Advertisement

އިސްތިއުނާފްގެ ދޮރެއް އެއް ބަޔަކަށް ބަންދު، އިންސާފުތަ؟

24 މޭ 2022 - 08:42 4

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓު ހިންގާ ކުރީގެ ރިޔާސީ ގަނޑުވަރުގެ ބޭރު: ބައެއް ހާލަތްތަކުގައި ދައުވާ ލިބޭ ފަރާތްތަކަށް ބައެއް މައްސަލަތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅައިފަ -- ފޮޓޯ: އަދަދު ފައިލް


އިސްތިއުނާފްގެ ދޮރެއް އެއް ބަޔަކަށް ބަންދު، އިންސާފުތަ؟

24 މޭ 2022 - 08:42 4

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރިން އިސްތިއުނާފް ކުރަން ކުރިން ހުޅިފައި އޮތް ފުރުސަތު އެ ގާނޫނަށް ގެނެވުނު އިސްލާހުން މި ވަނީ ހަނިކޮށްފަ އެވެ. ހަނިވުމުގެ ނަތީޖާއަކީ މައްސަލައެއްގައި ޝަރީއަތް ކުރާނެ ތަން އޮތް މައްސަލައެއް ކަމަށް ފަނޑިޔާރު ނިންމާ ނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ގެއްލިގެން ދިއުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަ ކޮށްދޭން ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި އުފުލި ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ކުރި ހުކުމުގައި ވަނީ މިހެނެވެ.

އޭގެ މާނައަކީ ޖިނާއީ މައްސަލައެއްގައި ދަށު ކޯޓުން ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި ނަމަ އެ ދައުވާއެއް މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ދައުވާ ރައްދުވާ ފަރާތަށް ގަބޫލު ކުރެވުނަސް އެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފެއް ނުކުރެވޭނެ އެވެ. އެކަމަކު، ދައުވާ ކުރިއަށް ނުގެންދަން ދަށު ކޯޓުން ނިންމާ ނިންމުން އިސްތިއުނާފް ކުރަން ދައުލަތަށް އެ ހައްގު އޮންނާނެ ކަމަށެވެ.

ދައުލަތަށް އެކަނި އޭގެ ހައްގު ލިބިފައި، ދައުވާއެއްގައި "ބަނދެވިފައިވާ" ހަސްމަކަށް އެ ހައްގު ނުލިބޭނެ ކަމަށް ކަނޑައެޅުމުން އޭގެ ޒާތުގައި ވެސް އެއީ އެންމެ އިންސާފުވެރި ގޮތްތޯ ސުވާލު އުފައްދަން ޖާގަ ލިބެ އެވެ. ދައުލަތުން ފުރަތަމަ އެ ނުކުތާ ހުށަހެޅުމުން ވެސް އާޒިމާގެ ފަރާތުން އެ ކަންބޮޑުވުން ހިއްސާ ކުރެއްވި އެވެ.

"ދައުލަތުން އެ މާނަ ކުރާ ގޮތަށް މާނަ ކުރަން ވެއްޖެ ނަމަ ޝަރީއަތް ދިގުލައިގެން ދަން ދެން މުއްތަހަމް މަޑުކުރަން ޖެހޭނެ، މި ޝަރުއީ މަރުހަލާގައި އަޅުގަނޑުގެ މުވައްކިލް [އާޒިމާ] ހިފަހައްޓާފައި ހުންނަތާ ވެސް ތިން އަހަރާއި ބައިވީ، މި ހާލަތުގައި ބޭއިންސާފު މާނަ ކުރުމަކަށް މި ވާނީ،" އާޒިމާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ޝަރީއަތުގައި ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މި ފަހުން ގެނައި އިސްލާހަށް ބިނާކޮށެވެ. ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ދައުލަތުން އެ ކޯޓުގައި ވެސް އެ ނުކުތާ ފާހަގަ ކުރެއްވި އެވެ. އެކަމަކު އެ ކޯޓުން ނިންމީ އިސްތިއުނާފްގެ ހައްގު އާޒިމާއަށް ވެސް އޮންނާނެ ކަމަށެވެ. ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާ


* ކުރިން އޮތް ގޮތް - މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ދަށު ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ އެއިން ކޯޓަކުން ނިންމާފައިވާ އެ ނޫން ވެސް ނިންމުމެއް، ގާނޫނު އަސާސީއާ ނުވަތަ ޝަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފު ކަމަށް ގަބޫލު ކުރެވިގެން އެ ކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ހައި ކޯޓުގައި ކަމާ ބެހޭ ފަރާތަކުން ހުކުމެއް ނުވަތަ އަމުރެއް އިސްތިއުނާފް ކުރެވިދާނެ އެވެ. * އިސްލާހު ކުރި ގޮތް - މި ގާނޫނުގައި ނުވަތަ ޖިނާއީ ކުށެއް ކަނޑައެޅުމުގެ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައި ނިންމުމެއް، ގާނޫނު އަސާސީއާ ނުވަތަ ޝަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފު ކަމަށް ގަބޫލު ކުރެވިގެން، އެ ކަން ފާހަގަކޮށް، ކަމާ ބެހޭ ފަރާތަކުން އެ ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފް ކުރެވިދާނެ އެވެ.

"މި މާއްދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކުރިން ލިޔެފައި އޮތް ގޮތުން ޖިނާއީ މައްސަލައެއްގެ ތެރޭގައި ދަށު ކޯޓަކުން ކޮށްފައިވާ ކޮންމެ ނިންމުމެއް އިސްތިއުނާފް ކުރުމުގެ ހައްގު އެ މައްސަލައެއްގައި ހިމެނޭ ކޮންމެ ހަސްމަކަށް ލިބެ އެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ނަތީޖާއެއްގެ ގޮތުން މިހާރު އިސްތިއުނާފް ކުރެވޭނީ ޖިނާއީ މައްސަލައެއްގައި ދަށު ކޯޓަކުން ކޮށްފައިވާ ހުކުމްތަކާއި ނެރެފައިވާ އަމުރުތަކާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުހަލާގައި ނިންމާ ނިންމުންތަކަށް،" ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ސުޕްރީމް ކޯޓުން މާނަ ކުރީ މި ގޮތަށެވެ.

ޝަރީއަތް ދިގުލައިގެން ނުދާން ގެނެވުނު އުސޫލުން ހައްގެއް އުނިވޭތަ؟

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެ އިސްލާހު ގެނައުމުގެ ބޭނުމެއްގެ ގޮތުގައި ވެސް ގިނަ ގަނޫނީ ވަކީލުން ފާހަގަ ކުރައްވާ ނުކުތާއަކީ ވެސް އެއީ އެވެ. ޝަރީއަތުގެ ކޮންމެ ނިންމުމެއް އިސްތިއުނާފް ކުރަން ދޫކޮށްލައިފި ނަމަ، އެތައް ދުވަހެއް ދަށު ކޯޓުގައި އޮތް ޝަރީއަތަށް ދިގުލައިގެން ގޮސްދާނެ އެވެ. އެހެންވެ އޭގެ ހައްލެއްގެ ގޮތުގައި ބައެއް ނިންމުންތައް އިސްތިއުނާފް ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ އެވެ.

ނަމަވެސް އެ އުސޫލުން ހަސްމެއްގެ ހައްގު އުނިކަން ލިބޭ ނޫން ހެއްޔެވެ؟

ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް، ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަން ހަރަކާތްތެރިވި ވަކީލު އާޒިމާއާއި އޭނާގެ ވަކީލުން ވެސް ވަކާލާތު ކުރައްވަމުން ގެންދެވެނީ މި ކަމުގަ އެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފއިވާ ހައްގެއް ހަނިކުރަން ޖެހޭ ހާލާތެއް ފެނިގެން ގާނޫނެއް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުން އެ ހައްގު ހަނިކުރަން ބޭނުންވާނަމަ ގާނޫނުގައި އެ ގޮތަކަށް ސާފު ސީދާ އިބާރާތަކުން ލިޔުނީހެވެ.

"ޝަރީއަތް ކުރާނެ ތަން ނެތް ކަމަށް ފަނޑިޔާރު ނިންމާ މައްސަލަތައް ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރެވިދާނެ ކަމަށް ބަޔާން ކުރާ މާއްދާއެއް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް އަދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ވެސް ނެތް، ދައުވާ ރައްދުވާ ފަރާތަށް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ވެސް ނެތް،" އާޒިމާގެ ވަކީލު ނިހާޔަތު ޝަރީއަތުގައި ވިދާޅުވެފައިވެ އެވެ.

ކުރީގެ ގާޒީ މުހައްމަދު ރާގިބް ވެސް ފާހަގަ ކުރައްވާ ނުކުތާއަކީ އެއީ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގެ ނިންމުންތައް އިސްތިއުނާފް ކުރެވޭނެ ކަމުގަ އެވެ. މަދަނީ މިންގަނޑަށް ވެސް ނުފެތޭ ދައުވާއެއް ކުރުމުން ދަށު ކޯޓުން ބޭނުން ގޮތަކަށް ނިންމުމުން އެ އިސްތިއުނާފް ކުރުމުގެ ހައްގު އޮންނާނެ ވާނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނަކު ނެތް އޭނާއަކަށް އެފަދަ ފުރުސަތެއް ނޯންނާނެ ކަމަށް [ސާފުކޮށް] ބުނެފައި އޮތް އެއްވެސް މާއްދާއެއް، ނުވާހާ ހިނދަކު ދައުވާއެއް ރައްދުވާ ފަރާތަކަށް ވެސް އެ ފުރުސަތު އޮންނަން ވާނެ ކަމަށް ދެކެން، ކިތަންމެ ދިގު މުއްދަތެއް ދިޔައަސް ގާނޫނު އަސާސީން ދީފައިވާ ހައްގެއް އޭނާއަށް ލިބިދޭން ޖެހޭ،" ރާގިބް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި އަބަދުވެސް އިސްވާނީ މުޅި ދައުލަތުގެ މަސްލަހަތު ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމު ރޭވިފައި އޮންނަނީ ވެސް އެ ގޮތުގެ މައްޗަށް ކަމަށެވެ. އަދި ޝަރީއަތްތައް އަވަހަށް ގެންގޮސް އިންސާފު ގާއިމް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްތިއުނާފް ކުރަން ޖާގަ ދީފިނަމަ ކޮންމެ ނިންމުމެއް ދާނެ ސުޕްރީމް ކޯޓާ ހަމައަށް، އެއީ އެ ކަން ހިނގާނެ ގޮތް، ތި މައްސަލާގައި ވެސް ވީ ގޮތް، އެހެން ކޮންމެ ނިންމުމެއް ގެންދަން ވިއްޔާ ކިހާ ދުވަހެއްތޯ ޝަރީއަތް ދިގުލައިގެން އެ ދަނީ،" އޭނާ ވިދާޅުވި އެވެ.

ދައުލަތަށް އެ ހައްގު އޮންނާނެ ކަމަށް ނިންމި ނިންމުމާ ގުޅޭ ގޮތުން ވެސް އެ ގާނޫނީ ވަކީލު ވިދާޅުވީ، ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން އެ ކަމަށް އިސްތިއުނާފް ނުކުރެވިއްޖެނަމަ ދެން ސީރިއަސް ޖިނާއީ ބޮޑެތި މައްސަލަތައް މުޅިން ހުއްޓުމަކަށް ވެސް އައިސްދާނެ ކަމަށެވެ.

"އުސޫލީ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމް ހަމަ ވަރަށް ރަނގަޅު، އޭގައި އޮންނާނީ ހަމަ މުޅި ދައުލަތުގެ މަސްލަހަތު އިސްވުން، ޖިސްމާނީ އަނިޔާއެއްގެ ޖިނާއީ މައްސަލައެއްގައި ވެސް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ދެން އެ އިސްތިއުނާފް ނުކުރެވެންޏާ އާންމު މަސްލަހަތު އެބަ ގެއްލިގެންދޭ،" ވަކީލު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް އެ ކަން ފާހަގަކޮށްފައިވެ އެވެ. ދައުވާއެއް ކުރިއަށް ގެންދަން ނިންމިއަސް ދައުވާ ރައްދުވާ ފަރާތަށް ދަށު ކޯޓުގައި އަދިވެސް ދިފާއުވާން ފުރުސަތު ލިބޭނެ ކަމަށާއި ދަށު ކޯޓުގެ ހުކުމް ވެސް އިސްތިއުނާފް ކުރެވެން އޮންނާނެ ކަމަށެވެ.

ނަމަވެސް ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފިނަމަ އާ ހެކި ހޯދައިގެން ވެސް އަލުން ދައުވާ ކުރުމުގެ ފުރުސަތު ނޯވެދާނެ ކަން ފާހަގަކުރި އެވެ. އަދި އިސްތިއުނާފްގެ ފުރުސަތު ދައުލަތަށް ނުލިބޭ ނަމަ، އެ މައްސަލައަށް މުޅިން ނިމުން އަންނާނެ ކަމުގައި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުން އިސްތިއުނާފް ނުކުރެވުމަކީ އެ މައްސަލާގައި ހިމެނޭ އެއްވެސް ފަރާތެއްގެ ހައްގަކަށް ދާއިމަށް އުނިކަން އަންނާނެ ކަމެއް ނޫން. އެއާ ހިލާފަށް، ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ނިންމުމަކީ ފައިނަލިޓީއެއް އޮތް ނިންމުމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް،" އެ ހުކުމުގައިވެ އެވެ.

އިންސާފު މާނަކުރުން މި އޮންނަނީ އެއިރެއްގެ ހާލަތަށެވެ؛ ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ގެނައީ ވެސް ކޮންމެ ނިންމުމެއް އިސްތިއުނާފް ކުރަން ދިނުމުން ޝަރީއަތްތައް ދިގުލައިިގެންދާ ދިއުމުން އުފެދޭ ބޭއިންސާފަށް ހައްލެއް ގެންނާށެވެ. ދައުލަތަށް ވަކި ހައްގެއް ލިބި، އަނެއް ފަރާތަށް އެ ހައްގު ނުލިބިދާ ގޮތަށް ސުޕްރީމް ކޯޓުން މި ނިންމި ނިންމުމަކީ މުޅި ޖުޑީޝަރީގެ ނިޒާމު ހުއްޓިނުދާނެ ގޮތަކަށް އަދި ދެ ފަރާތުގެ ހައްގު ވެސް ހަމަހަމަކޮށް ލިބޭނެ ގޮތަކަށް ނިޒާމު ބައްޓަން ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ގިނަ ވަކީލުން ދެކެ އެވެ.