Advertisement

ދަރިފުޅު މަރާލި ކަމުގެ ކުށް ޝާހިދާގެ މައްޗަށް ސާބިތުވެއްޖެ

22 މޭ 2022 - 13:57 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އައިމިނަތު ޝާހިދާ މީގެކުރިން ކޯޓަށް ހާޒިރުކުރަނީ: އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފައި - ފޮޓޯ: އަހުމަދު ޝުރާއު / އަވަސް


ދަރިފުޅު މަރާލި ކަމުގެ ކުށް ޝާހިދާގެ މައްޗަށް ސާބިތުވެއްޖެ

22 މޭ 2022 - 13:57 0

ށ. އަތޮޅު ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒުގެ ގަޔަށް ވަޅިޖަހާ މަރާލި ކަމުގެ ކުށް އެ ކުއްޖާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވެއްޖެ އެވެ.

މީގެ ހަ އަހަރު ކުރިން ޝައިހާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެން ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ. ޝައިހާގެ ގަޔަށް ހެރި ވަޅި ވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑަކުން ފެނުނެވެ.

އެ ހަމަލާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ޝާހިދާ ހައްޔަރުކޮށް ބަންދުކުރި އެވެ. އެއަށްފަހު އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލި އެވެ. ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ ކުރިމިނަލް ކޯޓުގައި ޝަރީއަތް 2016 ވަނަ އަހަރު ފެށީ ސިއްރުކޮށްގެންނެވެ.

އަޑުއެހުންތައް ކުރިއަށްދާތާ ހަ އަހަރު ފަހުން, މިއަދު ކުރިމިނަލް ކޯޓުން ވަނީ މައްސަލާގައި ހުށަހަޅާފައިވާ ހެކި ގަރީނާތަކުގެ މައްޗަށް ބެލުމަށްފަހު, ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. ކުށް ސާބިތުވާ ކަމަށް މައްސަލަ ބައްލަވާ, ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ނިންމަވާފައިވާއިރު, ދެން މި މައްސަލާގައި އޮންނަނީ ވާރިސުންގެ ބަސް ހޯދުމެވެ.

މި މަހުގެ 31 ވަނަ ދުވަހު ވާރިސުންގެ ބަސް ނެގުމަށްފަހު, އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކައި, އަދަބު ކަނޑައެޅުން އޮންނާނެ އެވެ. ޝާހިދާ މަރާލާފައިވަނީ އޭނާގެ ދަރިފުޅުކަމުން, މިއީ މަރަށް މަރު ހިފޭނެ މައްސަލައެއް ނޫނެވެ.

މި މައްސަލާގައި ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި ޝައިހާ މަރާލިއިރު ވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުއްޓެވެ. ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓްއަކަށް ދައްކާ ފަރުވާ ކުރަމުން ގެންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.