Advertisement

މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ މާޒިޔާ އަށް: އައިސަމް

20 މޭ 2022 - 16:14 0

ކަލްކަތާ، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގައި ގޯލު ޖެހުމަށް ފަހު އައިސަމް އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް


މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ މާޒިޔާ އަށް: އައިސަމް

20 މޭ 2022 - 16:14 0

ކަލްކަތާ، އިންޑިއާ

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކާ ބެހޭގޮތުން ވިސްނާނީ ފަހުން ކަމަށާއި މި ވަގުތު ހުރިހާ ފޯކަސް އެއް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެކު މި ފަހަރުގެ އޭއެފްސީ ކަޕްގެ ބާކީ ދެ މެޗު މޮޅުކޮށްދޭން ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް ވަނީ ބުނެފި އެވެ.

އިންޑިއާގެ ކަލްކަތާގައި މިހާރު އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށްދާއިރު، މި ގްރޫޕްގައި ހިމެނޭ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ޓީމުގައި ގައުމީ ފުޓްބޯޅަ ޓީމު ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް އެބަތިބި އެވެ. މާޗް މަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ގައުމީ ސްކޮޑުގައި މާޒިޔާގެ 13 ކުޅުންތެރިން ހިމެނުނެވެ.

އަންނަ މަހު އުޒްބެކިސްތާންގައި ސެންޓްރަލައިޒްކޮށް ކުޅޭ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ގައުމީ ޓީމުގެ މެޗުތަކަށް ޕްރެކްޓިސް ފަށާފައިވާއިރު، މާޒިޔާ ކުޅުންތެރިން ޓީމާ ގުޅޭނީ މި މަހު 26 ގަ އެވެ.

ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަންނަނީ އޭއެފްސީ ކަޕްގައި ކުޅޭ ކުޅުންތެރިންގެ ކުޅުމަށް ބަލަމުންނެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ އިން މާދަމާރޭ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިސަމް ބުނީ ގައުމީ ޓީމުގެ ކަންކަމަށް ވިސްނާނީ މާޒިޔާގެ އޭއެފްސީ ކަޕް މެޗުތަކަށް ފަހު ކަމަށެވެ.

"މި މެޗުތައް ވަރަށް މުހިންމު އަސްލު، މި ދަނޑިވަޅުގައި ގައުމީ ޓީމުގެ ކަންކަމަށް ނުވިސްނައި ހުރިހާ ވިސްނުމެއް މި އޮތީ މާޒިޔާ އަށް ދެން އޮތް ދެ މެޗުން ކާމިޔާބު ހޯދައިދޭން،" ގައުމީ ޓީމުގެ މިޑްފީލްޑަރު އައިސަމް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އައިސަމް: ގޯކުލަމް ބަލިކުރަން ޕްލޭނެއް އެބައޮތް ކަމަށް ވަނީ ބުނެފައި.


އޭއެފްސީ ކަޕްގައި މި ފަހަރު، މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހުގެރޭ ވަނީ ބަޝުންދަރާ ކިންގްސް އަތުން 1-0 އިން ބަލިވެފަ އެވެ. މާޒިޔާ ދެ ވަނަ މެޗުގައި ގޯކުލަމް ކެރަލާއާ ކުޅޭއިރު، އައިސަމް ބުނީ ވިސްނުމަކީ ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ތަކުރާރުވިޔަ ނުދިނުން ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ވެސް ވަރަށް ފޯކަސްކޮށް މި ތިބީ، ކުރިން މެޗުގެ ހަނދާން ނައްތާލާފައި ކުރިއަށް އޮތް މެޗު ނަގަން މި ތިބީ. ޓީމު ވެސް މި އޮތީ ކުރިއަށް އޮތް މެޗު ނަގަން އެއްކޮށް ރެޑީވެފައި،" އައިސަމް ބުންޏެވެ.

މާޒިޔާ އިން މާދަމާރޭ ކުޅޭ ގޯކުލަމް ވަނީ ފުރަތަމަ މެޗުން 4-2 އިން އޭޓީކޭ މޯހަން ބަގާން އަތުން މޮޅުވެފަ އެވެ. ގޯކުލަމްގެ ކެޕްޓަނަކީ މާޒިޔާ އަށް 2020 ވަނަ އަހަރު ކުޅުނު އަފްގާނިސްތާންގެ ކުޅުންތެރިޔާ މުހައްމަދު ޝަރީފް އެވެ.

ގޯކުލަމްގެ އެޓޭކްގައި ބައިވެރިވާ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ގޯކުލަމްގެ ސްލޮވީނިއާ ފޯވާޑް، ލޫކަ މަޖްޝެން އާއި ޖެމެއިކާގެ ފޯވާޑް، ޖޯޑަން ފްލެޗާ ކައުންޓަ އެޓޭކުގައި އޭޓީކޭ ކޮޅަށް ގިނަ ގޯލު ޖަހާފައިވާއިރު، އެ ކުޅުންތެރިން ހުއްޓުވަން ޕްލޭނެއް އެބައޮތްތޯ އެހުމުން އައިސަމް ބުނީ ޓީމު އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ.

"(ގޯކުލަމް) ކެރަލާއާ ދެކޮޅަށް ކުޅޭއިރު ވެސް ޕްލޭންތަކެއް އެބަހުރި، ކޯޗު ބުނާގޮތަކަށް އަހަރެމެން ގެޕްތައް ބެއްދުމާ ކަންކަން ރޭވިފައި އޮތީ، ކޯޗު ބުނާގޮތަށް (ޕްލޭނާ އެއްގޮތަށް) ކުޅެން މި ތިބީ،" އައިސަމް ބުންޏެވެ.

މާޒިޔާ އާއި ގޯކުލަމް ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 20:00 ގަ އެވެ.

ކޮންމެ ގްރޫޕަކުން ވެސް އަނެއް ބުރަށްދާނީ އެއް ވަނަ ހޯދާ ޓީމު އެކަންޏެވެ. މި ގްރޫޕްގެ އެއް ވަނަ ޓީމު ދަތުރުކުރާނީ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށެވެ.