Advertisement

ފަލަސްތީން ނޫސްވެރިޔާގެ ސަންދޯއް އުފުލުމުގައި ބައިވެރިވި މީހަކު ހައްޔަރުކޮށްފި

އިޒްރޭލް ފުލުހުން ހައްޔަރު ކުރީ އަމްރު އަބޫ ހުދައިރް ނަމަކަށް ކިޔާ ފަލަސްތީން ރައްޔިތެއް. -- ފޮޓޯ: އޭއެފްޕީ


ފަލަސްތީން ނޫސްވެރިޔާގެ ސަންދޯއް އުފުލުމުގައި ބައިވެރިވި މީހަކު ހައްޔަރުކޮށްފި

ގުދުސް (މޭ 19) - އިޒްރޭލް ސިފައިން ބަޑި ޖަހައި މަރާލި އަލް ޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ ޖަނާޒާގައި ސަންދޯއް އުފުލުމުގައި ބައިވެރިވި މީހަކު އިޒްރޭލް ފުލުހުން ހައްޔަރުކޮށްފި އެވެ.

ޝީރީންގެ ޖަނާޒާއަށް ގުދުސްއަށް ޖަމާވި މީހުންނަށް އިޒްރޭލް ފުލުހުން ހަމަލާ ދީ އަނިޔާކޮށްފައިވާ އިރު، ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް ފާޑުކިޔައިފަ އެވެ.

ޝީރީން މަރުވީ މިދިޔަ ހަފްތާގައި ހުޅަނގު އައްސޭރީގައި އިޒްރޭލް ސިފައިން ހިންގި އޮޕަރޭޝަނެއް ރިޕޯޓު ކުރަން އުޅެނިކޮށް، ގަސްތުގައި އޭނާގެ ކަންފަތާ ދިމާލުން މޫނަށް ބަޑި ޖެހުމުންނެވެ.

ފަލަސްތީން ސަރުކާރާއި އަލް ޖަޒީރާއިން ބުނީ އެއީ ގަސްތުގައި ދިން ހަމަލާއެއް ކަމަށެވެ. އެކަމަކު އިޒްރޭލުން މަސައްކަތް ކުރަނީ އެއީ ފަލަސްތީން މީހަކު ބަޑި ޖެހުމުން ހިނގި މަރެއް ކަމަށް ދެއްކުމަށެވެ.

ސަންދޯއް އުފުލުމުގައި ބައިވެރިވި އަމްރު އަބޫ ހުދައިރްގެ ވަކީލް އޭއެފްޕީއަށް ވިދާޅުވީ އޭނާގެ ކްލަޔަންޓް އިޒްރޭލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޖަނާޒާއާ ގުޅޭ ސުވާލު ކުރަމުންދާ ކަމަށެވެ.

ގާނޫނީ ވަކީލް ހަލްދޫން ނަޖްމް ވިދާޅުވީ ހައްޔަރު ކުރި ހުދައިރްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރެއްކަން ސާބިތުވާ "ސިއްރު ފައިލެއް" އެބަ އޮތް ކަމަށް އިޒްރޭލް ފުލުހުން ބުނާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ޖަނާޒާގައި ބައިވެރިވި އިތުރު ޒުވާން ފިރިހެނުން އަދިވެސް ހައްޔަރު ކުރާނެހެން،" ނަޖްމް ވިދާޅުވި އެވެ.

އެކަމަކު އިޒްރޭލް ފުލުހުން ބުނީ ހުދައިރް ހައްޔަރު ކުރުމާއި ޖަނާޒާއާ ގުޅުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އޭނާ ހައްޔަރު ކުރުމާ ގުޅުވައިގެން ދޮގު ކޮންސްޕިރަސީއެއް އުފެއްދުމަށް މަސައްކަތް ކުރާ މަންޒަރު،" އިޒްރޭލް ފުލުހުންގެ ބަޔާނެއްގައި ބުންޏެވެ.

"އޭނާ ހައްޔަރު ކުރީ ކުރިއަށްދާ ތަހުގީގަކާ ގުޅިގެން. ވަކީލުން ތުހުމަތު ކުރާ ގޮތާ ހިލާފަށް، އެއީ އޭނާ ޖަނާޒާގައި ބައިވެރިވުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން."

ޖަނާޒާއަށް ހަމަލާ ދިން ސަބަބާ ގުޅޭ ގޮތުން މީގެ ކުރިން އިޒްރޭލުން ބުނީ ޖަނާޒާގެ ބައިވެރިން ގަލާއި ހިލަ ފަދަ ތަކެތި އުކުމުން، ދިފާއުގައި މަސައްކަތް ކުރަން ޖެހުނީ ކަމަށެވެ.

ފަލަސްތީނުގެ އައިޑެންޓިޓީ ހާމަ ކުރާ އެއްވުންތަކަށް މީގެ ކުރިން ވެސް އިޒްރޭލް ފުލުހުންނާއި ސިފައިން ހަމަލާ ދީފައިވެ އެވެ. އެގޮތުން ފަލަސްތީން ދިދަ ބޭނުން ކުރާ ނަމަ އާއްމުކޮށް ހަމަލާދޭ ކަމަށް ފާހަގަވެފައިވެ އެވެ. ޖަނާޒާގައި ޝީރީންގެ ސަންދޯއް މަތީގައި އޮތީ ފަލަސްތީން ދިދަ ބާއްވާފަ އެވެ.