Advertisement

އެފްއޭ ކަޕް ފައިނަލަށް ނުކުންނައިރު ޗެލްސީގެ އޮތީ ލިވަޕޫލް އަތުން ބަދަލުހިފުމުގެ ރޫހު

14 މޭ 2022 - 12:18 0


އެފްއޭ ކަޕް ފައިނަލަށް ނުކުންނައިރު ޗެލްސީގެ އޮތީ ލިވަޕޫލް އަތުން ބަދަލުހިފުމުގެ ރޫހު

14 މޭ 2022 - 12:18 0

އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މިރޭ ލިވަޕޫލާއި ޗެލްސީ ވާދަކުރާއިރު، މި މެޗު މި ދެ ޓީމަށް ވެސް މުހިންމުވާ ސަބަބުތައް ގިނަ އެވެ. އޭގެއިން އެއް ސަބަބު ގުޅިފައި އޮތީ މި ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލާ އެވެ. ލިވަޕޫލުން މިދިޔަ ފެބްރުއަރީ މަހު ލީގު ކަޕް ތަށި އުފުލާލީ ޕެނަލްޓީ ޖަހައިގެން ފައިނަލުގައި ލިވަޕޫލް ބަލިކުރުމަށް ފަހު އެވެ. ޗެލްސީން މިރޭ ފައިނަލަށް ނުކުންނައިރު، އަމާޒަކަށްވާނީ ލިވަޕޫލް އަތުން ބަދަލުހިފައި ތަށްޓަކާ އެކު ސީޒަން ނިންމާލުމެވެ. .

"ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ސީދާ އެ ބޭނުމުގައި (ބަދަލުހިފުމުގެ ރޫހުގައި) މެޗަށް ނުނިކުންނާނަން. އެކަމަކު، ވިސްނާލަންޖެހޭ ކަމަކީ އަހަރެމެން މޮޅުވާން ބޭނުންވެއްޖިއްޔާ އެ ރޫހު ވެސް އޮންނަން އެބަޖެހޭ،" ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ބަދަލު ހިފުމުގެ ވިސްނުމުގައިތޯ އެހުމުން ޗެލްސީގެ ކޯޗު ތޯމްސް ޓުޗެލް ބުންޏެވެ.

ޗެލްސީ އެންމެ ފަހުން އެފްއޭ ކަޕްގެ ތަށި އުފުލާލީ 2018 ވަނަ އަހަރު އެވެ. އޭގެ ކުރިން ވަނީ 2012 ވަނަ އަހަރު ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ އެންމެ ފަހުން ލިވަޕޫލް ކުޅުނު ފައިނަލެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ވަނީ 1-0 އިން ލެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ. އޭގެ ކުރިން ފަހަރު ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. ޗެލްސީގެ އަނެއް އަމާޒަކީ ޖެހިޖެހިގެން ތިން އެފްއޭ ކަޕް ފައިނަލުގައި ބަލިނުވުމެވެ.

ޓުޗެލް އަށް އެއް އަހަރާއި 108 ދުވަސް ތެރޭ ފަސް ފައިނަލް

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޓުޗެލް ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަމާއި ޔުއެފާ ސުޕަ ކަޕްގެ ޗެމްޕިއަންކަމާއި ކްލަބް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެކަަމަކު، މި އަހަރުގެ ލީގު ކަޕް ފައިނަލާއި މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުން ވީ ބައްޔެވެ.

ޓުޗެލް ބުނީ ފައިނަލަށް ދިއުމަކީ ކާމިޔާބެއްގެ ގޮތުގައި އެއް ބަޔަކު ދެކުނު ކަމުގައި ވިޔަސް ފައިނަލުގައި ކުޅުމުގެ އަސްލު މަގުސަދަކީ ޗެމްޕިއަންކަން ހޯދުން ކަމަށެވެ. އަދި މި ސީޒަނަކީ ޗެލްސީ އަށް ކާމިޔާބު އަހަރަކަށް ހެދުމަށް ތަށްޓެއް ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި އެކަން ހާސިލްކުރެވެން އޮތީ އެފްއޭ ކަޕް ފައިނަލުގައި މޮޅުވެގެން ކަމަށެވެ.

"އަހަރެންގެ ހުރިހާ ފޯކަސް އަކީ މި ތަށި ހޯދުން،" ޓުޗެލް ބުންޏެވެ.

މިރޭގެ ފައިނަލަށް ނުކުންނައިރު، ޗެލްސީގެ މުހިންމު ދެ ކުޅުންތެރިއަކު ހުރީ އަނިޔާގަ އެވެ. އެއީ އެންމެ ފަހުން ލީޑްސް ޔުނައިޓެޑް މެޗުގައި ކުޑަހުޅަށް އަނިޔާވި މަޓެއޯ ކޮވަސިޗް އާއި ފިޓްނަސް މައްސަލަ އަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އެންގޯލޯ ކާންޓޭ އެވެ.

ޓުޗެލް ބުނީ ސީޒަނުގެ މި ހިސާބަކީ ކުޅުންތެރިން ވެސް ރިސްކު ނަގައިގެން ކުޅެން ބޭނުންވާ ދަނޑިވަޅެއް ކަމަށާއި ފައިނަލުގައި ކޮވަސިޗާއި ކާންޓޭ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޗެލްސީ އާއި ލިވަޕޫލް މި ފަހަރު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ މެޗުން 2-2 އިން އެއްވަރުވެފަ އެވެ. ލީގު ކަޕް ފައިނަލުގައި ވެސް ނަތީޖާއެއް ނެރެވުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޓުޗެލް ބުނީ އެފްއޭ ކަޕް ފައިނަލު ވެސް ފޯރިގަދަވާނެ ކަމަށެވެ.

ލިވަޕޫލަށް މި ސީޒަނުގައި ހަތަރު ތަށި ހޯދޭނެތަ؟

ލިވަޕޫލުން މި ސީޒަނުގައި ހަތަރު ތަށްޓަށް ވާދަކުރެ އެވެ. މިހާތަނަށް ލިބުނީ ލީގު ކަޕެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ލިވަޕޫލް އޮތީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ، ތިން ޕޮއިންޓް ފަހަތުގަ އެވެ. މިރޭ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީއާ ކުޅޭއިރު، މި މަހު 28 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ބައްދަލުކުރާނެ އެވެ.

"ކޮންމެ ފައިނަލެއް ވެސް މުހިންމު، އަހަރެމެންނަށް މި އޮތީ ތާރީހުގައި ލިޔެވޭ ފަދަ ކާމިޔާބެއް ހޯދަން ފުރުސަތެއް. މި ވަގުތަށް އެންމެ މުހިންމީ މި ފައިނަލް،" ލިވަޕޫލާ އެކު ހަ ވަނަ ތަށި ހޯދުމުގެ އުންމީދުގައި ހުރި ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވި ކްލޮޕް ވަނީ އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް އަދި ލީގު ކަޕް ކާމިޔާބުކޮށްދީފަ އެވެ. އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދުމަކީ މި ވަގުތަށް ކްލޮޕްގެ އެންމެ ބޮޑު ޓާގެޓެވެ.

އެންމެ ފަހުން ލިވަޕޫލަށް އެފްއޭ ކަޕް ޗެމްޕިއަންކަން ލިބުނީ 2006 ވަނަ އަހަރު އެވެ.

ކްލޮޕަކީ އެއް ސީޒަނެއްގައި ލީގު ކަޕް ފައިނަލާއި އެފްއޭ ކަޕް ފައިނަލް އަދި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޓީމެއް ގޮވައިގެން ވާދަކުރާނެ ފުރަތަމަ ކޯޗެވެ. ކްލޮޕް ބުނީ އޭނާގެ ރެކޯޑަށް ވިސްނުމަށް ވުރެ، ލިވަޕޫލް ޓީމު މުހިންމު ކަމަށެެވެ.

ފައިނަލަށް ނުކުންނައިރު، ލިވަޕޫލަށް އޮތް ނުތަނަވަސްކަމަކީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ އަށް އަނިޔާވުމެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ފަބީނިއޯ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ކްލޮޕް ވަނީ އެކަން ދޮގުކޮށްފަ އެވެ.

މިރޭގެ އެފްއޭ ކަޕް ފައިނަލަކީ 2019 ވަނަ އަހަރުގެ ފަހުން ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭނެ ފުރަތަމަ ފައިނަލެވެ. މިދިޔަ ދެ ސީޒަނުގައި އެފްއޭ ކަޕް ފައިނަލް ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ. މިއީ އެފްއޭ ކަޕް ކުޅޭ 150 ވަނަ ސީޒަނެވެ.

ލިވަޕޫލާއި ޗެލްސީ ކުޅޭ މިރޭގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:45 ގަ އެވެ.