Advertisement

ބޮޑު އީދަށް މެލޭޝިޔާއަށް ދާން މޯލްޑިވިއަންގެ ވަރަށް ހާއްސަ ފެއާއެއް

19 މޭ 2022 - 08:58 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މޯލްޑިވިއަންގެ ފްލައިޓެއް---


ބޮޑު އީދަށް މެލޭޝިޔާއަށް ދާން މޯލްޑިވިއަންގެ ވަރަށް ހާއްސަ ފެއާއެއް

19 މޭ 2022 - 08:58 2

ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ރާއްޖެއިން މެލޭޝިޔާއަށް ހާއްސަ އަގެއްގައި ފްލައިޓްތަކެެއް ބާއްވަން މޯލްޑިވިއަން އިން ނިންމައިފި އެވެ.

އެ ފްލައިޓުތައް ބާއްވަން ނިންމާފައި ވަނީ ޖުލައި މަހު، އަޟްހާ އީދަށެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "އަދަދު"އަށް ވިދާޅުވީ އެ ފްލައިޓްތައް ބާއްވަނީ ވަރަށް ހާއްސަ ފެއާއެއްގައި ކަަމަށެވެ.

މިގޮތުން، މާލެއިން މެލޭޝިޔާއަށް ދަތުރުގެ ދެކޮޅު ޓިކެޓު ފެށޭ އަގަކީ 399 އެމެރިކާ ޑޮލަރެވެ. މެލޭޝިޔާއަށް ދިއުމަށް ފްލައިޓުތައް އޮންނާނީ ޖުލައި މަހުގެ 8، 15، 22 އަދި 29ގަ އެވެ.

މެލޭޝިޔާއިން މާލެ އައުމަށްފަހު އެނބުރި އެ ގައުމަށް ދިޔުމަށް ވެސް މޯލްޑިވިއަނުން ވަނީ ދަތުރުތަކެއް ހަމަޖައްސައިފަ އެވެ. އެ ދަތުރުތަކުގެ ދެކޮޅު ޓިކެޓު ފެށޭ އަގަކީ 363 ޑޮލަރެވެ. އެ ދަތުރުތައް އޮންނާނީ މާލެއިން މެލޭޝިޔާއަށްދާ ދުވަސްތަކުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބޮޑު އީދަށް ހާއްސަކޮށް ފްލައިޓްތަކެއް ބޭއްވުމަށް މޯލްޑިވިއަނުން ނިންމާފައި ވާއިރު، މިދިޔަ ކުޑަ އީދަށްވެސް ވަނީ ހާއްސަ އަގެއްގައި އެއް ފްލައިޓު ބާއްވައިފަ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު ސާފުތާހިރުކަމާއި އަދި ރައްކާތެރިކަން ފަތުރުވެރިންނަށް ކަށަވަރު ކޮށްދެމުން މެލޭޝިޔާ ގެ ބޯޑަރުތައް އަލުން ހުޅުވާލައިފައި ވަނީ މާޗް މަހު އެވެ.

ބޯޑަރު ހުޅުވާލާފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށެވެ.

ބޮޑު އީދުގެ ދިގު ބަންދު

ކުރިއަށް އޮތް ހައްޖު ދުވަހާއި ބޮޑު އީދާއެކު ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ. ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަސް ބަންދު ކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި މަހުގެ 26 އަދި 27 އަކީ ބަންދު ދުވަހެކެވެ. ރައީސް ވަނީ އެ ދެ ދުވަހާ ޖެހިގެން އަންނަ 28 ވަނަ ދުވަސް ބަންދު ކުރުމަށް ނިންމަވާފަ އެވެ. އެއީ ބުރާސްފަތި ދުވަހެކެވެ.

މިއާއެކު ޖުލައި މަހުގެ ހަފުތާ ބަންދު ދުވަސްތައް ހިމަނައިގެން ޖުމުލަ 18 ދުވަސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ލިބެ އެވެ. އެހެންކަމުން މިއީ، މިހާތަނަށް އެއްމަހެއްގައި އެންމެ ގިނަ ސަރުކާރު ބަންދު ދުވަސް ލިބޭ އަހަރަށް ވެގެން ދާނެ އެވެ.

ޖުލައި މަހުގެ މި ބޮޑު ބަންދު ދިމާވަނީ ދިރާސީ އަހަރުގެ ވެސް ބޮޑު ބަންދާ އެވެ. އެގޮތުން, ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ޖޫން މަހުގެ 30 ވަނަ ދުވަހު ފެށޭއިރު އެ އަލުން ސްކޫލްތައް ހުޅުވޭނީ އޯގަަސްޓް މަހުގެ ހަތް ވަނަ ދުވަހު އެވެ.

ސަރުކާރުގެ މިނިންމެވުމުގެ ސަބަބުން ސްކޫލް ކުދީންގެ އަހަރީ ޗުއްޓީގައި އެކުދީންނާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ބެލެނިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެވެ.

ދަރިވަރުންގެ އަހަރީ ޗުއްޓީ ޖުލައި މަހަށް ބަދަލުކުރުމަކީ ރިސޯޓު މުވައްޒަފުންނަށް އާއިލާއެކު ހޭދަކުރުމަށް ލިބޭ ފުރުސަތު އިތުރު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މި އަހަރުން ފެށިގެން ތައުލީމީ ނިޒާމަށް ގެނެސްފައިވާ ބަދަލެކެވެ.