Advertisement

އެހެން ޕާޓީއަކުން އަޔަސް، އެމްޑީޕީން ބަލައިގަންނަކަން ހާމަވެއްޖެ: ރޮޒެއިނާ

15 މޭ 2022 - 15:31 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްޑީޕީ އަންހެނުންގެ ރޫހުގެ އާ ރައީސް ކަމަށް އިންތިހާބުވި ރޮޒައިނާ އޭނާގެ ސަޕޯޓަރުންނާއެކު- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެހެން ޕާޓީއަކުން އަޔަސް، އެމްޑީޕީން ބަލައިގަންނަކަން ހާމަވެއްޖެ: ރޮޒެއިނާ

15 މޭ 2022 - 15:31 0

އެހެން ޕާޓީތަކުން އަންނަ އެމްޑީޕީއަށް ބަދަލުވާ މެންބަރުން ވެސް އެ ޕާޓީން ބަލައިގަންނަ ކަން، އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ހާމަވެގެން ދިޔަ ކަމަށް، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައި އޮތް އިރު ޗެއާޕާސަން ކަމުގެ މަގާމަށް އިންތިހާބުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ނުކުތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ރޮޒައިނާ އާއި ފައްޔާޒް އިންތިހާބަށް ވާދަކުރެއްވީ އެއް ޓީމެއްގެ ގޮތުގަ އެވެ.

އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހަރަކާތަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕާޓީގެ މެންބަރުން "މިނެ ކިރަން ވާނީ އެ މީހަކު ޕާޓީއަށް ކޮށްދޭ ހިދުމަތްތަކުގެ މައްޗަށް" ކަމަށެވެ.

"މި ޕާޓީގެ ގިނަ މެންބަރުންނަކީ އެ މީހާ އައީ ކޮންތާކުންތޯ، ކުރީގައި އުޅުނީ ކޮންތަނެއްގައިތޯ ބަލާ ބައެއް ނޫން ކަން، މި ޕާޓީއަށް އެ މީހަކު ކޮށްދީފަ ހުރި ހިދުމަތް ކަން ބަލަނީ، ކުރިން އައި ތަނެއް ނޫން ކަން ބަލަނީ، ވަރަށް ރީތި ޑިމޮކްރެޓިކް އުސޫލުތަކެއް މި ޕާޓީގެ ގިނަ މެންބަރުން ބަލައިގަންނަ ކަން ވޯޓުން ހާމަވަގެން ދިޔައީ،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީއަކީ އެހެން ޕާޓީތަކުން އަންނަ މީހުންނަށް މަރުހަބާ ކިޔާ ޕާޓީއަކަށް ވާން ޖެހޭ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ އެއީ ކުރަން މުހިންމު ކަމެއްގެ ގޮތުގައި ރޮޒައިނާ ފާހަގަކުރެއްވި އެވެ.

"އިތުރު މީހުން މި ޕާޓީއަށް ވަދެގެން ނޫނީ މި ޕާޓީ ބޮޑުވެ، 50 އިންސައްތަ ހޯދައިގެން ނޫނީ އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތެއް ވެސް ނޯވޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ފައްޔާޒާއި ރޮޒައިނާއަކީ އެހެން ޕާޓީތަކުން އެމްޑީޕީއަށް އައި ބައެއް ކަމަށް ބުނެ، ވާދަވެރި ޓީމުން ވަނީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން ފައްޔާޒް ހުންނެވީ ސޯޝަލް ލިބެރަލް ޕާޓީގައެވެ. އަދި ރޮޒައިނާ ހުންނެވީ ދިވެހިރައްޔިތުންގެ ޕާޓީގަ އެވެ.