Advertisement

ޔާމީން ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނަގަން ދިން އަމުރު ބާތިލްކުރަން ހައިކޯޓަށް

22 މޭ 2022 - 09:32 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން ގެކޮޅުގައި ދަމާފައި ހުރި ބެނާ: ފުލުހުން ބެނާ ނަގަން ދިން އަމުރު ހައި ކޯޓަށް ހުށަހަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


ޔާމީން ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނަގަން ދިން އަމުރު ބާތިލްކުރަން ހައިކޯޓަށް

22 މޭ 2022 - 09:32 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހިގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުންނަށް ކްރިމިނަލް ކޯޓުން ދިން އަމުރު ބާތިލް ކުރަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު ޔާމީން ހުށަހަޅުއްވާފައިވާ އެ މައްސަލަ މިއަދު ހެނދުނު 11:15 އަށް ހައި ކޯޓުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.

"އެއީ ފުލުހުން ކޯޓަށް ފޮނުވި ސިޓީއާއި ކޯޓުން ނެރެދިން އަމުރަކީ ޣައިރު ގާނޫނީ ނިންމުންތަކެއްގެ ގޮތުގައި ގަބޫލު ކުރެވެނީ، އެހެންވެ އަމުރު ބާތިލްކޮށްދޭން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރީ،" އިދިކޮޅު ކޯލިޝަންގެ އިސް އެއް ވަކީލު މުހައްމަދު ރާގިބު މި ނޫހަށް ވިދާޅުވި އެވެ.

ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި "އިންޑިއާ އައުޓް"ގެ 50 އަކަށް ފޫޓުގެ އެ ބެނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސް ނެގީ އެ ބެނާ ދެމިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ޔާމީންގެ ގެކޮޅާއި ޕީޕީއެމް އޮފީހުގެ އިތުރަށް މާލޭގެ ގިނަ އަދަދެއްގެ އިމާރާތްތަކުގައި "އިންޑިއާ އައުޓް" ބެނާތަކެއް ނެގުމާއެކު، އެ ކެމްޕޭން ހުއްޓުވަން މުއައްސަސާތަކަށް އަންގަވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ.

މި ގޮތަށް ރައީސް ނިންމެވީ އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި ކަނޑައެޅުއްވުމަށް ފަހުގަ އެވެ.

އެ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

ރިޔާސީ ގަރާރު ބާތިލުކުރުން ޕީޕީއެމްއިން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލްކަން އިތުރު ކުރުމެވެ.