Advertisement

އިންޑޮނީޝިއާގެ ދީނީ އިލްމުވެރިޔަކު ސިންގަޕޫރަށް ނުވެއްދުމުން ނުރުހުން

ދީނީ އިލްމުވެރިޔާ އަބްދުލް ސޮމަދް ބަތުބަރާ. -- ފޮޓޯ: ޗެނަލްސް ޓީވީ


އިންޑޮނީޝިއާގެ ދީނީ އިލްމުވެރިޔަކު ސިންގަޕޫރަށް ނުވެއްދުމުން ނުރުހުން

ސިންގަޕޫރު، ސިންގަޕޫރު (މޭ 18) - އިންޑޮނީޝިއާގެ މަގްބޫލު ދީނީ އިލްމުވެރިޔަކު ސިންގަޕޫރަށް ނުވައްދާ، އަނބުރާ ފޮނުވާލުމުން ނުރުހުން ފާޅު ކުރަމުން އެބަދެ އެވެ.

ސިންގަޕޫރުގެ އާބާދީގެ ބޮޑު ބަޔަކީ ޗައިނާ ދަރިކޮޅުގެ މީހުންނެވެ. މުސްލިމުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މައިނޯރިޓީ ގްރޫޕްތައް ވެސް ސިންގަޕޫރު ރައްޔިތުންގެ ތެރޭގައި ހިމެނެ އެވެ.

ސިންގަޕޫރުގެ ތަފާތު ކޮމިއުނިޓީތަކުގެ މެދުގައި ހަމަނުޖެހުން އުފެދޭނެ ފަދަ ކަމަކަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމާ ބެހޭ އިދާރާތަކުން އާއްމު ގޮތެއްގައި ވެސް ގެންގުޅެނީ ހަރުކަށި އުސޫލުތަކެވެ.

އަބްދުލް ސޮމަދް ބަތުބަރާ އާއި އިތުރު ހަ މީހުން އިންޑޮނީޝިއާގެ ބަތަމް ރަށުގެ ފެރީއަކުން ފުރައިގެން ސިންގަޕޫރަށް އެތެރެ ވާން މަސައްކަތް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

ނަމަވެސް އޮފިޝަލުން ސޮމަދްއާ އިންޓަވިއު ކުރުމަށް ފަހު، އެ މީހުން އެތެރެވުމުގެ ހުއްދަ ނުދިނެވެ. އަދި ހަމަ އެ ދުވަހު އަނބުރާ ބަތަމް ރަށަށް ފޮނުވާލި އެވެ.

"ސިންގަޕޫރުގެ ގިނަ ނަސްލު އަދި ގިނަ ދީންތައް ހިމެނޭ މުޖުތަމައުގައި ބަލައިނުގަނެވޭނެ ފަދަ ހަރުކަށި އަދި ބައިބައިވުން އުފެދޭ ފަދަ ވާހަކަތައް ސޮމަދް މީގެ ކުރިން ދައްކާފައިވޭ،" އިންޓީރިއާ މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުންޏެވެ.

އެގޮތުން އަމިއްލައަށް މަރުވެގެން ބޮން ގޮއްވުން ހުއްދަ ކަމަށާއި މުސްލިމް ނޫން އެންމެންނަކީ ކާފަރުންގެ ގޮތުގައި ސިފަކޮށް އާއްމު ތަންތަނުގައި ވާހަކަދައްކާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ސޮމަދް ސިންގަޕޫރަށް އެތެރެ ވާން މަސައްކަތް ކުރީ އަމިއްލަ ދަތުރެއްގައި ބަމަވެސް، އަނިޔާވެރިކަމާއި ހަރުކަށި ފިކުރު އަދި ބައިބައިވުމަށް ހިތްވަރު ދޭ ފަރާތްތަކާ މެދު ސިންގަޕޫރު ސަރުކާރުން އަމަލު ކުރާނީ ވަރަށް ސީރިއަސްކޮށް،" އެ މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާގެ ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ސޮމަދް ފޮލޯކުރެ އެވެ. އޭނާ ޔޫޓިއުބްގައި އާއްމު ކުރި ވީޑިއޯއެއްގައި ބުނީ ސިންގަޕޫރަށް ނުވައްދާ ފޮނުވާލި ސަބަބުން އޮފިޝަލުން ކިޔައިދީފައި ނުވާ ކަމަށެވެ.

އިންޑިއާގެ ދީނީ އިލްމުވެރިންގެ އެންމެ ބޮޑު މަޖިލިސް، އުލެމާ ކައުންސިލުން ވަނީ ސިންގަޕޫރުން އަމަލު ކުރި ގޮތާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.

"ސިންގަޕޫރުގެ މައްސަލައަކީ ކޮބާ؟ އޭނާ ދުވަހަކު ވެސް ސިންގަޕޫރަށް ގެއްލުމެއް ދިން ތަ؟ އަޅުގަނޑަކަށް ހިޔެއް ނުވޭ،" އެ ކައުންސިލްގެ އޮފިޝަލް ސުޑަރްނޮޓޯ އަބްދުލް ހާކިމް ސީއެންއެންއަށް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ހުންނަ އިންޑޮނީޝިއާގެ އެމްބަސީން ވެސް ވަނީ އެކަމާ ގުޅޭ ތަފްސީލް ފޯރުކޮށްދިނުމަށް ސިންގަޕޫރު ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.