Advertisement

ޑެޕްގެ ޝަރީއަތް: ކުރީގެ ލޯބިވެރިޔާ ސުޕާމޮޑެލް ކޭޓް މޮސް ހެކިބަސް ދެނީ

ޖޮނީ ޑެޕް އަދި ކޭޓް މޮސް 1998 ވަނަ އަހަރުގެ ކާންސް ފިލްމް ފެސްޓިވަލުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޑެޕްގެ ޝަރީއަތް: ކުރީގެ ލޯބިވެރިޔާ ސުޕާމޮޑެލް ކޭޓް މޮސް ހެކިބަސް ދެނީ

ހޮލީވުޑްގެ އެކްޓަރު ޖޮނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެކްޓްރެސް އެމްބާ ހާޑްއާ ދެމެދު މިހާރު ކުރިއަށްދާ ހައި ޕްރޮފައިލް ޝަރީއަތުގައި ޑެޕްގެ ކުރީގެ ލޯބިވެރިޔާ ކޭޓް މޮސް ހެކިބަސް ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުމުރުން 58 އަހަރުގެ ޑެޕް އޭނާގެ ކުރީގެ އަންހެނުންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ވޮޝިންޓަން ޕޯސްޓުގައި އެމްބާގެ ނަމުގައި ޝާއިއު ކުރި ލިޔުމެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ ލިޔުމުގައި އުމުރުން 36 އަހަރުގެ އެމްބާ ބުނެފައި ވަނީ އޭނާއަކީ ޖިންސީ އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށެވެ. ޑެޕް އާއި އެމްބާ ވަރިވިތާ ދެ އަހަރު ފަހުން ޝާއިއު ކުރި ލިޔުމުގައި ޑެޕްގެ ނަން ފާހަގަކޮށްފައި ނެތް ނަމަވެސް، އޭގެ ސަބަބުން އަބުރު ގެއްލި މާލީ ގެއްލުން ލިބުނު ކަމަށް ޑެޕް ބުނެ އެވެ.

އެމްބާ ހާޑް އަދި ޖޮނީ ޑެޕް 2011 ވަނަ އަހަރު. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޑެޕް ބުނެފައި ވަނީ އޭނާ އެމްބާއަށް އަނިޔާ ނުކުރާ ކަމަށާއި އެ ދެ މީހުންގެ ކައިވެނީގައި އަނިޔާވެރި ސިފަތަކެއް ފެނުނީ އެމްބާގެ ކިބައިން ކަމަށެވެ. އެގޮތުން ޒުވާބެއްގެ ތެރެއިން އެމްބާ އެއްލި ރާފުޅިއެއް ތަޅައިގެން ގޮސް، އަތުގެ އިނގިއްޔެއް ބުރިވި ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ޑެޕްގެ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެ، އެމްބާ ވަނީ ޑެޕްގެ އަތުން ބަދަލުގެ ގޮތުގައި 100 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ހަފްތާގެ ތެރޭގައި ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާނެ އެވެ.

ޑެޕްގެ ވަކީލުންގެ ޓީމުގެ ފަރާތުން ބައެއް ނޫސްތަކަށް ބުނީ އިނގިރޭސިވިލާތުގެ ސުޕާމޮޑެލް އަދި ޑެޕްގެ ކުރީގެ ލޯބިވެރިޔާ ހެކިބަސް ދޭނެ ކަމަށެވެ.

ކުރިން ބޭއްވި އަޑުއެހުމެއްގައި އެމްބާ ހެކިބަސް ދެމުން ބުނީ، ޑެޕް އާއި ކޭޓް މޮސް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު، ޑެޕް ވަނީ ކޭޓް މޮސް ސިޑިން ވައްޓާލާފައި ކަމަށް ދެ މީހަކު އޭނާ ކައިރީގައި ބުނި ކަމަށެވެ.

އެހެންކަމުން، ޑެޕްގެ ފަރާތުން ހެކިބަސް ދޭން ކޭޓް މޮސް އަޑުއެހުމުގައި ބައިވެރިވަނީ އެއީ ދޮގު ތުހުމަތެއް ކަމަށް ބުނެ ދިނުމަށެވެ.

ހޯމަ ދުވަހުގެ ރޭ އޮތް އަޑުއެހުމުގައި އެމްބާގެ ފަރާތުން ހެކިބަސް ދޭން އެރި ސާޖަން، ޑރ. ރިޗަޑް މުއާ ބުނެފައި ވަނީ ޑެޕްގެ އިނގިލި ބުރިވީ ބިއްލޫރި ފުޅިއެއްގެ ސަބަބުން ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ޖޮނީ ޑެޕް އަދި އެމްބާ ހާޑް ކޯޓުގައި.


މީގެ ކުރިން އެމްބާ އާއި ޑެޕް ވެސް ހެކިބަސް ދީފައިވާ އިރު، ކައިވެނީގައި ކަންކަން ހިނގައި ދިޔަ ގޮތާ ގުޅޭ ގޮތުން ދެ މީހުން ދެއްކީ ވަރަށް ތަފާތު ވާހަކަތަކެވެ.

އެމްބާ ބުނެފައި ވަނީ ޑެޕްއަކީ ރަލާއި މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި މީހެއް ކަމަށާއި އޭގެ ސަބަބުން ވާނުވާ ނޭނގޭ ހިސާބަށް ގޮސް، ވަރަށް ގިނަ ފަހަރު ހަސަދަވެރިވެ ރުޅިގަދަވާ ކަމަށެވެ.

އެ ވާހަކައަށް ބާރު ދިނުމުގެ ގޮތުން އެމްބާގެ ފަރާތުން ހެކިބަސް ދިނުމަށް ޑެޕްގެ ކުރީގެ ލޯބިވެރިޔާ އަދި ކުރީގެ އެކްޓްރެސް އެލެން ބާކިން މިދިޔަ އާދީއްތަ ދުވަހު އަޑުއެހުމުގައި ބައިވެރިވި އެވެ. އޭނާ ބުނީ ޑެޕްއަކީ ވަރަށް ހަސަދަވެރިވާ "ކޮންޓްރޯލް ކުރާ" މީހެއް ކަމަށެވެ.

ޑެޕް ހެކިބަސް ދެމުން ބުނީ އެމްބާއަކީ ވަރަށް ގިނައިން މޫޑު ބަދަލުވެ ރުޅިގަދަވާ މީހެއް ކަމަށެވެ. އެމްބާގެ ބަހުގެ ހަމަލާތަކާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ވަރަށް ގިނައިން ކުރިމަތިވި ކަމަށް ބުންޏެވެ. އެކަން ސާބިތު ކުރުމަށް ގިނަ އޯޑިއޯތަކެއް ކޯޓުގައި ޕްލޭކޮށްފައިވެ އެވެ.