Advertisement

ނޫސްވެރިޔާގެ މަރުގައި ޖިނާއީ ފިޔަވަޅެއް އެޅޭނެ ކަމަށް ނުބެލެވޭ: އިޒްރޭލް

އަލް ޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ ހަނދާން އާ ކުރުމަށް ފަލަސްތީނުގެ ޒުވާނުންތަކެއް އެއްވެފައި. -- ފޮޓޯ: އޭއެފްޕީ


ނޫސްވެރިޔާގެ މަރުގައި ޖިނާއީ ފިޔަވަޅެއް އެޅޭނެ ކަމަށް ނުބެލެވޭ: އިޒްރޭލް

ގުދުސް (މޭ 23) - އަލް ޖަޒީރާގެ ނޫސްވެރިޔާ މަރުވީ އިޒްރޭލުގެ ސިފައިންގެ މީހަކު ބަޑި ޖަހައިގެން ކަމަށް ތަހުގީގުން ދެއްކިޔަސް، ސިފައިންގެ މީހާއާ ދެކޮޅަށް ޖިނާއީ ފިޔަވަޅެއް ނޭޅޭނެ ކަމަށް ބުނެފި އެވެ.

"އަބޫ އަކްލެހް މަރުވީ އަސްކަރީ އޮޕަރޭޝަނެއް ހިނގަމުން ދިޔަ ސަރަހައްދެއްގައި ކަމަށް ވާތީ، އެކަމުގައި ޖިނާއީ ހަރަކާތެއް އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭނެ ހެއްކެއް ނުފެނޭ،" އިޒްރޭލް ސިފައިންގެ ބަޔާނެއްގައި ބުންޏެވެ.

މޭ 11 ވަނަ ދުވަހު ޝީރީން މަރުވުމުގެ ފަހަތުގައި އިޒްރޭލް ސިފައިންގެ މީހެއްގެ އަތެއް ވޭ ތޯ ބެލުމަށް ތަހުގީގެއް ދަނީ ކުރިއަށެވެ. އެއަށްފަހު އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ނަމަ އަޅާނެ އެވެ.

އެމެރިކާ އާއި ފަލަސްތީނަށް ނިސްބަތްވާ ޝީރީން މަރުވީ އިޒްރޭލް ސިފައިންގެ މީހެއް ނުވަތަ ފަލަސްތީނުގެ މީހެއް ބަޑި ޖަހައިގެންތޯ ކަށަވަރު ކުރަން ޖެހޭ ކަމަށް އިޒްރޭލުން ބުނެ އެވެ.

ނަމަވެސް އަލް ޖަޒީރާއިން ވީޑިއޯ ހެކީގެ މައްޗަށް ބިނާކޮށް ބުނީ ޝީރީން މަރުވީ އިޒްރޭލް ސިފައިންގެ މީހަކު ގަސްތުގައި އޭނާގެ ކަންފަތާ ދިމާލުން މޫނަށް ބަޑި ޖެހުމުން ކަމަށެވެ.

އިޒްރޭލުން ވަނީ ޝީރީންގެ ގަޔަށް އެރި ވަޒަން ތަހުލީލް ކުރުމަށް އެދިފަ އެވެ. މި ވަގުތު އެ ވަޒަން އޮތީ ފަލަސްތީން ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ. ވަޒަން ތަހުލީލު ނުކުރެވޭ ނަމަ ޝީރީން މަރުވި ގޮތާ ދޭތެރޭ ޝައްކުތައް ހުންނާނެ ކަމަށް އިޒްރޭލުން ބުނެ އެވެ.