Advertisement

ޖަރީމާ ހިންގި ކަމަށް އިއުތިރާފުވި ރަޝިއާ ސިފައިންގެ މީހާ އުމުރަށް ޖަލަށް

ރަޝިއާގެ ސިފައިންގެ މީހާ ވަޑީމް ޝިޝިމަރިން. -- ފޮޓޯ: ޓައިމްސް އޮފް މޯލްޓާ


ޖަރީމާ ހިންގި ކަމަށް އިއުތިރާފުވި ރަޝިއާ ސިފައިންގެ މީހާ އުމުރަށް ޖަލަށް

ކިޔެވް، ޔޫކްރެއިން (މޭ 23) - ޔޫކްރެއިންގެ އާއްމު ރައްޔިތަކު މަރާލި ކަމަށް އިއުތިރާފްވި ރަޝިއާގެ ސިފައިން މީހާ އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

މިއީ މިދިޔަ ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން، ޔޫކްރެއިންގައި ރަޝިއާ ސިފައިންގެ މީހަކާ ދެކޮޅަށް ހިންގި ފުރަތަމަ ޝަރީއަތެވެ.

އަމިއްލަ އިއުތިރާފުން ކުށް ސާބިތުވެ، އުމުރުން 21 އަހަރުގެ ވަޑީމް ޝިޝިމަރިން އުމުރަށް ޖަލަށް ހުކުމް ކުރާ ކަމަށް އިއުލާން ކުރެއްވީ ފަނޑިޔާރު ސާގެއި އަގަފޮނޯވް އެވެ.

ވަޑީމް މީގެ ކުރިން ބުނީ ހަނގުރާމަ ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީވެސް އުމުރުން 62 އަހަރުގެ ފިރިހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލި ކަމަށެވެ.

"އޭނާ ވަނީ ހަނގުރާމައިގެ ގާނޫނުތަކާއި އާދަކާދައާ ހިލާފުވެފައި،" ފަނޑިޔާރު އަގަފޮނޯވް ވިދާޅުވި އެވެ.

ޕްރޮސެކިއުޓަރުން ބުނީ ވަޑީމްއަކީ ޓޭންކް ޑިވިޝަނެއްގެ ކޮމާންޑަރެއް ކަމަށެވެ. އޭނާގެ ޔުނިޓަށް ހަމަލާތައް އަމާޒުވާން ފެށުމުން، އޭނާ އާއި ރަޝިއާގެ އިތުރު ހަތަރު ސިފައިން ކާރެއް ވަގަށް ނެގި އެވެ.

ޔޫކްރެއިންގެ ޗުޕަކިވާ ސަރަހައްދު ކައިރިން ދަނިކޮށް، އުމުރުން 62 އަހަރުގެ ފިރިހެން މީހަކު ބައިސްކަލެއްގައި އުޅެނިކޮށް އެ މީހުންނަށް ފެނުނެވެ. ޕްރޮސެކިއުޓަރުން ބުނީ އޭނާ މަރާލުމުގެ އަމުރު ވަޑީމްއަށް ލިބުމުން، އެކަމަށް ބޭނުން ކުރީ ކަލަޝްނިކޯވް އެސޯލްޓް ރައިފަލްއެއް ކަމަށެވެ.

ވަޑީމް ކުރިން ބުނީ ބަޑި ޖެހީ އެހެން ސިފައިންގެ މީހަކު ޕްރެޝަރު ކުރުމުން ކަމަށެވެ. ޝަރީއަތުގެ އަޑު އެހުމުގައި އޭނާ ވަނީ މަރުވި ފިރިހެން މީހާގެ ހުވަފަތްވެފައިވާ އަނބިމީހާގެ ކިބައިން މައާފަށް އެދިފަ އެވެ.

އޭނާގެ ވަކީލު ވިކްޓާ އޮވްސިޔަނިކޯވް ވިދާޅުވީ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ. ކޯޓުގެ ހުކުމް އައީ "މުޖުތަމައުގެ ޕްރެޝަރަށް" ބޯލަނބައިގެން ކަމަށާއި މިއީ ދެވޭނެ އެންމެ ހަރުކަށި އަދަބު ކަމަށް އޭނާ ވިދާޅުވި އެވެ.