Advertisement

ލޭންޑް ޔޫސް ޕްލޭންތައް ނިންމަން އިންޑިއާގެ އެހީއަށް އެދިއްޖެ

21 މޭ 2022 - 10:02 3

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ކައިރިން މީހަކު ހިނގާފައިދަނީ: ނުނިންމި ދިގުލައިގެން ގޮސްފައިވާ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހަދަން އިންޑިއާގެ އެހީއަށް ވަނީ އެދިފައި. -ފައިލް ފޮޓޯ: އަދަދު


ލޭންޑް ޔޫސް ޕްލޭންތައް ނިންމަން އިންޑިއާގެ އެހީއަށް އެދިއްޖެ

21 މޭ 2022 - 10:02 3

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ދަށުން ކައުންސިލުތަކަށް ލިބިދޭ މާލީ ބާރުވެރިކަމާ ގުޅިފައިވާ ލޭންޑް ޔޫސް ޕްލޭންތައް ނުހެދި ދިގުލައިގެން ގޮސްފައިވާއިރު، އެ ޕްލޭންތައް ހަދަން އިންޑިއާގެ މާލީ އަދި ފަންނީ އެހީތެރިކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެދެފި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް "އަދަދު" އަށް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން އެއްވެސް ވަރަކަށް ހެދިފައި ނެތް 44 ރަށާއެކު ކުރިން ޕްލޭންތައް ހުރި ރަށްތަކުގައި ވެސް ޓެކްނިކަލް މައުލޫމާތު އެކުލަވާލުމުގައި، ރާއްޖޭގައި ފަންނީ ގާބިލުކަން ނެތުމުގެ ސަބަބުން ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން [އެލްޖީއޭ] އިންޑިއާ ހައިކޮމިޝަނާ މަޝްވަރާކޮށް، ޕްރޮޕޯޒަލް ހުށަހަޅާފަވަނީ އެ ޕްލޭންތައް ހެދުމަށް މާލީ އަދި ޓެކްނިކަލް އެހީ ހޯދަން. އެ ބޭފުޅުން ވަރަށް ޕޮޒިޓިވްކޮށް ތިއްބެވީ،" އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި އެ ޕްލޭންތަކުގައި ރަށްރަށުގައި ހުރި ގަސްރުއް ފަދަ މައުލޫމާތާއި ރަށެއްގައި ހިއްކޭނެ ސަރަހައްދު ވެސް ބަޔާންކުރަންޖެހެ އެވެ. ނަމަވެސް، އެފަދަ މަސައްކަތެއް ކުރާނެ ފަންނީ މީހުން ރާއްޖޭގައި ވަރަށް މަދު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕްލޭންތައް ނުހެދި ހުރި 44 ރަށެއް، ހަ ކްލަސްޓާއަކަށް ބަހާލައިގެން އެތައް ފަހަރެއްގެ މަތިން އިއުލާނުކުރުމަށްފަހު، މިހާރު ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އެ ކްލަސްޓާތަކުގެ ތެރޭގައި ހިމެނޭ ހަތް ރަށެއްގެ ޕްލޭން ހަދަން އެ ރަށްތަކުގެ ކައުންސިލުތަކަށް އެލްޖީއޭއިން ވަކިން ބަޖެޓު ހަމަޖައްސައި ދެވިފައިވާ ކަން އަފްޝަން ހާމަކުރެއްވި އެވެ.

"ދެން އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް ފަންޑިން ލިބިއްޖެނަމަ، މިކަން ކުރަން އިތުރަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ޕްރޮޕޯޒަލް ދިރާސާ ކުރަނީ

ލޭންޑް ޔޫސް ޕްލޭންތައް ހަދަން އެލްޖީއޭއިން ހުށަހެޅި ޕްރޮޕޯޒަލް ދިރާސާކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި އެވެ.

"އެ ޕްރޮޕޯޒަލްގައި މާލީ ބައެއް ހިމެނޭތީ އަޅުގަނޑުމެން ޖެހޭނީ އެކަން ދިރާސާކޮށް އެހީވެވޭނީ ކިހިނެއްތޯ ބަލަން،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް، އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާއިން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށެވެ.

ހުށަހެޅުނު ޕްލޭންތައް ފާސްވުމާމެދު ސުވާލެއް

އަފްޝަން ވިދާޅުވި ގޮތުގައި ގާނޫނުގައި ބަޔާންކުރާ ފަންނީ މައުލޫމާތު ފުރިހަމަނުކޮށް 40 ރަށެއްގެ ޕްލޭން ޕްލޭނިން މިނިސްޓްރީއަށް މިހާރު ހުށަހެޅިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދުނީ މަދުވާ މައުލޫމާތު ފުރިހަމަ ކުރަން މުހުލަތެއް ދިނުމަށްފަހު، މިހާރު ހުށަހެޅިފައިހުރި ޕްލޭންތައް ފާސްކޮށްދޭން. އެކަމަށް އެ ބޭފުޅުންގެ [ޕްލޭނިން މިނިސްޓްރީ] ޕޮޒިޓިވްކޮށް ތިއްބެވީ،" އަފްޝަން ވިދާޅުވި އެވެ.

ނަމަވެސް، އަފްޝަން ވިދާޅުވި ވާހަކައާ އެކަމާމެދު ޕްލޭނިން މިނިސްޓްރީން ދެކޭ ގޮތާ ފުށުއެރުންތަކެއް ހުރިކަން ވަނީ ހާމަވެފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "އަދަދު"އަށް ވިދާޅުވި ގޮތުގައި ގާނޫނު މިހާރު އޮތީ އުނދަގޫ ގޮތަކަށެވެ. އަފްޝަން ވެސް ފާހަގަކުރެއްވި ފަދަ ޓެކްނިކަލް މައުލޫމާތުތަކެއް ހިމަނައިގެން ލޭންޑް ޔޫސްތައް ޕްލޭންތައް ފުރިހަމަކުރަން ދަތިތަކެއް ހުރި ކަމަށް އަކްރަމް ވެސް ގަބޫލުކުރައްވަ އެވެ.

އެކަމަކު އެލްޖީއޭއިން އެގޮތަށް އެދުނު ނަމަވެސް، ގާނޫނުން ލާޒިމުކުރާ ކަމަކަށް ލުޔެއް ދޭން މިނިސްޓްރީއަށް ދައްޗެވެ.

"ގާނޫނުގައި ވަކި ކަމެއް ކުރަން ލާޒިމުކޮށްފައި އޮންނައިރު، ގާނޫނާ ހިލާފަށް ކަމެއް އަޅުގަނޑުމެނަށް ނުކުރެވޭނެ،" އަކްރަމް ވިދާޅުވި އެވެ.

ކައުންސިލުތަކަށް ލިބޭ މާލީ ބާރުވެރިކަން

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި އިސްލާހުތަކާއެކު ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓުގައި މައި ސަރުކާރުން ދެން އަތެއް ނުލާނެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އަދި ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން، ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.