Advertisement

އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިން ފަށައިފި

23 މޭ 2022 - 19:15 0

އަމަން ހަލީމް

އަމަން ހަލީމް

ޔޫތު މިނިސްޓަރު މަހުލޫފައި އުރީދޫ އަދި ހާޑްރޮކްގެ އިސްވެރިން އުރީދޫ ވާލްޑް ކަޕް ފޯރި ކެމްޕެއިން ފައްޓަވައިދެއްވަނީ: މި ކެމްޕެއިން ވާލްޑް ކަޕްގެ ނިޔަލަށް ކުރިޔަށް ދާނެ. -- ފޮޓޯ: އުރީދޫ


އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިން ފަށައިފި

23 މޭ 2022 - 19:15 0

އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވާލްޑް ކަޕް 2022 އާ ގުޅުވާ އުރީދޫއިން "އުރީދޫ ވާލްޑް ކަޕް ފޯރި" ނަމުގައި ހާއްސަ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ހަފުލާއެއްގައި މި ކެމްޕެއިން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދް ހަސަން އަލް-ހަމަދީގެ އިތުރުން ކްރޮސްރޯޑްސްގައި ހުންނަ ހާޑް ރޮކް ހޮޓެލްގެ މެނޭޖަރު ޓޮލްގާ އުނާން އެވެ.

ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި އެންމެ ފުރަތަމަ ހަރަކާތަކަކީ ފުޓުބޯޅަ މެޗެކެވެ. އުރީދޫ މޯލްޑިވްސް އާއި ހާޑް ރޮކް ހޮޓެލްގެ ޓީމަކުން ކުޅުނު މި މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހާޑް ރޮކުންނެވެ.

އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ ފީފާ ވާލްޑް ކަޕް 2022 ގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ އެވެ.

އެހެންކަމުން ވާލްޑް ކަޕުގައި ކުޅޭ 64 މެޗުގެ ލައިވް ފީޑް ދުނިޔޭގެ ހުރިހާ ގައުމަކަށް ފޮނުވުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ. އަދި ވާލްޑް ކަޕުގެ މެދުއިރުމައްޗާއި އެފްރިކާ ބައްރުގެ ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރަކީ ވެސް އެ ކުންފުންޏެވެ.

ރާއްޖޭގައި ކުރިޔަށް ގެންދަން ރާވާފައިވާ ކެމްޕެއިނަކީ ވެސް މިގޮތުގެ މަތިން ވާލްޑް ކަޕުގެ ފޯރި ގަދަކުރަން ފެށި ކެމްޕެއިނެއް ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ވާލްޑް ކަޕް ނިމެންދެން މި ކެމްޕެއިން ކުރިޔަށް ދާނެ ކަމަށް ބުންޏެވެ.

އުރީދޫ ވާލްޑް ކަޕް ކެމްޕެއިން ފަށަން ކުޅުނު ފުޓުބޯޅަ މެޗުގެ ތެރެއިން. -- ފޮޓޯ: އުރީދޫ


އާންމުކޮށް ވާލްޑް ކަޕް ބާއްވަނީ ހުޅަނގުގެ ގައުމުތަކުގެ ހޫނު މޫސުމާ ދިމާކޮށް ޖޫން-ޖުލައިގަ އެވެ. ނަމަވެސް ގަތަރުގައި ބާއްވާ ވާލްޑް ކަޕް ކުރިޔަށްދާނީ ނޮވެމްބަރު 21 - ޑިސެމްބަރު 18 އަށެވެ.

"އުރީދޫ ވާލްްޑް ކަޕް ފޯރި" ކެމްޕެއިންގެ ތެރޭގައި ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ވާލްޑް ކަޕާ ގުޅޭ ހާއްސަ އިވެންޓުތަކުގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތައް ހިމެނެ އެވެ. މި ހަރަކާތްތަކުގެ ތަފުސީލު ކެމްޕެއިންގެ ތެރެއިން ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.