Advertisement

ވެލާނާ އެއާޕޯޓް ތަރައްގީކުރުން ކުރިއަށް، ރައީސް ބައްލަވާލައްވައިފި

19 މޭ 2022 - 21:48 0


ވެލާނާ އެއާޕޯޓް ތަރައްގީކުރުން ކުރިއަށް، ރައީސް ބައްލަވާލައްވައިފި

19 މޭ 2022 - 21:48 0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް ޒިޔާރަތް ކުރައްވައި، އެއާޕޯޓްގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި މަސައްކަތްތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްލަވައިލައްވައިފި އެވެ.

ރައީސް އޮފހުން މިއަދު ބުނީ ރައީސް ވީއައިއޭއަށް ޒިޔާރަތް ކުރެއްވީ މިއަދު ހަވީރު ކަމަށެވެ. ވީއައިއޭ އަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އާ ސީޕްލޭން ޓާމިނަލްއާއި ފަޔާ ސްޓޭޝަންއާއި ޕެސެންޖާ ޓަރމިނަލް ބިލްޑިން އާއި ކާގޯ ޓަރމިނަލް އަދި ފިއުލް ފާމުގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ.

އާ ސީޕްލޭން ޓަރމިނަލުގެ މަސައްކަތުގެ 99.9 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިހާރު ކުރިއަށްދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަަސައްކަތްތަކެވެ.

ވީއައިއޭ ގައި އަލަށް ގާއިމްކުރާ ފިއުލް ހައިޑްރަންޓް ސިސްޓަމުގެ ވެސް 85 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާން ޖެހޭ ފިއުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް މިހާރު ކުރަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.


ފިއުލް ފާމުގެ މަސައްކަތުގެ ވެސް 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިލެކްޓްރިކަލް އަދި ފަޔާ ފައިޓިން ސިސްޓަމްތަކާއި، ސެކިއުރިޓީ އާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓު ކުރުން ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މަޝްރޫއުގެ ދަށުން ގާއިމް ކުރި ލޭންޑް ސައިޑް ފިއުލިން ސްޓޭޝަންގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މި ހިނގާ މޭ މަހުގެ ނިޔަލަށް މި ސްޓޭޝަން ބޭނުންކުރަން ފެށޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.


އެއާޕޯޓުގެ ކާގޯ ޓަރމިނަލުގެ މަސައްކަތުގެ 93 ވެސް މިހާރު ވަނީ ނިމިފަ އެވެ. އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއި، އައި.ސީ.ޓީ ނެޓްވޯކް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި ހުރިކަން ރައީސް އޮފީހުން ފާހަގަ ކޮށްފައިވެ އެވެ. ޓާމިނަލް ފުރިހަމަ ކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިކަމާއެކު ވެސް ސެޕްޓެމްބަރު މަހުގެ މެދުތެރެއަށް ޓާމިނަލް ޓެސްޓު ކުރެވި ކޮމިޝަންކޮށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.

ޓާމިނަލާއި އިންވެގެން ތަރައްގީ ކުރަމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ ވެސް 98 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އާ ޕެސެންޖާ ޓާމިނަލް މަޝްރޫއުގެ 30 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިވާ ކަމަށާއި އިމާރާތް އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު ބަދަލުތަކާއެކު މަސައްކަތް ކުރިއަށް ވުރެ ހަލުވިވެފައިވާ ކަމަށް ވެސް ބުންޏެވެ.