Advertisement

ޔޫއޭއީގެ އާ ރައީސް މުހައްމަދު ބިން ޒައިދްއަކީ ކޮން ބޭފުޅެއް؟

ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދް. -- ފޮޓޯ: އޭއެފްޕީ


ޔޫއޭއީގެ އާ ރައީސް މުހައްމަދު ބިން ޒައިދްއަކީ ކޮން ބޭފުޅެއް؟

ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން ޔޫއޭއީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ. ނަމަވެސް ޔޫއޭއީގެ ލީޑާޝިޕްގެ ފަހަތުގައި ހުންނަވައި، ގައުމު ހިންގެވުމުގައި އެމަނިކުފާނު އިސްކޮށް އުޅުއްވާތާ އަހަރުތަކެއް ވެއްޖެ އެވެ.

ސިފައިންގެ ތަމްރީން ލިބިވަޑައިގެންފައިވާ، ފުޓްބޯޅައަށް ލޯބި ކުރައްވާ އުމުރުން 61 އަހަރުގެ ޝެއިހް މުހައްމަދު ރައީސް ކަމަށް ވަޑައިގެންނެވީ، 2004 ވަނަ އަހަރުން ފެށިގެން ރައީސް ކަމުގައި ހުންނެވި ބޭބޭފުޅު ޝެއިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން އަވަހާރަވުމުންނެވެ.

ޔޫއޭއީގެ ހަތް އެމިރޭޓް ނުވަތަ ހަތް ސަރަހައްދުގެ ވެރިން ހިމެނޭ ފެޑެރަލް ސުޕްރީމް ކައުންސިލުން ނެގި ވޯޓުން ރަސްމީކޮށް ޝެއިހް މުހައްމަދު އިންތިހާބުވެވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ. އޭގެ އިތުރުން ޔޫއޭއީގައި ތެލުގެ މުއްސަނދިކަން އެންމެ ބޮޑު ވެރިރަށް އަބޫ ދާބީގެ ވެރިޔަކަށް ވެސް ހުންނަވާނީ ޝެއިހް މުހައްމަދެވެ.

ޝެއިހް މުހައްމަދު ބިން ޒައިދް.


ރަސްމީކޮށް ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ޔޫއޭއީގެ އެންމެ ބާރުގަދަ ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ދެކުނީ ޝެއިހް މުހައްމަދެވެ. އެމެރިކާގެ ކުރީގެ ސަފީރު ރިޗަޑް އޮލްސަން އޭރުގެ ރައީސް ބަރަކް އޮބާމާއަށް ފޮނުއްވި ނޯޓެއް ވިކިލީކްސްއިން ލީކު ކުރި އިރު، އޭގައި ބުނެފައި ވަނީ ޔޫއޭއީގެ ވެރިޔަކީ ޝެއިހް މުހައްމަދު ކަމަށެވެ.

އާއްމު ތަންތަނުން ފެނުމާއި، އާއްމު ތަންތަނުގައި ވާހަކަ ދެއްކުން މަދު ނަމަވެސް، ޝެއިހް މުހައްމަދުގެ ސިޔާސީ ކެރިއަރުގެ ދެކޭ ހުވަފެންތައް ވަރަށް ހާމަކަން ބޮޑުކޮށް ފެންނަމުންދެ އެވެ. މެދުއިރުމަތީގައި ގަދަ ބާރެއްގެ ގޮތުގައި ޔޫއޭއީ ބިނާ ކުރުމަށް ކުރައްވާ މަސައްކަތް ދަނީ ފެންނަމުންނެވެ.

އިޒްރޭލާ އެކު ގުޅުން ގާއިމް ކުރަން ނިންމެވި ގަލްފުގެ ފުރަތަމަ ލީޑަރަކީ ޝެއިހް މުހައްމަދެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔޫއޭއީގައި ނިޔުކްލިއާ ހަކަތައިގެ ޕްރޮގްރާމެއް ފަށައި، ޖައްވީ ޕްރޮގްރާމް ފުޅާކޮށް، ޖައްވަށް މީހަކު ފޮނުވި އެވެ. އޭގެ އިތުރުން 2020 ވަނަ އަހަރު ވަނީ މާސްއަށް ޖައްވީ އުޅަނދެއް ފޮނުވާފަ އެވެ.

ޝެއިހް މުހައްމަދު، ޔޫއޭއީގެ އެސްޓްރޮނޯޓް ހައްޒާ އަލް މަންސޫރީއާ ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ


އަބޫ ދާބީގެ ވަލީ އަހުދު ކަމަށް ޝެއިހް މުހައްމަދު ވަޑައިގެންނެވީ ނޮވެމްބަރު 2004 ގަ އެވެ. އެމަނިކުފާނަކީ ޔޫއޭއީގެ ފަންޑަރު ޝެއިހް ޒައިދް ބިން ސުލްތާން އަލް ނަހްޔާންގެ ތިން ވަނަ ފިރިހެން ދަރިކަލުންނެވެ.

އެމަނިކުފާނަކީ ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރު އަދި އަބޫ ދާބީގެ މާލީ ކޮންޓްރޯލް އޮންނަ އެގްޒެކްޓިވް ކައުންސިލްގެ ޗެއާމަނެވެ.

މާޗް 11، 1961 ވަނަ އަހަރު އަބޫ ދާބީއަށް އުފަންވެވަޑައިގެންނެވި ޝެއިހް މުހައްމަދު ތައުލީމް ހާސިލް ކުރެއްވީ އިނގިރޭސިވިލާތުގެ އަސްކަރީ ސްކޫލަކުންނެވެ. އެމަނިކުފާނު ސްކޫލް ނިންމެވީ 1979 ވަނަ އަހަރު މަޝްހޫރު ރޯޔަލް މިލިޓަރީ އެކެޑެމީ ސޭންޑްހާސްޓް އިންނެވެ.

ޝެއިހް މުހައްމަދު ސިފައިން ޔުނިފޯމުގައި.


ސިފައިންގެ ރޭންކުތަކުން ވަރަށް އަވަހަށް ކުރިއެރުން ހޯއްދަވައި، އެއާފޯސްގެ ކޮމާންޑަރުކަން ކުރެއްވި އެވެ. އޭގެ ފަހުން ޑެޕިއުޓީ ޗީފް އޮފް ސްޓާފްކަން ކުރައްވައި، 1993 ވަނަ އަހަރު ޗީފް އޮފް ސްޓާފް ކަމަށް ވަޑައިގެންނެވި އެވެ. އޭގެ އަހަރެއް ފަހުން ޖެނެރަލެއްގެ ރޭންކް ލިބިވަޑައިގެންނެވި އެވެ.

އަބޫ ދާބީގެ ވަރުގަދަ ލީޑަރުގެ ގޮތުގައި ޑިޕްލޮމެޓުން ސިފަ ކުރައްވާ ޝެއިހް މުހައްމަދު ވަނީ ހުޅަނގުގެ ގައުމުތަކާ އެކު ވަރުގަދަ ގުޅުންތައް ގާއިމް ކުރައްވާފަ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރަށް އެހީވުމަށް ސައުދީ އަސްކަރީ ކޯލިޝަނާ އެކު 2015 ވަނަ އަހަރު ޔަމަނަށް ސިފައިން ފޮނުވަން ނިންމެވީ ޝެއިހް މުހައްމަދު ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ޔޫއޭއީގެ އެތެރޭގައި ހަރުކަށި ސެކިއުރިޓީ ސިޔާސަތެއް ތަންފީޒު ކުރަން ފެށީ ވެސް ޝެއިހް މުހައްމަދުގެ ނިންމެވުމުގެ ދަށުން ކަމަށްވެ އެވެ. ޔޫއޭއީގައި ހަރުކަށި ފިކުރުގެ މީހުން ހިފައި ހައްޔަރުކޮށް، ދިގު މުއްދަތަށް ޖަލަށް ލާފައިވެ އެވެ.

ފުޓްބޯޅައަށް ލޯބި ކުރައްވާ ޝެއިހް މުހައްމަދަކީ ޔޫއޭއީގެ އަލް އައިން ސިޓީގެ ފުޓްބޯޅަ ކްލަބުގެ ރައީސް އެވެ. އަލް އައިނަކީ ޝެއިހް މުހައްމަދުގެ ބައްޕާފުޅު ނިސްބަތްވެވަޑައިގަންނަވާ އަދި އަބޫ ދާބީގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ އެވެ.

ޝެއިހް މުހައްމަދު އަބޫ ދާބީގައި ބައިސްކަލް ދުއްވަނީ.


އޭގެ އިތުރުން ވެރިރަށް އަބޫ ދާބީގެ މަގުތަކުގައި ސޯޓު ތުރު ކުރައްވައި، ހެލްމެޓް އަޅުއްވައިގެން، ބައިސްކަލް ދުއްވުމަކީ ޝެއިހް މުހައްމަދު ވަރަށް ގިނައިން ކުރައްވާ ކަމެކެވެ.

ޝިކާރަ ކުރުމާއި ޅެންވެރިކަމަށް ޝައުގުވެރިވާ ޝެއިހް މުހައްމަދުގެ އަނބިކަނބަލުންނަކީ ވެސް ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގެންނަވާ ޝެއިހާ ސަލާމާ ބިންތި ހަމްދާން އަލް ނަހްޔާން އެވެ. އެ ކައިވެންޏަށް ހަތަރު ފިރިހެން ދަރިކަލުންނާއި ފަސް އަންހެން ދަރިކަނބަލުން ތިއްބަވަ އެވެ.