Advertisement

އިޒްރޭލް ޖަލުން ފިލި ފަލަސްތީން ހަ މީހުންނަށް ފަސް އަހަރުގެ ހުކުމެއް

ޖަލުން ފިލި ދެ މީހަކު ހައްޔަރުކޮށްފައި. -- ފޮޓޯ: އޭޕީ


އިޒްރޭލް ޖަލުން ފިލި ފަލަސްތީން ހަ މީހުންނަށް ފަސް އަހަރުގެ ހުކުމެއް

ގުދުސް (މޭ 23) - މިދިޔަ އަހަރު އިޒްރޭލުގެ ސެކިއުރިޓީ ވަރުގަދަ ޖަލަކުން ފިލި ފަލަސްތީނުގެ ހަ މީހުންނަށް އަދަބެއްގެ ގޮތުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އެ މީހުންނަކީ މިހާރު ވެސް އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ބަޔެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު ގިލްބާއޯ ޖަލުން އެ މީހުން ފިލީ ބިންގަރާހެއް ކޮނެގެންނެވެ.

ފަލަސްތީނުގައި ބަތަލުންގެ ގޮތުގައި ސިފަކުރި އެ ހަ މީހުން ހައްޔަރު ކުރެވުނީ ދެ ހަފްތާ ވަންދެން އިޒްރޭލް ފުލުހުންނާއި ސިފައިން ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހު އެވެ.

އެ މީހުންނަށް އިތުރު ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާ އިރު، ކޮންމެ މީހަކު 160 ޑޮލަރު ޖޫރިމަނާ ކުރި އެވެ.

ފިލި ހަ ގައިދީންގެ ތެރެއިން އެކަކު ނިސްބަތްވަނީ ފަތަހް ޖަމާއަތަށެވެ. އަނެއް ފަސް މީހުންނަކީ އިސްލާމިކް ޖިހާދު ގްރޫޕުގެ މެމްބަރުންނެވެ. އެންމެން ވެސް ބަންދުކޮށްފައި ތިބީ ޔަހޫދީ ދައުލަތަށް ހަމަލާދިންކަމުގެ ތުހުމަތަށެވެ.

ފިލި ހަ ގައިދީންގެ ތެރޭގައި ހިމެނޭ މަހްމޫދު އަބްދުﷲ އަރްދާހް ހައްޔަރު ކުރުމުން ބުނެފައި ވަނީ ކޮނުމަށް ބޭނުން ކުރީ ސަމުސަލާއި ތައްޓާއި ކުރައެއްގެ އަތްގަނޑު ކަމަށެވެ.

ސެޕްޓެމްބަރު ފަސް ވަނަ ދުވަހާ ހަމައަށް ދިޔައިރު، 30 މީޓަރު ދިގު ބިންގަރާހުގެ މަސައްކަތް ނިމުނީ ޖަލުގެ ފާރުން ބޭރާ ހަމައަށް ފޯރުމުންނެވެ. ގައިދީންތައް ފިލީ އެ ރޭ ދަންވަރު އެވެ.

ފިލި ގައިދީންގެ ތެރޭގައި ހިމެނޭ އަރްދާހް އަކީ އިސްލާމިކް ޖިހާދުގެ މެމްބަރެކެވެ. ޖަލުން ފިލާނެ ގޮތް ރޭވުމުގެ "މާސްޓާމާއިންޑަކީ" އޭނާ ކަމަށް އިޒްރޭލުގެ މީޑިއާ އިން ސިފަކުރެ އެވެ.

ދެން ހިމެނޭ ގައިދީންނަކީ ފަތަހްގެ ޒަކަރިއާ ޒުބެއިދީ އަދި އިސްލާމިކް ޖިހާދުގެ އައިހަމް ކަމާމްޖީ، މުނާދިލް އިންފިއާތު، ޔައުގޫބް ގަދްރީ އަދި މުހައްމަދު އަރްދާހް އެވެ.

އިޒްރޭލްގެ ސިފައިން މޭ 15 ވަނަ ދުވަހު ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕުގައި ހިންގި އޮޕަރޭޝަނެއްގައި ޒަކަރިއާ ޒުބެއިދީގެ ބޭބެ ދާއޫދު ޒުބެއިދީ ވަނީ މަރާލާފަ އެވެ.