Advertisement

ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް އަނެއްކާ ވެސް ހައްޔަރަށް

21 މޭ 2022 - 11:48 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް - ފޮޓޯ: މުހައްމަދު ޝާބިން


ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް އަނެއްކާ ވެސް ހައްޔަރަށް

21 މޭ 2022 - 11:48 0

އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނު ހަރަކާތުގައި އިސްކޮށް އުޅުއްވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލް ރޭގެ ވަގުތެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

މުހައްމަދު އިސްމާއީލް އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ. އެހެން ނަމަވެސް އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

މުހައްމަދު އިސްމާއީލް ދެ ވަނަ ފަހަރަށް ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. އިންޑިއާ އައުޓް ކެމްޕެއިނު ހިންގާ ކަމުގެ ތުހުމަތުގައި އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް އަލުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން މީގެ ކުރިން ބުނީ އެ މީހުން ހައްޔަރުކުރީ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާ ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެ ހަރަކާތް ރާވާ ހިންގާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވައިފަ އެވެ. ފުލުހުން އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދަނީ އެ ގަރާރަށްފަހެވެ.

ރައީސްގެ ރިޔާސީ ގަރާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ވަނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާއިރު އެ ހާލަތަކަށް ބެލުމަށް ފަހު ގާނޫނުގައި ބުނެފައިވާ ވަރަށް އެކަން ކުރުމަށް ގޮވާލާފަ އެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވެފައި އޮތީ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ "ސުލްހަ މަސްލަސްކަން ނަގައިލުމުގެ ނިޔަތުގައި" ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި، އެއީ ރާއްޖޭގެ ތަރައްގީ އާއި މި ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅުމަށް ކުރާ ކެމްޕެއިނެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހުރި ކަންކަމަށް އިންކާރު ކުރެ އެވެ. އިދިކޮޅުން ހިންގާ އެ ކެމްޕޭނަކީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ހިންގާ ކެމްޕޭނެކެވެ.