮނގު ދަމާނީ ކިހާ ހިސާބަކުން؟

26 މޭ 2022 - 08:56 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރުމުގައި ރޮނގު ދަމާނީ ކިހާ ހިސާބަކުން؟

26 މޭ 2022 - 08:56 2

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަކީ ސިޔާސީ ބޭފުޅުން އެންމެ ފައި ވިއްދައިގެން ތިބޭ މަގާމުތަކެވެ. އޭގެން މަގާމެއް އަތު ޖެހުނަސް، ވާދަވެރިކަން ބޮޑުކަމުން އެ މަގާމުގައި ދެމިހުންނަން ކުރަންޖެހޭ މަސައްކަތް ގިނަ އެވެ. ކުންފުނި ވަރުގަދައަށް ހިންގާލަން ނޫނީ ހިންގާލެވޭނެ ކަން ދައްކަން ހުވަފެނީ ވާހަކަތަކާއި ދުރުވިސްނޭ ތަސައްވުރު ނެރެ އަތުރައިލާ މަންޒަރު ވެސް ބައެއް ފަހަރު ފެނެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިފަހުން އައްޔަނުކުރެއްވި އަހުމަދު ޝަރީފް ހިއްސާކުރެއްވި ވާހަކައަކާއެކު، ސަރުކާރުގެ ކުންފުނިތަކުގެ މެންޑޭޓާމެދު ބަހުސަކަށް ވަނީ ހުޅުވިފަ އެވެ.

"އަޅުގަނޑުމެންގެ ބޯޑުން ނިންމައިފިން ރިއަލް އެސްޓޭޓް ބިޒްނަސްއަށް ވަދެވޭ ގޮތަށް، އަދި އެހެނިހެން ވިޔަފާރިތަކަށް ވެސް ވަދެވޭ ގޮތަށް،" މި މަހުގެ ތެރޭގައި "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަރީފް ހާމަކުރެއްވި އެވެ.

ރިއެލް އެސްޓޭޓް ވިޔަފާރި ކުރުމަށް ސްޓެލްކޯއަށް މަގުފަހި ކުރުމަށްޓަކައި އެ ކުންފުނީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެސް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ އެ ދުވަހު ވިދާޅުވި އެވެ. އެ އިންޓަވިއުގައި ޝަރީފް ހިއްސާކުރެއްވީ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ ވިސްނުމެވެ. ކުންފުނީގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ތަސައްވުރެވެ.

ސަރުކާރުގެ ސިޔާސަތު ނޫން ކަން ސާފު

އެކަމަކު އެއް ބަޔަކަށް އެ ވާހަކަވީ ޒާތެއްގެ ޖޯކަކަށެވެ. ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔުންތައް އަމާޒުވަމުންދިޔައިރު، ޝަރީފްގެ އެ ތަސައްވުރާމެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ސުވާލު އުފެއްދި އެވެ.

"އަޅުގަނޑުމެންނަށް އަޑުއިވިފައިވާ ގޮތުގައި ސްޓެލްކޯ އާއި ފެނަކައިން، މި ތަންތަނުގެ ހިދުމަތް ރަނގަޅު ކުރަން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ކަރަންޓު އަގުހެޔޮ ކުރަން. ޕޮލްކޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ފުލުހުންގެ ހިދުމަތް ރަނގަޅުކުރަން. ސިފްކޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ގައުމީ ސަލާމަތާބެހޭ ކަންކަން ރަނގަޅުކުރަން،" ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް މިދިޔަ ހަފްތާގެ ތެރޭގައި މަޖިލީހުގައި ވިދާޅުވި އެވެ.

ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުވެވަޑައިގެން ހުންނެވި އެ ދުވަހު، އަފީފްގެ ކަންބޮޑުވުމަކަށްވީ އެމްޑީޕީގެ މެނިފެސްޓޯގައި އެފަދަ ވިޔަފާރިތަކަށް ދައުލަތުން ނުވަންނާނެ ކަމަށް ބުނެފައިވުމެވެ.

އަފީފްގެ އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެހެން ކަންކަމަށް އުފެދިފައިހުރި ސަރުކާރުގެ ކުންފުނިތަކުން ކަމާ ނުގުޅޭ ދާއިރާތަކަށް ވަނުމަކީ ޕްލޭނިން މިނިސްޓްރީގެ ސިޔާސަތެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ އެފަދަ މަޝްރޫއުއެއް ކަމާ ނުގުޅޭ ސަރުކާރުގެ ކުންފުންޏަޔަކާ ހަވާލުކޮށްފައިނުވާނެ އެވެ.

"ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވާން އެބަހުރޭ ލާފަ. އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫން އެކަން ކުރުމަކީ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެމީހުން [އެސްއޯއީ] ވަދެގެން ނުވާނެ އޭގެ ތެރެއަށް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވިޔަފާރި ފުޅާކުރުމުގެ ނަމުގައި ކަމާ ނުގުޅޭ އެހެން ދާއިރާތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަނުމަކީ އެ ކުންފުނިތަކުގެ މައިގަނޑު މަސައްކަތާމެދު ފޯކަސް ގެއްލި، އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށެވެ.

"އެހެންވީމާ ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ހަމަގައިމު ވެސް އަޅުގަނޑު ތަރުހީބުދޭ ކަމެއް ވެސް ނޫން، އަޅުގަނޑު ބާރު އަޅާ ކަމެއް ވެސް ނޫން، ސަރުކާރުގެ ސިޔާސަތެއް ވެސް ނެތް އެ މީހުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތެރެއަށް ވެއްދުމަކަށް،" އަސްލަމް ވިދާޅުވި އެވެ.

ކުންފުނީގެ މެންޑޭޓްގެ ތެރޭގައި ތިބުން

ޕްލޭނިން މިނިސްޓަރުގެ އެ ސްޓޭންޑާ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ވިސްނުން ވެސް މިކަމުގައި އެއްގޮތެވެ.

ޕީސީބީގެ ރައީސް އާސިމް މުހައްމަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އާންމު މަސްލަހަތުގައި ވަކި ހިދުމަތްތަކެއް ފޯރުކޮށްދޭން އުފައްދާފައިވާ ކުންފުނިތަކެކެވެ.

އެހެންކަމުން އެ ކުންފުނިތަކުން ވިޔަފާރި ކުރަންޖެހޭނީ، އެ ކުންފުންޏަކަށް ކަނޑައަޅާފައިވާ އެ މަގުސަދުތައް ހާސިލުކުރަން ކަމަށް އާސިމް ގަބޫލުކުރައްވަ އެވެ.

މާލޭގައި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ. -އަދަދު ފައިލް ފޮޓޯ


"މިހެން ދެންނެވިޔަސް އަޅުގަނޑުމެން [ޕީސީބީ] ބަލާނީ ކުންފުނިން ކަނޑައަޅާފައިވާ ޕޮލިސީއާ އެއްގޮތަށް ތަންފީޒު ވަމުންދޭތޯ. އެކަން ބަދަލުކުރެވޭނީ ޝެއާހޯލްޑަރުން [ހިއްސާދާރުން] އެހެން ގޮތަކަށް ނިންމައިގެން،" އޭނާ ވިދާޅުވި އެވެ.

ކުންފުންޏެެއްގެ އޯނަރުން ނުވަތަ ހިއްސާދާރުން އެހެން ގޮތަކަށް ނުނިންމާ ހިނދު، އާސިމް ވިދާޅުވި ގޮތުގައި ކުންފުނިތައް ހިންގުމާއި ވިޔަފާރި ކުރަންޖެހޭނީ އެ ކުންފުންޏަކަށް ކަނޑައަޅާފައިވާ މެންޑޭޓާ އެއްގޮތަށެވެ.

ސްޓެލްކޯގެ އެމްޑީ ވިދާޅުވި ވާހަކައަށް ސީދާ އިޝާރާތް ކުރައްވައި، އާސިމް ވިދާޅުވީ އެ ކުންފުނީގެ މެންޑޭޓަށް އެފަދަ ބަދަލެއް އައި ކަމެއް އެއްވެސް ސިފައެއްގައި ޕީސީބީއަށް އަދި އެނގިފައިނުވާ ކަމަށެވެ.

ބައެއް އެސްއޯއީތަކުގެ މުވައްޒަފުންނަށް ފްލެޓު އަޅައިދޭން ހިންގާ މަޝްރޫއު ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، އެކަމުން ލިބުނީ މާލީ ގެއްލުން ވެސް މިސާލެއްގެ ގޮތުގައި އާސިމް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް ވަންނަންޏާ އެ ކުންފުނިން އަސްލު ކުރަންޖެހޭ މަސައްކަތުގެ ފޯކަސް ގެއްލި އެންމެ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ކުރިއަށް ނުދިޔުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.

އަމިއްލަ ކުންފުނިތަކަށް ގެއްލުން

ވިޔަފާރި ފުޅާ ކުރުމުގެ ނަމުގައި އެހެން ދާއިރާތަކަށް ސަރުކާރުގެ ކުންފުނިތައް ވަނުމަކީ އެ ދާއިރާތަކުގައި އަމިއްލަ ފަރާތްތަކަށް ގެއްލުންވާނެ ކަމެއް ކަމުގައި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ގަބޫލުކުރެ އެވެ.

ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހް "އަދަދު" އަށް ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އިގުތިސޯދީ ގޮތުން އައި ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި ދާއިރާއަކީ ކޮންސްޓްރަކްޝަން ދާއިރާ އެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް އެ ކުންފުނިން ހުޅުމާލޭގައި ހިންގަމުންދާ ހައުސިން މަޝްރޫއު. - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެ ވެއްޓުމުން އަރައިގަންނަން އަމިއްލަ ކުންފުނިތަކުން މަސައްކަތް ކުރަމުންދާއިރު، މި ދާއިރާއަށް ސަރުކާރުގެ ކުންފުނިތަކުން ވަނުމަކީ އެ މަސައްކަތަށް އެޅޭ ހުރަހެއްގެ ގޮތުގައި ޖަނާހް ސިފަކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރިއަކީ ވާދަވެރި މާހައުލެއްގެ ތެރެއިން ކުރާ ކަމަކަށްވާއިރު، ދައުލަތުގެ ސަބްސިޑީ ފަދަ ހާއްސަ އިނާޔަތްތަކާއި ވަސީލަތްތަކެއް ލިބިފައިވާ ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކުރުމުގެ ދާއިރާއަށް ވަނުމަކީ އަމިއްލަ ކުންފުނިތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

"ސަރުކާރުގެ ކުންފުނިތައް ހިނގަންޖެހޭނީ ވަކި ޕޮލިސީއަކާ އެއްގޮތަށް. ސަރުކާރުން ބުނަންވީ ހުރިހާ އެސްއޯއީތަކުން މިހާރު ކޮންސްޓްރަކްޝަން ދާއިރާއަށް ވަންނީއޭ. ޕޮލިސީ އެގޮތަށް ކަނޑައަޅާފަ ދައުލަތުގެ އާމްދަނީ އިތުރުކުރަން ހުރިހާ އެސްއޯއީތަކުން ވަންނަނީ އޭ ބުނީމަ. އަޅުގަނޑުމެން ވާދަކުރަން މިޖެހެނީ ކޮން ބަޔަކާކަން ވެސް އެނގޭނެ އޭރަށް،" ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޖަނާހް ވިދާޅުވި އެވެ.

އެކަމަކު ސަރުކާރުގެ ސިޔާސަތަށް އެފަދަ ބަދަލެއް ގެންނަންޖެހޭނީ އެކަމުން މުޅި ދާއިރާއަށް ކުރާނެ އަސަރުގެ ދިރާސާތަކެއް ކުރެވިގެންކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޖަނާހްގެ އިތުރުން އާސިމް ވެސް ފާހަގަކުރެއްވި ފަދައިން، ހައުސިން ނޫނީ އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ މެންޑޭޓް ލިބިގެން ސަރުކާރުން އުފައްދާފައިވާ ކުންފުނިތައް އެބަހުއްޓެވެ. އެފަދަ ކުންފުނިތަކުން އެ ދާއިރާއިން ވިޔަފާރިފުޅާ ކުރުމަކީ ވަކިކަމެކެވެ. އެކަމަކު ރައްޔިތުން އެންމެ ހިތްހަމަޖެހޭ ފެންވަރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހިދުމަތް ނުދެވިގެން އުޅޭއިރު، ކަމާ ނުގުޅޭ، ކުންފުނި އުފެއްދި މަގުސަދާ މުޅީން ބީރައްޓެހި ދާއިރާއަކަށް ވިޔަފާރިފުޅާ ކުރުން ދެކޮޅު ޖެއްސޭނެ ތަނެއް ހަގީގަތުގައި ވެސް ނުފެނެ އެވެ.