Advertisement

މަސްއޫދަށް ހަމަލާ ދިން މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަނީ

17 މޭ 2022 - 17:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މަސްއޫދަށް ހަމަލާ ދިން މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަނީ

17 މޭ 2022 - 17:42 0

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް ލ. ފޮނަދޫގައި މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭ ހަމަލާ ދިން މީހާ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

ރޭގަނޑު ވަގުތެއްގައި މަސްއޫދު އޭނާގެ އަނބިމީހާ ފާތިމަތު އާސިޔާއާއެކު ފޮނަދޫގައި ސައިކަލެއްގައި ދަނިކޮށް، އެހެން ސައިކަލެއްގައި އައިސް މަސްއޫދާ އަރާ ހަމަކޮށް ދަގަނޑު ބުރިއަކުން އޭނާގެ އަތުގައި ޖެހި މައްސަލައިގައި ދައުވާ އުފުލީ ލ. ފޮނަދޫ، ދިލްކުސާގެ، އަހްމަދު ޝަމީމްގެ މައްޗަށެވެ.

"މަސްއޫދަށް ހަމަލާ ދިން މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފައި،" ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު އެ ކަން ކަށަވަރު ކޮށްދެއްވަމުން މި ނޫހަށް ވިދާޅުވި އެވެ.

އެ ހާދިސާގެ ވީޑިއޯ ވެސް އާންމުވެ، އޭގައި ކަނޑައެޅިގެން އެ މީހަކު ވެސް ފެންނަން އޮތް ނަމަވެސް ގާނޫނީ އެކި ހުތްޖަތްތަކާއެކު ކުށް ސާބިތު ނުވާ ކަމަށް ލ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް އިއްވި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނަށް އެ މައްސަލަ ހުށަހެޅީ އެޑްވޮކެސީ ޗޭމްބާޒް ނަމަކަށް ކިޔާ ލޯ ފާމަކުންނެވެ.

މަސްއޫދަށް ހަމަލާދިން މައްސަލަ ނިންމި ގޮތް

އެ މައްސަލައިގައި ކޯޓުން ނިންމާފައިވަނީ މަސްއޫދަށް ހަމަލާދިން ކަމަށް ތުހުމަތުވާ ޝަމީމް، އެ ހަމަލާދިން ވަގުތު ހުރީ އެހެން ތަނެއްގައި ކަމަށް ބުނެ މައްސަލަ ސާބިތުނުވާ ކަމަށެވެ.

ޝަމީމްގެ މައްޗަށް ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުގައި އަސާސީ އަދަބެއްގެ ގޮތުގައި ހަތް އަހަރާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޮންނަ އެ ދައުވާގެ ޝަރީއަތަށް ދައުލަތުން 11 ހެކި ހުށަހެޅި އެވެ.

ވީޑިއޯ ފުޓޭޖު ހިމެނޭހެން 11 ހެއްކެއް ދައުލަތުން ހުށަހެޅިއިރު، އޭގެ ތެރެއިން ގިނަ ހެކި ބަލައިނުގަންނަން ޝަރީއަތުން ނިންމި އެވެ. ދިފާއުގައި އޭރު އޭނާ އެ ވަގުތު ހުރީ ކޮންމެ ވެސް ގެއެއްގައި ކަން ސާބިތު ކުރަން ވެގެން ޝަމީމް ހުށަހެޅި ހަތަރު ހެކިންގެ ބަސް ނަގާފައިވެ އެވެ.

ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓް ޝަރީފް ކުރެއްވި ހުކުމުގައިވާ އޮތީ، އަނިޔާވީ މަސްއޫދުގެ ކަނާއަތަށް ކަމަށް ދައުލަތުން ހުށަހެޅި ލިޔެކިއުންތަކުން ފެންނަން އޮތް ނަމަވެސް މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު ބުނީ އަނިޔާވީ މަސްއޫދުގެ ވައަތަށް ކަމަށެވެ.

މަސްއޫދުގެ އަނބިމީހާގެ ފޯނު ފުލުހުން ހުޅުވާފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވާތީ އެ ވީޑިއޯ ވެސް ބަލައިނުގަތުމަށް މެޖިސްޓްރޭޓް ނިންމެވި އެވެ. އެހެންވެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރު ކުރި އޮފިސަރުންގެ ހެކި ބަސް ވެސް ބަލައިނުގަންނަން ނިންމި އެވެ.

އެހެންވެ މަސްއޫދުގެ ފަރާތުން ހެކިބަސް ދެވުނީ އޭނާއަށް އެކަންޏެވެ. ދައުވާ ރައްދުވާ ޝަމީމްގެ ފަރާތުން ހެކިބަސް ދިން ހަތަރު މީހުން ވެސް އޭނާ އެ ވަގުތު ގެއެއްގައި ސިޓިން ރޫމު ސާމާނުތަކެއް ރާވަން ހުރި ކަމަށް ބުނުމުން ޝަރީއަތުން ބުރަވީ ޝަމީމްގެ ކޮޅަށެވެ. އަދި ދައުވާ ސާބިތު ނުވާ ކަމަށް ނިންމެވީ އެވެ.