Advertisement

ސައުދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް. -- ފޮޓޯ: ރޮއިޓާޒް


ސައުދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

ރިޔާދް، ސައުދީ އަރަބިއްޔާ (މޭ 16) - ކޮލޮނޮސްކޮޕީއަކަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓު ކުރައްވާފައި އޮންނެވޮ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ދައުލަތުގެ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން އާދީއްތަ ދުވަހުގެ ރޭ ދެއްކި ވީޑިއޯތަކުން ފެންނަނީ ރަސްގެފާނު، ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުން ހިންގަވާފައި ނުކުންނަވާ މަންޒަރެވެ.

އަސާކޮޅެއްގެ އެހީގައި ރަސްގެފާނު ހޮސްޕިޓަލުން ނުކުންނެވި އިރު، ވަށައިގެން ގިނަ އަދަދެއްގެ އޮފިޝަލުން އުޅުނެވެ. އޭގެ އިތުރުން ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވެސް އެމަނިކުފާނާ އެކު ހުންނެވި އެވެ. ރަސްގެފާނު ގަނޑުވަރަށް ވަޑައިގެންނެވީ ކާރުކޮޅުގަ އެވެ.

"ރަސްގެފާނު ހޮސްޕިޓަލުން ވަޑައިގެންނެވީ ސިއްހީ ޓެސްޓުތައް ހެއްދެވުމަށް ފަހު، ފަރުވާގެ ޕްލޭނާ އެއް ގޮތަށް ދުވަސްތައް ހޭދަކުރެއްވުމަށް ފަހު،" އެސްޕީއޭއިން ކުރި ޓްވީޓެއްގައި ބުންޏެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ކަމަށް ސަލްމާން ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ވަލީ އަހުދު ކަމާއި ނައިބު ބޮޑު ވަޒީރުކަން ވެސް ކުރައްވާފަ އެވެ.

އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ހެދި، ތަހުތު ދޫކުރައްވައި، ރަސްކަން ވަލީ އަހުދު ސަލްމާންއާ ހަވާލު ކުރައްވަން އުޅޭ ކަމަށް 2017 ވަނަ އަހަރު އަޑު ފެތުރުނެވެ.

އުމުރުފުޅުން 86 އަހަރުގެ ރަސްގެފާނު ވަނީ 2020 ވަނަ އަހަރު ގޯލްބްލެޑާ ސާޖަރީއެއް ކުރައްވާފަ އެވެ. އޭގެ އިތުރުން ހިތަށް ލައްވާފައިވާ ޕޭސްމޭކަރުގެ ބެޓެރި މިދިޔަ މާޗް މަހު ބަދަލުކުރެއްވި އެވެ.