Advertisement

މަންކީޕޮކްސްގެ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް ނުބެލެވޭ: މިނިސްޓްރީ

22 މޭ 2022 - 13:14 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ާރާއްޖެއައި ފަތުރުވެރިންތަކެއް ހުޅުލެ އެއާޕޯޓުގައި-- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މަންކީޕޮކްސްގެ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް ނުބެލެވޭ: މިނިސްޓްރީ

22 މޭ 2022 - 13:14 1

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި މަންކީޕޮކްސް ފެތުރެމުންދިޔަ ނަމަވެސް، އެ ބަލީގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން މަންކީޕޮކްސްގެ ކޭސްތައް ފެނިފައި ވާތީ ބަލި ފެތުރެމުންދާ ގޮތާ ގުޅޭ ތަހުގީގެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ފަށައިފަ އެވެ.

ވައިރަހަކުން ޖެހޭ މަންކީޕޮކްސްގެ 92 ކޭސް 12 ގައުމަކުން ވަނީ ފެނިފަ އެވެ. ނަމަވެސް ރާއްޖޭގެ އަވައްޓެރި އެއްވެސް ގައުމަކުން މިހާތަނަށް މި ބަލި ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ ޝަރީފް "އަދަދު"އަށް ވިދާޅުވީ އެ ބައްޔާ ބެހޭގޮތުން އަޅާނެ ފިޔަވަޅުތަކާ މެދު އެޗްޕީއޭއާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް ކޮންމެ ފިޔަވަޅެއްވެސް އަޅާނީ އެޗްޕީއޭއިން އަންގާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުން އެ ބައްޔަކީ މާ ނުރައްކާތެެރި ބައްޔެއް ނޫން ކަމަށާއި، އެހެންކަމުން ބޯޑަރު ބަންދުކުރުން ފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަށް ނުވިސްނާ ކަމަށެވެ.

"މިކޮޅަކުން ބޯޑާ ކްލޯޒް ކުރުމުގެ އެއްވެސް ވިސްނުމެއްވެސް ނެތް. ރާއްޖޭގެ ފަތުރުވެރި ކަމަށް، މިހާރުގެ ހާލަތު މި އޮތްގޮތުން ފަތުރުވެރި ކަމަށް ނެގެޓިވް އިފެކްޓެއް އައިސްފާނެ ކަހަލަ ސައިންއެއް ނުފެނޭ،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރިވެރިން އަންނަ 10 ގައުމުގެ ތެރޭގަ ހިމެނޭ ޖަރުމަނާއި ބެލްޖިއަމް ފަދަ ގައުމުތަކުން މަންކީޕޮކްސް ރިޕޯޓުކުރާ މިންވަރު މަދު ކަމަށާއި އެހެން ކަމުން ރާއްޖެއަށް މި ބަލި އައުން އެކަށީގެން ނުވާ ކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، ރާއްޖެއަށް ވެސް އެ ބަލި ޖެހިފައި ހުރި މީހަކު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މި ބައްޔާ ގުޅިގެން ރިސޯޓުތަކުން އަމަލު ކުރުމަށް ގައިޑްލައިނެއް ތައްޔާރުކުރަމުންދާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެ ކަރުދާސް ރިސޯޓުތަކާ ހިއްސާ ކުރެވޭނެ ކަމަށެވެ.

"ކޮވިޑްހާ ސީރިއަސް ބައްޔަކަށް ނުވެދާނެ މިއީ. ނަމަވެސް އެޗްޕީއޭއާ ގުޅިގެން އަޅުގަނޑުމެން ގައިޑްލައިނެއް އެބަ ތައްޔާރުކުރަން. އެޗްޕީއޭން ނެރުނު ގައިޑްލައިންގަ ހުރި ކަންކަން ހުންނާނީ. މާ ބޮޑު ބަދަލުތަކެއް ނާންނާނެ ރިސޯޓު ތަކަށް ފޮނުވާ ގައިޑްލައިންގަވެސް،" ޝަރީފް ވިދާޅުވި އެވެ.

އެޗްޕީއޭއިން ބުނީ ދުނިޔޭގައި ފެތުރެމުން އަންނަ އެހެން ބަލިތަކެކޭ އެއްފަދައިން، މި އައުޓްބްރޭކް ވެސް މޮނިޓާކޮށް، ރިސްކު އެސެސްމެންޓު ހަދަމުން ގެންދާނެ ކަމަށެވެ.

އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އެގޮތުން އަތް ދޮވުމާއި މާސްކު އެޅުމާއި ގައިދުރުކަން އިސްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.