Advertisement

ރަޝިއާ އޮތީ ޔޫކްރެއިންއާ އެކު އަލުން މަޝްވަރާ ފަށަން ތައްޔާރަށް

މަޝްވަރާގައި ރަޝިއާގެ ފަރާތުން ބައިވެރިވާ އިސް އޮފިޝަލް ލެޑިމިއާ މެޑިންސްކީ. -- ފޮޓޯ: ރޮއިޓާޒް


ރަޝިއާ އޮތީ ޔޫކްރެއިންއާ އެކު އަލުން މަޝްވަރާ ފަށަން ތައްޔާރަށް

މޮސްކޯ، ރަޝިއާ (މޭ 23) - ޔޫކްރެއިންއާ އެކު އަލުން މަޝްވަރާ ފަށަން ރަޝިއާ ތައްޔާރު ކަމަށް އެ ގައުމުގެ އިސް އޮފިޝަލް ލެޑިމިއަ މެޑިންސްކީ ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެން މި ތިބީ މަޝްވަރާ ކުރިއަށް ގެންދަން ތައްޔާރަށް،" ބެލަރޫސްގެ ޓީވީއަކަށް ދެއްވި އިންޓަވިއުގައި މެޑިންސްކީ ވިދާޅުވި އެވެ.

"މަޝްވަރާ ހުއްޓާލީ ޔޫކްރެއިނުން ބޭނުންވެގެން. ބޯޅަ އޮތީ އެ މީހުންގެ ކޯޓުގައި،" މެޑިންސްކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޝްވަރާގައި ބައިވެރި ނުވާނެ ކަމަށް ރަޝިއާއިން ދުވަހަކު ވެސް ނުބުނާ ކަމަށެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން، ސުލްހަ ގެނެވޭތޯ ދެ ގައުމުގެ މެދުގައި ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވެ އެވެ.

މިދިޔަ މާޗް މަހު ދެ ގައުމުގެ ފޮރިން މިނިސްޓަރު ތުރުކީގައި ބައްދަލުކުރެއްވި އެވެ. އޭގެ ފަހުން ވެސް ދެ ގައުމުގެ ވަފުދެއް ތުރުކީގެ އިސްތަންބޫލްގައި މަޝްވަރާ ކުރި އެވެ.

މަޝްވަރާގައި ޔޫކްރެއިންގެ ފަރާތުން ބައިވެރިވާ އެންމެ އިސް އޮފިޝަލް މައިކާލޯ ޕޮޑޯލިޔަކް މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ ކުރިން ބޭއްވުނު މަޝްވަރާތަކުގެ އެދެވޭ ނަތީޖާއެއް ނުނިކުންނާތީ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

ރަޝިއާގެ ނިއުސް އެޖެންސީތަކުން ބުނާ ގޮތުގައި ދެ ގައުމުގެ މެދުގައި އެންމެ ފަހުން މަޝްވަރާ ބައްދަލުވުމެއް ބޭއްވީ އެޕްރީލް 22 ވަނަ ދުވަހު އެވެ.