Advertisement

ޔާމީންގެ ގެކޮޅުން ބެނާ ނެގި މައްސަލާގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ފުލުހުންނަށް

23 މޭ 2022 - 11:46 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނެގި މައްސަލާގައި ހައި ކޯޓުން ބޭއްވި އަޑުއެހުމުގެ ތެރެއިން


ޔާމީންގެ ގެކޮޅުން ބެނާ ނެގި މައްސަލާގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ފުލުހުންނަށް

23 މޭ 2022 - 11:46 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން ކޯޓު އަމުރު ހޯދި ސަބަބާއި އަމުރު ތަންފީޒު ކުރި ގޮތާ ގުޅޭ ގޮތުން ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ހޫނު ސުވާލުތަކެއް ފުލުހުންނާއި ދައުލަތަށް އަމާޒު ކުރައްވައިފި އެވެ.

ފުލުހުންނަށް ކްރިމިނަލް ކޯޓުން ދިން އަމުރު ބާތިލް ކުރަން އެދި ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުރަތަމަ އޮތީ ޔާމީންގެ ވަކީލުން ހުށަހެޅުއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުގެ ފަރާތުން ރައްދު ދެއްވުމެވެ. އެއަށް ފަހު ފަނޑިޔާރުން ވަނީ ދައުލަތާއި ފުލުހުންނަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފަ އެވެ.

ތަހުގީގު މަރުހަލާގައި އޮތް މައްސަލައަކަށް ވެފައި ޕްރޮސެކިއުޝަންގައި އަދި ގޮތެއް ނެތް މައްސަލައަކަށް ވާތީ، ފަނޑިޔާރުންގެ ސުވާލުތަކަށް ފުލުހުން ޖަވާބުދާރީވުމަށް ދައުލަތުގެ ވަކީލުން އެދިވަޑައިގަތެވެ. ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ބައެއް އޮފިސަރުން ޝަރީއަތުގައި ބައިވެރިވި އެވެ.

ހެކި ހޯދަން ބަލައިފާސްކުރުމުގެ އަމުރެއް ހިފައިގެން ފުލުހުން ހޯދި ހެއްކަކީ ކޮބައިތޯ ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި ފުލުހުން ދިން ޖަވާބަކީ "ފުލުހުން ހޯދި ހެއްކަކީ ބެނާ" ކަމުގަ އެވެ.

ފުލުހުން, ޔާމީނަށް ކުރާ ތުހުމަތާއި އެ ހެއްކާ އޮތް ގުޅުމާއި ބެނާ އެ ކުށް ކުރި ކަމުގެ ހެއްކަކަށްވާ ގުޅޭ ގޮތުން ވެސް ސުވާލު ކުރެއްވި އެވެ. ފުލުހުން ޖަވާބުގައި ބުނީ ބިރުވެރިކަން އުފެދޭ ކަމަކަށް ވާތީ ބެނާ ނަގަން ފުލުހުން އެންގި ކަމަށާއި އެ އަމުރަށް ވެސް އަމަލު ނުކުރާ ކަމަށެވެ.

ބެނާ ނަގަން ފުލުހުން އެންގުމުން ފުލުހުން އެދުނީ "ޖިނާއީ ކުށެއްގެ ހެކި ނައްތާލަންތޯ" ވެސް ފަނޑިޔާރު ޝަފީއު ސުވާލު ކުރެއްވި އެވެ. އަދި އެއްވެސް ހެއްކެއް ފެނުނުތޯ، އަދި ހ. ދޫވެހީގެ އިތުރު ތަނެއް ބަލައިފާސްކުރިތޯ ވެސް ސުވާލު ކުރެއްވި އެވެ.

އޭގެ ޖަވާބުގައި ފުލުހުން ބުނީ ހ. ދޫވެހިން ފުލުހުންނަށް ފެނުނު ހަމައެކަނި ހެއްކަކީ އެ ބެނާ ކަމަށެވެ. އަދި އެ ގޭގެ އިތުރު އެއްވެސް ތަނެއް ބަލާފައި ނެތް ކަމަށާއި ބެނާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ގެންގޮސްފައި ނުވާ ކަމަށް ބުންޏެވެ.

ކުށެއްގެ ތުހުމަތަށް ބަލައިފާސްކުރަން ކޯޓު އަމުރަށް އެދުނުއިރު އެ ތަންފީޒު ކުރުމުގެ ކުރިއަށް އަދި ތަންފީޒު ކުރުމަށް ފަހު ވެސް އެއާ ގުޅޭ ގޮތުން އެއްވެސް މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވޭތޯ ވެސް ސުވާލު ކުރެއްވި އެވެ.

ބަޔާން ނުނަގާ ކަމަށް ފުލުހުން ބުނުމުން ކޯޓު އަމުރަކީ ފުލުހުން ބޭނުންވާ ގޮތަށް ހުށަހެޅުމުން ކޯޓުން ހަމަ އެ ގޮތަށް ހަމައެކަނި "ރަބަރު ސްޓޭމްޕް" ޖަހާފައި ދޫކޮށްލަން އޮންނަ ލިޔުމެއްތޯ ވެސް އެއްސެވި އެވެ.

ޔާމީންގެ ގެކޮޅު ބަލައިފާސްކުރިއިރު ކުރެވޭ ތުހުމަތާ ގުޅޭ ގޮތުން ގާނޫނީ އިންޒާރު ދިނިންތޯ ވެސް ފަނޑިޔާރު އެއްސެވި އެވެ. ގާނޫނީ އިންޒާރު ނުދޭ ކަމަށް ފުލުހުުން ބުންޏެވެ. އެ ޖަވާބާ ގުޅިގެން ފަނޑިޔާރު ވަނީ "ކިހިނެއްތޯ އެނގޭނީ ގެއަށް ކީއްކުރަން ކަމެއް ތި ވަންނަނީ ވެސް،" އައްސަވާފަ އެވެ.

އާންމު މަސްލަހަތު ގެއްލޭ މައްސަލައެއް ހުށަހަޅަން ޖެހޭނީ އާންމު ފަރާތަކުން ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު މި މައްސަލަ ހުށަހެޅީ ފުލުހުން އަމިއްލައަށް އިސްވެގެން ކަމަށް ބުންޏެވެ. މި ގޮތަށް ފުލުހުން ބުނީ ވެސް ފަނޑިޔާރުން ގާނޫނީ އެ ނުކުތާ ފާހަގަ ކުރައްވައި ސުވާލު ކުރެއްވުމުންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމަވާލެއްވި އެވެ. މައްސަލަ ދިރާސާކުރުމުގެ ތެރޭގައި ސާފު ކުރަން ޖެހޭ ކަމެއް ފާހަގަ ނުވެއްޖެނަމަ، ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރަން ބާއްވާ އަޑުއެހުމެއް ކަން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވި އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު އާއި ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރަށް ފަނޑިޔާރު ހުސައިން ޝަހީދެވެ.

މައްސަލައިގެ ފަސްފަހަތް

ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި "އިންޑިއާ އައުޓް"ގެ 50 އަކަށް ފޫޓުގެ އެ ބެނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް ނެގީ އެ ބެނާ ދެމިތާ ދުވަސްކޮޅެއް ފަހުންނެވެ.

ބެނާ ނަގައިގެން ގެންދިޔައީ އެ ކެމްޕޭން ހުއްޓުވަން މުއައްސަސާތަކަށް އަންގައި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ރިޔާސީ ގަރާރެއް ނެރުއްވި ފަހުންނެވެ. އެ ގަރާރުގެ ދަށުން ކޯޓު އަމުރު ހޯދައިގެން، މަގުމަތީގައާއި މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އޭގެ އެކި ބެނާތައް ފުލުހުން ނެގި އެވެ.

ޔާމީންގެ ގެކޮޅުގައި "އިންޑިއާ އައުޓް" ބެނާއެއް ދެމުމުން ފުލުހުން ކުރާ ތުހުމަތަކީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ.) ގެ ހަވަނަ ނަންބަރުގައި ބަޔާން ކުރާ ކުށެވެ. އެ މާއްދާއަކީ އާންމު މަސްލަހަތަށް ގެއްލުންދޭން އުޅުމުގެ ކުށަށް ހާއްސަކޮށްފައިވާ މާއްދާއެކެވެ.

ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ.) ގެ 6


ޖާއިޒު މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީ ގޮތުން ހުތުރު، ނުވަތަ މީހުން ބިރު ގަންނަ ފަދަ ހާލަތެއް އުފެއްދުން.

ރައީސްގެ ރިޔާސީ ގަރާރުގައި ވެސް ފާހަގަ ކުރައްވާފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގަ އެވެ.

ރިޔާސީ ގަރާރު ބާތިލުކުރުން ޕީޕީއެމްއިން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.