Advertisement

އަލްކަރާޒް ފްރެންޗް އޯޕަން ވެސް ފެށީ މޮޅަކުން

23 މޭ 2022 - 14:33 0


އަލްކަރާޒް ފްރެންޗް އޯޕަން ވެސް ފެށީ މޮޅަކުން

23 މޭ 2022 - 14:33 0

ޕެރިސް (މެއި 23) - ފްރާންސްގައި މިހާރު ކުރިއަށްދާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ފްރެންޗް އޯޕަންގައި އަރަަމުން އަންނަ ސްޕެއިނުގެ ތަރި ކާލޯސް އަލްކަރާޒް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ދާދި ފަހުން މިއާމީ އޯޕަން އާއި މެޑްރިޑް އޯޕަންގެ ޗެމްޕިއަންކަން ހޯދި އަލްކަރާޒް، 19، ވަނީ ފްރެންޗް އޯޕަން ފުރަތަމަ ބުރުގައި އިއްޔެ، އާޖެންޓީނާގެ ޖުއާން އިގްނާޝިއޯ ލޮންޑޭރޯ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 6-4, 6-2, 6-0 އިންނެވެ.

މީގެ ކުރިން 20 އަހަރުން ދަށުގެ ކުޅުންތެރިއަކަށް ފްރެެންޗް އޯޕަން ކާމިޔާބުކުރެވިފައިވަނީ ހަތް ފަހަރު އެވެ. އަލްކަރާޒްގެ އަޒުމަކީ އެ މުބާރާތް ކާމިޔާބުކުރާ ޒުވާން އުމުރުފުރާގެ އަށް ވަނަ ކުޅުންތެރިޔާ އަށް ވުމެވެ. މިިދިޔަ 13 އަހަރަށް ބަލާއިރު، ފްރެންޗް އޯޕަން ކާމިޔާބުކުރީ ތަފާތު ތިން ކުޅުންތެރިއެކެވެ. އެއީ ސްޕެއިނުގެ ރަފައެލް ނަޑާލާއި ސާބިއާގެ ނޮވަކް ޖޮކޮވިޗް އަދި ސްވިޒަލެންޑްގެ ސްޓޭން ވަވްރިންކާ އެވެ.

ކޮލިފައިން ބުރުން ފަށައިގެން ރަނގަޅު ފޯމެއްގައި އައިސް މިދިޔަ އަހަރުގެ ފްރެންޗް އޯޕަންގެ ތިން ވަނަ ބުރުގައި އަލްކަރާޒް ވާދަކުރި އެވެ. އެ ފަހަރަށް ވުރެ މި އަހަރު އަލްކަރާޒް ހުރީ ރަނގަޅު ފޯމެއްގަ އެވެ. އަލްކަރާޒް ވަނީ އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން 17 މެޗުން މޮޅުވެފަ އެވެ.

"މި ވަގުތު މި ހުރީ ހުވަފެން ދެކި، އެކަން ހާސިލްކުރެވޭނެ ވަރުގެ ފޯމެއްގައި،" އަލްކަރާޒް ބުންޏެވެ.

ގަދަ 32 ކުޅުންތެރިންގެ ބުރުން ފުރުސަތު ހޯދަން އަލްކަރާޒް ކުޅޭނީ ސްޕެއިނުގެ އަލްބާޓް ރާމޯސް-ވިނޯލާސް އާ އެވެ.

އަލްކަރާޒް ޓެނިސް ކުޅެން ފެށީ ނަޑާލްގެ މެޗުތައް ބަލައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެދިގެންނެވެ. އެކާވީސް ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ނަޑާލް އަތުން އަލްކަރާޒް ވަނީ މެޑްރިޑް އޯޕަންގައި މޮޅުވެފަ އެވެ. ނަޑާލަކީ ފްރެންޗް އޯޕަންގެ ރެކޯޑް ޗެމްޕިއަނެވެ. އޭނާ ވަނީ 14 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. ނަޑާލް އެންމެ ފުރަތަމަ 2005 ވަނަ އަހަރު ފްރެންޗް އޯޕަން ހޯދިއިރު، އަލްކަރާޒްގެ އުމުރަކީ ދެ އަހަރެވެ.

ގްރޭންޑް ސްލޭމް މުބާރާތެއްގައި އަލްކަރާޒްގެ އެންމެ ރަނގަޅު ރެކޯޑަކީ މިދިޔަ އަހަރު ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލް އެވެ. ކްލޭ ކޯޓުގައި ކުޅޭ އެއް މުބާރާތަކުން މިހާތަނަށް، ނަޑާލް އާއި ނޮވަކް ޖޮކޮވިޗް ބަލިކުރި ހަމައެކަނި ކުޅުންތެރިއަކީ އަލްކަރާޒް އެވެ. އަލްކަރާޒް އެ ރެކޯޑް ހޯދީ މި މަހު ކުރީކޮޅުގައި އޮތް މެޑްރިޑް އޯޕަންގަ އެވެ.