Advertisement

ޔާމީން ސަރުކާރުން އެޅި "ގެދޮރުވެރިކަން" ފްލެޓުތައް އިންޝުއާ ކުރަނީ

15 މޭ 2022 - 13:21 0

އަމަން ހަލީމް

އަމަން ހަލީމް

ކުރީ ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮޖެކްޓުގެ ދަށުން އެޅި ފްލެޓުތައް: ޖާގަ ތަނަވަސް ޔުނިޓުތައް ހުންނަ މި ޕްރޮޖެކްޓުގެ ދަށުން 37 ފްލެޓު އެޅި. -- ފޮޓޯ: ޕީއެެސްއެމް ނިއުސް


ޔާމީން ސަރުކާރުން އެޅި "ގެދޮރުވެރިކަން" ފްލެޓުތައް އިންޝުއާ ކުރަނީ

15 މޭ 2022 - 13:21 0

"ގެދޮރުވެރިކުރުން" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް އިންޝުއަރެންސް ކޮށްދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ އެހީ ލިބިގެން ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކުރި މި ފްލެޓްތުކަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 37 ފްލެޓުގައި، ތިން ކޮޓަރި އާއި ތިން ފާހަނަ އަދި ސިޓިން ރޫމާއި ބަދިގެ ހުންނަ 704 ހައުސިން ޔުނިޓު އިމާރާތްކުރި އެވެ.

މި ފްލެޓުތައް އިންޝުއާ ކޮށްދޭން ކުރި އިއުލާނުގައިވާ ގޮތުގައި، އިންޝުއަރެންސް ކަވަރޭޖް ހޯދަނީ އަލިފާނުގެ ހާދިސާތަކަށާއި ގުދުރަތީ ގޮތުން ދިމާވާ ހުރިހާ ހާދިސާތަކަށެވެ. އިންޝުއަރެންސް ހިނގާ މުއްދަތަކީ އަންނަ ޖުލައި މަހުން ފެށިގެން އަހަރަކަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ހޯމަ ދުވަހެވެ.

އިމާރާތްކުރަން އަކަފޫޓަކަށް 1،726ރ. ހަރަދު ހިނގި މި ޕްރޮޖެކްޓުގެ ދަށުން އެޅި ޔުނިޓެއްގެ އަގަކީ 85،000 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) އެވެ. ފިނިޝިން ހިމަނައިގެން އެޅި މި ފްލެޓުތަކަކީ މިހާތަނަށް ޔުނިޓަކަށް އެންމެ ބޮޑު އަގު ދީގެން ސަރުކާރުން އިމާރާތްކުރި ފްލެޓުތަކެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި ހުރިހާ ޔުނިޓެއްގެ އަގު އެއްކޮށްލުމުން މި ފްލެޓުތަކުގެ އަގު 775 މިލިއަން ރުފިޔާއަށް އަރަ އެވެ.

"ޗައިނާ" ފްލެޓުތައް ނޫނީ "ޕިންކު" ފްލެޓުތަކުގެ ނަމުން މަޝްހޫރުވެފައިވާ މި ފްލެޓުތަކުގެ ތެރެއިން 500 ޔުނިޓު ހާއްސަކުރީ މާލޭ ރައްވެހިންނަށެވެ. ބާކީ ފްލެޓުތައް ދިނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށާއި ހާއްސައެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތަކަށެވެ.