14 މޭ 2022 - 12:31 1
އަމަން ހަލީމް
އެސްޓީއޯގެ ކާޑު ގުދަން: އެސްޓީއޯއިން އެތެރެކުރާ ފުށަކީ އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ ކޯޓާގެ ދަށުން ލިބޭ ފުށް. -- ފޮޓޯ: އަދަދު ފައިލް
14 މޭ 2022 - 12:31 1
އިންޑިއާ ސަރުކާރުން ގޮދަން ފުށް އެކްސްޕޯޓު ކުރިޔަސް، ރާއްޖެއަށް ކަނޑައަޅާފައިވާ ކޯޓާއަށް އެއްވެސް ބަދަލެއް ނާންނާނެކަން ކަށަވަރު ވެއްޖެ އެވެ.
އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސަރުކާރުން މިގޮތަށް ފުށް އެކްސްޕޯޓުކުރުން މަނާކުރީ އިންފްލޭޝަނުގެ ނުރައްކާ ކުޑަކުރާށެވެ. އެގޮތުން މިއަދުން ފެށިގެން އެ ގައުމުން ގޮދަށް ފުށުގެ އެއްވެސް ބާވަތެއް ބޭރުކުރުން ވަނީ މަނާކޮށްފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށުގެ އަގު އުފުލެން މެދުވެރިވީ، ދުނިޔޭގެ ބާޒާރަށް ގިނަ އަދަދަކަށް ފުށް ސަޕްލަޔިކޮށްދޭ ރަޝިއާ އާއި ޔޫކްރެއިނުގެ އެކްސްޕޯޓުތައް ހުއްޓުމަކަށް އައުމާ ގުޅިގެންނެވެ. ބައިނަލްއަގްވާމީ ގޮދަށް ފުށް ސަޕްލަޔިގެ 30 ޕަސެންޓު ފޯރުކޮށްދެނީ މި ދެ ގައުމުންނެވެ.
ނަމަވެސް, ރަޝިއާ އިސްވެ ޔޫކްރެއިނަށް ހަމަލާ ދިނުމާ ގުޅިގެން ކުރަމުންދާ ހަނގުރާމަ އާއި އެއާ ވިދިގެން ރަޝިއާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މި ސަޕްލަޔި ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފަ އެވެ.
އެކްސްޕޯޓު ކުރުން މަނާކުރި ނަމަވެސް، ރާއްޖެ ހިމެނޭގޮތަށް އިންޑިއާއިން ގޮދަން ފުށް ސަޕްލަޔިކޮށްދޭ ދެކުނު އޭޝިއާ ގައުމުތަކަށް މިކަމުގެ ނުރައްކަލެއް ނެތެވެ. މިކަން އެ އަމުރުގައި ވެސް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، ގޮދަން ފުށް އެކްސްޕޯޓުތައް މަނާކުރި ސަބަބުތަކުގެ ތެރޭގައި އެތެރޭގެ ބާޒާރުގައި އަގު އުފުލުން ކޮންޓްރޯލް ކުރުމުގެ އިތުރުން، އަވައްޓެރި ގައުމުތަކަށް ބޭނުންވާ ގޮދަށް ފުށް ސަޕްލަޔި ދެމެހެއްޓުމުގެ ވާހަކަ ބަޔާންކޮށްފައިވެ އެވެ.
"އެހެން ގައުމުތަކުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރަން އިންޑިއާ ސަރުކާރުން ދީފައިވާ ހާއްސަ ހުއްދައިގެ ދަށުންނާއި ސަރުކާރުތަކުން އެދިގެން ދޭ ހުއްދައިގެ ދަށުން އެކްސްޕޯޓު ކުރެވޭނެ" އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ނެރުނު އެންގުމުގައި ވެ އެވެ.
އިންޑިއާގެ ހާއްސަ ކޯޓާތަކުގެ ދަށުން ގޮދަށް ފުށް އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާނާއި ރާއްޖެ އާއި ލަންކާ ހިމެނެ އެވެ. އިންޑިއާގެ ފުށް އެންމެ ގިނައިން އެތެރެކުރާ ގައުމަކީ ބަންގްލަދޭޝް އެވެ. މިދިޔަ އަހަރު އެކަނި ވެސް އިންޑިއާއިން 3.5 މިލިއަން ޓަނުގެ ގޮދަށް ފުށް އެ ގައުމުން އިމްޕޯޓުކުރި އެވެ.
އިންޑިއާއިން އަންދާޒާކުރަނީ މި އަހަރުގެ ގޮދަށް ފުށް ސީޒަނުގައި 112 މިލިއަން ޓަނުގެ ގޮދަށް ފުށް އުފެއްދޭނެ ކަމަށެވެ. މީގެ ތެރެއިން 26 މިލިއަން ޓަނު ބޭނުންކުރާނީ އިންޑިއާ ސަރުކާރުން ހިންގާ ކާނާގެ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށެވެ.
އިންޑިއާ ސަރުކާރުން ކުރިން މަސައްކަތް ކުރީ، ރަޝިއާ އާއި ޔޫކްރެއިނުގެ ސަޕްލަޔި ހުއްޓުމުގެ ފައިދާ ނަގާ އެ ގައުމުގެ އެކްސްޕޯޓުތައް ފުޅާކުރާށެވެ. ގޮދަށް ފުށް މަނާކުރަން ނިންމުމުގެ ދެ ދުވަސް ކުރިން މިކަމުގެ މަޝްވަރާތަކަށް މަންދޫބުން ފޮނުވަން ނިންމާފައިވާ ކަމަށް ވެސް "ދަ ހިންދޫ" ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
ކުއްލިއަކަށް މި ނިންމުން ބަދަލުކުރީ ކީއްވެ ކަމެއް އަދި ސާފެއް ނޫނެވެ.
Comment