Advertisement

ލޯންޗު އެކްސިޑެންޓު: މާލެ ގެނައި ދެ މީހުން އީއާރްގައި، އެކަކު އައިސީޔޫއަށް

22 މޭ 2022 - 09:55 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ލޯންޗު އެކްސިޑެންޓުގައި ހާލު ދެރަވި ތިން މީހުން މާލެ ގެނެސްފި: އެކަކު ވެންޓިލޭޓަރުގައި-- ފޮޓޯ: އެމްއެންޑީއެފް


ލޯންޗު އެކްސިޑެންޓު: މާލެ ގެނައި ދެ މީހުން އީއާރްގައި، އެކަކު އައިސީޔޫއަށް

22 މޭ 2022 - 09:55 0

ގއ. ވިލިނގިލީގައި ރޭ ހިނގި ނުރައްކާތެރި ލޯންޗު އެކްސިޑެންޓުގައި ހާލު ދެރަވި ތިން މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ރޭ އިރާކޮޅު އެ ރަށަށް ދަތުރު ކުރަމުން ދިޔަ ލޯންޗު އެ ރަށު ފަޅުތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހިގެން ހިނގި ހާދިސާގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. ޖުމްލަ ފަސް މީހުން ދަތުރުކުރިއިރު ބާކީ ތިބި ތިން މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ރޭ ދިޔައީ ފަރުވާދެމުންނެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ޝަރީފް "އަދަދު"އަށް ވިދާޅުވީ ތިން މީހުން މާލެ ފޮނުވާލީ ރޭ ދަންވަރު، އެމްއެންޑީއެފް ޑޯނިއާ މަތިންދާބޯޓާއި އިތުރު ފްލައިޓެއްގައި ކަމަށެވެ. ޝަރީފް ވިދާޅުވީ އެ ތިން މީހުންގެ ބޮލަށާއި މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެ ތިން މީހުންވެސް މާލެ ގެނެސް ފުރަތަމަ ގެންދިޔައީ އޭޑީކޭއަށެވެ. ނަމަވެސް ޓެސްޓުތައް ހެދުމަށް ފަހުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ މި ނޫހަށް ވިދާޅުވީ ރޭ ހިނގި ހާދިސާގައި މާލެ ގެނައި ތިން މީހުންނަށް ފަރުވާ ދެމުން ދާއިރު، ވެންޓިލޭޓަރުގައި ގެނައި މީހާ އައިސީޔޫއަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެކްސިޑެންޓުގަ ގެނައި ދެ ޕޭޝެންޓު އޮތީ އީއާރްގަ. އެމަޖެންސީ ރޫމްގަ ފަރުވާ ދެމުންދަނީ. ވެންޓިލޭޓަރުގަ ގެނައި ޕޭޝެންޓު އައިސީޔޫއަށް ޝިފްޓުކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު އަބްދުލްމުހުސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުހައްމަދު ޝާފިއު، 27، އެވެ.

ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ މިސްބާހުގެ ކޮއްކޮ އިސްހާގު އަބްދުލް މުހުސިން، 30 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގި ދަތުރަކީ މިސްބާހުގެ އާއިލާގެ މީހަކާއި ޝާފިއުގެ އާއިލާގެ މީހަކު ކުރާ ކައިވެންޏެއްގައި ބައިވެރިވާން ޝާފިއު ބަލާ، އޭނާ މަސައްކަތް ކުރަމުން އައި ޕުލްމަން މޯލްޑިވްސް ރިސޯޓަށް ކުރި ދަތުރެކެވެ.