Advertisement

ވެލީގެ ތޫފާނެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ފުސްވެއްޖެ

ވެލީގެ ތޫފާނުގެ ސަބަބުން ރިޔާދް ސިޓީ ފުސްވެފައި. -- ފޮޓޯ: އޭއެފްޕީ


ވެލީގެ ތޫފާނެއްގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ފުސްވެއްޖެ

ރިޔާދް، ސައުދީ އަރަބިއްޔާ (މޭ 17) - ވެލީގެ ތޫފާނެއްގެ ސަބަބުން ސައުދީ އަރަބިއްޔާގެ ވެރިރަށް އަދި ބައެއް އެހެން ސަރަހައްދުތައް ފުސްވެ، ދަތުރުފަތުރަށް ބުރޫ އަރައިފި އެވެ.

އަޅި ކުލައިގެ ބޯ ދުންގަނޑުގެ ސަބަބުން ކިންގްޑަމް ސެންޓާ ފަދަ ރިޔާދްގެ ބިޔަ އިމާރާތްތައް 100 މީޓަރު ކައިރިން ވެސް ލޮލަށް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެހެން ނަމަވެސް އެއްވެސް ފްލައިޓެއް ލަސްވެ، ކެންސަލް ކުރަން ޖެހިފައެއް ނުވެ އެވެ.

ސައުދީ ޕްރެސް އެޖެންސީއިން އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއާ ހަވާލަދީ ބުނީ ހިރަފުހާ އެކު ވައި ގަދަވާނެ ކަމަށް ބެލެވޭތީ، ރިޔާދް އާއި އިރުމަތީ ހިސާބުތަކުގައި ވިޒިބިލިޓީ ދަށް ވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ހުޅަނގުން މައްކާ އާއި މަދީނާގައި ވެސް ހިރަފުހުގެ އުނދަގޫ ދިމާވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެ އެވެ.

ރިޔާދް ހައިވޭތަކުގައި ހަރުކޮށްފައިވާ ކަރަންޓު ބޯޑުތަކުން އިރުޝާދު ދެނީ ވިޒިބިލިޓީ ދަށްވުމުން، އުޅަނދު ދުއްވާ ދުވެލި މަޑު ކުރުމަށެވެ.

ރިޔާދްގެ މެދުތެރޭގައި ކާރުތަކާއި އިމާރާތްތަކުގެ މަތީގައި ވެއްޔާއި ހިރަސްފުސް ފުނިޖެހިފައިވާ އިރު، ގެތަކުގެ ތެރެއަށް ހިރަފުސް ނުވަންނާނެ ގޮތް ހެދުމަށް އާއްމުން ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮންމެ އަހަރަކު ވެސް މާޗް މަހާއި މޭ މަހާ ދެމެދު ސައުދީ އަރަބިއްޔާގެ ބައެއް ހިސާބުތައް ވެލީގެ ތޫފާންތައް ކުރިމަތިވެ އެވެ. ނަމަވެސް އެކި ތޫފާން ކުރިމަތިވަނީ އެކި ބާރު މިނުގަ އެވެ.

އަވައްޓެރި އިރާގުގައި އެޕްރީލް މަހުން ފެށިގެން މިހާތަނަށް އަށް ވެލީގެ ތޫފާން ރިޕޯޓުކޮށްފައިވެ އެވެ. އެކަން ކުރިމަތިވަނީ ވާރޭ ނުވެހި ގިނަ ދުވަސްވުމުން، ވެލީގެ ތެތްކަން ކެނޑި، ވައިގަދަވުމުންނެވެ.

އިރާނަށް ވެސް ހުކުރު ދުވަހުގެ ވެލީގެ ތޫފާނެއް އެރި އިރު، އޭގެ ސަބަބުން ސަރުކާރު އޮފީސްތަކާއި، ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދު ކުރި އެވެ.