Advertisement

ގާނޫނުގައި ބުނާ އަދަދަށް ވޯޓު ހަމަނުވާތީ ޝަހުބާން އެމްއެމްސީގެ ރައީސްގެ މަގާމުން ވަކި ނުކުރެވުނު

22 މޭ 2022 - 23:57 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމްއެމްސީގެ މެމްބަރުން-- ފޮޓޯ: އެމްއެމްސީ


ގާނޫނުގައި ބުނާ އަދަދަށް ވޯޓު ހަމަނުވާތީ ޝަހުބާން އެމްއެމްސީގެ ރައީސްގެ މަގާމުން ވަކި ނުކުރެވުނު

22 މޭ 2022 - 23:57 0

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މަގާމުން ވަކިކުރަން އެ ކައުންސިލުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓު ނާކާމިޔާބު ވެއްޖެ އެވެ.

އެމްއެމްސީގެ މެމްބަރު މުހައްމަދު ޝަފާއު ހަސަން "އަދަދު"އަށް ވިދާޅުވީ އެމްއެމްސީ މެމްބަރުންގެ މެދުގައި ޝަހުބާން ވަކި ކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ވޯޓެއް ނެގުނު ކަމަށެވެ.

"އަޅުގަނޑުމެން ވޯޓު ނެގިން. އަށް ވޯޓު ލިބުނީ ރައީސް ވަކިކުރަން. ހަތަރު މެމްބަރުން ނިންމެވީ ރައީސް ބަހައްޓަން. ނެގި ވޯޓުން ބަހައްޓަން ބޭނުންވާ ކަމަށް ނިންމި މެމްބަރުންގެ ވޯޓު ކަރުދާހުގަ އިތުރު ފާހަގައެއްވެސް ޖަހާފަ އިން،" އޭނާ ވިދާޅުވި އެވެ.

ގާނޫނުގައި އިންނަ ގޮތުން އެމްއެމްސީގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް ޖުމްލަ 10 ވޯޓު ބޭނުންވެ އެވެ.

ނަމަވެސް ޝަހުބާން މަގާމުން ވަކި ކުރަން ލިބުނީ އަށް ވޯޓުކަމުން އެމްއެމްސީގެ ރައީސް ކަމުގައި އޭނާ ދެމި ހުންނާނެ ކަމަށް ވެސް ޝަފާއު ވިދާޅުވި އެވެ.

ޝަހުބާންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުތަކާއެކު ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށްބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މައްސަލައެއް ވެސް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ހުށަހަޅުއްވައިފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޝަހުބާންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލާގައި މިހާތަނަށް އަމަލު ކޮށްފައި ހުރި ގޮތްތަކަށް ބަލާއިރު ހާއްސަކޮށް މީޑިއާގައި ރިޕޯޓު ކޮށްފައި ހުރި ގޮތްތަކަށް ބަލާއިރު އެ ގާނޫނުގައި އެ ބުނާ ޝަރުތުތައް ޝަހުބާންގެ ކިބައިގައި ފުރިހަމަ ވާ ކަމަކަށް އަޅުގަނޑު ނުދެކެން،" އުޝާމް ވިދާޅުވި އެވެ.

ޝަހުބާނަށް ކުރެވޭ ތުހުމަތު

ޝަހުބާނާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަލްހާން ފަހުމީ ވަނީ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކިޔާ ކުންފުންޏެއް މެދުވެރިކޮށް އާއްމުންގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ކުރިޔަށް ގެންގޮސްފަ އެވެ.

މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު، އެމްއެމްއޭ އިން ނުސީދާކޮށް ކިންގްސް ފޮރެކްސްއާ ދެކޮޅަށް ބަޔާން ނެރެ، ބީއެމްއެލްގައި ހުޅުވާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓްތައް ފްރީޒް ކުރީ، ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ޝަހުބާނާއި އަލްހާނު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

މަނީ ލޯންޑާގެ ތުހުމަތާ ގުޅިގެން ރާއްޖޭގެ ގިނަ ނޫސްވެރިންވެސް އަންނަނީ ޝަހުބާން އިސްތިއުފާ ދޭން ޖެހޭ ކަމަށް ބުނަމުންނެވެ. ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.