Advertisement

ލިބުނު އަނިޔާތަކަށް ނުބަލައި އިސްކުރީ "އަތްމަތީގައި ތިބި ފުރާނަތައް" ސަލާމަތްކުރުން

24 މޭ 2022 - 08:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެކްސިޑެންޓުވި ލޯންޗު: އެ ހާދިސާގައި ދެ މީހުން މަރުވި އިރު ދަތުރު ކުރި އެންމެނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނު -- ފޮޓޯ: ސޯޝަލް މީޑިއާ


ލިބުނު އަނިޔާތަކަށް ނުބަލައި އިސްކުރީ "އަތްމަތީގައި ތިބި ފުރާނަތައް" ސަލާމަތްކުރުން

24 މޭ 2022 - 08:30 0

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގއ. ވިލިނގިލިން 15 މީހުންގެ ޖާގައިގެ ލޯންޗެއްގައި ފުރައިގެން އެ ރަށު ދޫރެސް، މިސްބާހު މުހްސިން، 37، އާއި އިތުރު ތިން މީހަކު ދަތުރުކުރީ އެ ރަށާއި އެއް ފަޅެއްގައި އޮންނަ ޕުލްމޭން މޯލްޑިވްސް މާމުޓާ ރިސޯޓަށެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ނ. ލަންދޫ، އުރަހަ، މުހައްމަދު ޝާފިއު ބަލަ އެވެ.

އޭރު މިސްބާހު އާއި ޝާފިއުގެ އާއިލާ ވެސް ތިބީ ހާއްސަ ރެއަކަށް ތައްޔާރުވެގެންނެވެ. އެއީ މިސްބާހުގެ ދައްތަ އާއި ޝާފިއުގެ ބޭބެގެ ކައިވެނި ހަފްލާ އޮތް ރެއެވެ. މިސްބާހުގެ އަމިއްލަ ލޯންޗުގައި ޕުލްމޭނަށް ދިޔައީ އެ ހާއްސަ ހަފްލާއަށް ޝާފިއު އެ ރަށަށް ގެނައުމަށެވެ. ވަޒީފާގެ ގޮތުން އެހެން ރަށެއްގައި ހުރި ނަމަވެސް, އާއިލީ އުފަލުގައި އޭނާ ވެސް ބައިވެރިކުރުމަށެވެ.

ޕުލްމޭން ރިސޯޓުން ވިލިނގިއްޔަށް ދާން ކުރަން ޖެހެނީ ކުރު ދަތުރެކެވެ. ގާތްގަނޑަކަށް އެ ދެމެދުގައި ހޭދަ ވަނީ 12 ވަރަކަށް މިނެޓެވެ.

އެހެނަސް، އެއަށްފަހު ކަންކަން ވެގެންދިޔައީ މިއިން ދުވަހަކު ހިޔާލަށް ވެސް ނުގެނެވޭހާ ހިތާމަވެރި ގޮތަކަށެވެ. އެރޭ މުޅި ރާއްޖެއަށް ބޮޑު ސިހުމެއް ލިބިގެންދިޔައީ ޝާފިއު އާއި މިސްބާހު ދަތުރުކުރަމުންދިޔަ ލޯންޗު ވިލިނގިލީގެ ނެރުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެ ދެ މީހުން މަރުވި ހަބަރާ އެކު އެވެ.

އެކްސިޑެންޓުވި ލޯންޗު ދަތުރުކުރި ރޫޓު އަދި އެކްސިޑެންޓު ހިނގި ތަން. ލޯންޗު ޖެހުނީ ނެރުގެ ފައިކަށީގައި --- ފޮޓޯ: މުހައްމަދު އިސާމް/އަދަދު


އެ ދަތުރުގައި ބައިވެރިވި އަނެއް ތިން މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އިޝާ ނަމާދު ގަޑީގައި ހިނގި އެކްސިޑެންޓެއް ކަމުން އެވަގުތު ބަނދަރު މަތީގައި މާ ގިނަ ބަޔަކު ނެތެވެ. އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ވެސް ބަޔަކަށް އެނގުނީ ލޯންޗުން ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވި އެކަކު ގުޅާފައި އޭނާގެ ރައްޓެއްސެއް ގާތު އެ ވާހަކަ ބުނުމުންނެވެ.

އެއާއެކު އެކުވެރިޔާ އަވަސް ވެގަތީ އެކްސިޑެންޓުވި މީހުންނަށް އެހީވުމަށް އުޅަނދެއް ހޯދުމަށެވެ. އެވަގުތު މި ރިޕޯޓަށް މައުލޫމާތު ދިން އިސްމާއިލް ޒަކީ އިނީ ބަނދަރު މަތީގައި ހުރި ޖޯއްޔެއްގަ އެވެ. އޭނާ އަކީ އެ ހިތާމަވެރި ހާދިސާއަށް ފަހު ލޯންޗު އޮތް ތަނަށް އެންމެ ފުރަތަމަ ދިޔަ މީހާ އެވެ.

"މަ ބުނީ އަވަހަށް އަންނާށޭ، މި ދަނީ އޭ ލޯންޗަށް، އަތިރިމަތީގަ އޭ މިހިރީ،" ޒަކީ އަށް އައި ފޯނު ކޯލަށް ދިން ޖަވާބު ހިއްސާކުރަމުން އޭނާ ބުންޏެވެ.

އެ ހިސާބުން ހަތަރު މީހުންނާ އެކު އޭނާގެ އަމިއްލަ ލޯންޗުގައި ޒަކީ ނައްޓާލީ އެކްސިޑެންޓުވި ލޯންޗަށް އެހީވުމަށެވެ. އޭރު ލިބުނު ގެއްލުމެއް ވެސް އޭނާއަށް ނޭނގެ އެވެ.

ނެރު ފައިކައްޓަށް ލޯންޗު އެރި ވަގުތު މިސްބާހު ކަނޑަށް ވެއްޓުނު ކަމެއް ވެސް ޒަކީ އަށް ނޭނގެ އެވެ. ލޯންޗުގައި ތިބީ ކިތައް މީހުން ކަމެއް އަދި އެ މީހުންނަށް ލިބިފައިހުރީ ކިހާވަރެއްގެ އަނިޔާތަކެއް ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

އޭނާ ދިޔައިރު އެކްސިޑެންޓުވި ލޯންޗުގެ ދިރުނބާ ކޮޅުގައި ކުއްޖަކު ފޯނުން މޫދަށް އަލިކުރަން ހުއްޓެވެ.

"މޫދަށް ވެއްޓުނު މީހާ ނުފެނެއޭ، މިސްބާހުއެއް ނެތޭ،" އެއީ މިސްބާހުއާ އެކު ވިލިނގިލީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ރިލްވާން، ޒަކީ ލޯންޗު ކައިރި ކުރި ވަގުތު އޭނާ ކައިރި ބުނި ވާހަކަ އެވެ.

ޒަކީގެ ލޯންޗަށް އެންމެ ފުރަތަމަ ވެސް އެރުވީ ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރި ރިލްވާނެވެ. ވަކިން ހާއްސަކޮށް އޭނާގެ މޫނަށް އަނިޔާވެފައި ހުރި ކަމަށް ޒަކީ ފާހަގަކުރި އެވެ. ފަހަރަކު މީހަކު ލޯންޗަށް އަރުވަމުން ގޮސް އެންމެ ފަހުން އެރުވީ ޝާފިއު އެވެ. އޭރު އޭނާގެ ހަބަރެއް ނެތެވެ.

"ފުރަތަމަ ވެސް އޭނާ ނެގީމަ، ހަށިގަނޑުގަ މާ ބޮޑު ބާރުވެރިކަމެއް ނެތީމަ، އަޅުގަނޑު ވިންދު ހިނގާތޯ ޗެކް ކޮށްލީ. އެއްވެސް ވަރަކަށް އޭނާ ގަޔަކު ވިންދެއް ނުޖަހާ،" އެވަގުތު ކަންތައް ކުރި ގޮތް ކިޔައި ދެމުން ޒަކީ ބުންޏެވެ.

އޭނާ [ޝާފިއު] ވެއްޓިފައި އޮތް ތަނުން ނަގައިގަތީމާ އެއްޗެހިތަކެއް އަޅުގަނޑުގެ ޖިންސަށާއި މުޅި ފަޔަށް ފައިބައިގެން ދިޔަ. ވަރަށް ގިނަ އަދަދެއްގެ ލޭ ވެސް ފައިބަމުން އައި."

ޝާފިއު އަށް ވެސް މައިގަނޑު ގޮތެއްގައި އަނިޔާ ލިބިފައި ހުރީ ބޮލަށް ކަމަށް ޒަކީ ބުންޏެވެ. ލިބިފައި ހުރީ ކޮން އަނިޔާއެއްތޯ އެވަގުތު ނުބަލާ ކަމަށް ޒަކީ ބުންޏެވެ.

އޭރު ވެސް މިސްބާހު ފެންނާކަށް ނެތެވެ. މިސްބާހު ހޯދަން ފީނަން ބޭނުންކުރާނެ ބައްތިއެއް ވެސް ޒަކީގެ އަތަކު ނެތެވެ. އެހެންކަމުން، ޒަކީ އެވަގުތު ނިންމީ "އަތްމަތީގައި ތިބި ފުރާނަތައް" ސަލާމަތް ކުރުމަށް އެ މީހުން އަވަހަށް ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

ލޯންޗު ބަނދަރާ ކައިރި ކުރުމަށް ފަހު އެންމެ ފުރަތަމަ ބޭލީ ޝާފިއުގެ ހަށިގަނޑެވެ. އެއަށް ފަހު ދެން ތިބި މީހުންނެވެ. ފުލުހުންގެ ވެހިކަލް އެތަނަށް އައުމުގެ ކުރިން ދެން ތިބި މީހުން ގޮވައިގެން ސައިކަލުގައި ޒަކީމެން ނައްޓާލީ ހޮސްޕިޓަލަށެވެ.

"އެ ގަޑީގައި ވެހިކަލެއް ނެތުމުން އަޅުގަނޑުމެންނަށް މަޖުބޫރުވީ ސައިކަލުގައި ޓްރިޕަލް ޝީޓު ކޮށްގެން އެ މީހުން ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ. ގެންގޮސް ހޮސްޕިޓަލަށް ލާފައި އަޅުގަނޑު ނުކުމެގެން ދިޔައީ މިސްބާހު ހޯދުމުގެ ނިޔަތުގައި."

ޝާފިއުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ވެހިކަލެއްގަ އެވެ. ބާކީ ތިބި ތިން މީހުން ވެސް އެވަގުތު ހޭ ހުރި ކަމަށާއި އެ މީހުންނަށް އަވަސް ފަރުވާ ދިނުމަށް ގެންދިޔައީ އެހެންވެސް ކަމަށް ޒަކީ "އަދަދު" އަށް ބުންޏެވެ.

ލޯންޗު ނެރުގެ ފައިކައްޓަށް އަރާފައި. ދިރުނބާކޮޅުގެ ހަލްއިން ބޮޑު ތަނެއް ފަޅައިގެން ދިޔަ --- ފޮޓޯ: އަހްމަދު ފިރާޒް/ފޭސްބުކް


އެ މީހުން ލޯންޗުން ނަގައިގެން ހޮސްޕިޓަލަށް ލުމަށް ފަހު އަލުން އަނބުރާ އެކްސިޑެންޓުގެ ސީން އަށް ދާން ގާތްގަނޑަކަށް 40 މިނެޓު ހޭދަވެފައިވާނެ ކަމަށް ޒަކީ އަންދާޒާ ކުރެ އެވެ. މިސްބާހު ހޯދަން ޒަކީ ނެރާ ކައިރި ކުރި އިރު އެވަގުތު އެތަނުގައި ފުލުހުންގެ ލޯންޗެއް ވެސް އޮތެވެ.

"މަތިން އެ މީހުން ތިބީ އަލިކުރަން. އަޅުގަނޑު ބުނިން މިސްބާހު ވީ މޫދުގަ އޭ، 100 ޕަސެންޓޭ. އަހަރުމެން އަތުގަ ބައްތިއެއް ނެތޭ، ތިތަނުން ފައިބަން ވީ ނޫންހޭ،" ފުލުހުންނާ ދެއްކި ވާހަކަތައް ހިއްސާކުރަމުން ޒަކީ ބުންޏެވެ.

އެ ވަގުތު އެތަނުން އެއް ފުލުހަކު މޫދަށް ފޭބި އެވެ. އަދި، އޭނާގެ ހަށިގަނޑު ފެނި، މޫދުން ނެގީ ވެސް ފުލުހެކެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި ލޯންޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ވިންޑްޝީލްޑްތައް ތަޅައިގެން ގޮސްފައި ހުރިއިރު ހިލަތަކަށް އެރި ވަގުތު ލޯންޗުގެ ދިރުނބާކޮޅުން ހަލް އަށް ވެސް ފަޅައިގެން ދިޔަ އެވެ.

ޒަކީ ކައިރީގައި ލޯންޗުން ވާހަކަ ދެއްކި މީހާ އޭނާއަށް އެއްވެސް އެއްޗެއް ނެރުން ވަންނަން އައި ވަގުތު ނުފެންނަ ކަމަށް ބުނެފައިވެ އެވެ. އަދި، ނެރަށް ވަންނަ އައީ ވެސް "ބާރަށް" ކަމަށާއި "ނޭނގި ހުއްޓާ ޖެހުނީ" ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ، ޒަކީ އާ އެ ކުއްޖާ އާ ދެމީހުން ދެއްކި ހަމައެކަނި ވާހަކަ އެވެ.

ޒަކީ އަކީ ވެސް އަމިއްލަ ލޯންޗެއްގައި ދަތުރުކުރާ ކެޕްޓަނެކެވެ. އޭނާ ބުނާ ގޮތުން އެ ނެރަށް ވަންނަން ދާ ތަން އޮންނަނީ އަނދިރިކޮށެވެ.

"އެ ނޭރުން ރޭގަނޑު ވަންނަ އިރު ބައެއް ފަހަރު އެގޮތަށް ދިމާވޭ. މާ ބޮޑަށް އަނދިރިވެފައި އިންނަނީ. ނެރު އިންނަނީ ވަރަށް ހަނިކޮށް،" ނެރުގެ ހާލަތު ކިޔައިދެމުން ޒަކީ "އަދަދު" އަށް ބުންޏެވެ.

އޭނާ ބުނާ ގޮތުން ބާރަށް އައިސް އަނބުރާލަން ހިފައިފި ނަމަ ނުފެންނަ ހާލަތެއްގައި "އެ ދިމާލަށް ދާ ގޮތެއް" ވެ އެވެ. އޭނާ ދެކޭ ގޮތުގައި އެވަރު ވާނީ ވަރަށް ބާރަށް ދުއްވާފައި އައުމުންނެވެ. ނަމަވެސް، ސީދާ އެކްސިޑެންޓުވި އިރު ދުއްވި ސްޕީޑު އެނގޭނީ އެވަގުތު ލޯންޗުގައި ތިބި މީހުންނަށް ކަމަށް ޒަކީ ބުންޏެވެ.