Advertisement

އިންތިހާބަށް ފަހު ވެސް އެމްޑީޕީގައި ހަމަޖެހުން އޮންނާނެ: ރައީސް

14 މޭ 2022 - 11:12 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްްމަދު ސޯލިހު މިއަދު ވޯޓު ދެއްވަނީ. އެމަނިކުފާނު ވިދާޅުވީ އިންތިހާބަށް ފަހުގައި ވެސް ޕާޓީގެ ތެރޭގައި ހަމަޖެހުން އޮންނާނެ ކަަމަށް. ފޮޓޯ: އާއިމް ޒަމީރު/އަދަދު


އިންތިހާބަށް ފަހު ވެސް އެމްޑީޕީގައި ހަމަޖެހުން އޮންނާނެ: ރައީސް

14 މޭ 2022 - 11:12 0

އެމްޑީޕީގެ ޗެއާޕާސަން ހޮވަން މިހާރު ފަށައިގެން ކުރިއަށް ގެންދާ އިންތިހާބަށް ފަހުގައި ވެސް ޕާޓީގެ އެތެރޭގައި ހަމަޖެހުން އޮންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދަރުމަވަންތަ ސްކޫލްގައި ހުރި ވޯޓް ފޮށްޓަށް ވޯޓު ލެއްވުމަށް ފަހު އެ މަރުކަޒުގެ ބޭރުގައި މަޑުކޮށްލެއްވި ވަގުތު "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިންތިހާބެއްގައި ފެންނާނެ ހުރިހާ ކަމެއް މި އިންތިހާބުގައި ފެނިގެން ހިނގައްޖެ ކަމަށާއި އެހެން ނަމަވެސް, ޕާޓީގެ ތެރޭގައި ހަމަޖެހުން އޮންނާނެ ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ބެލެވޭ ގޮތުގައި މި އިންތިހާބުގައި ދެ ފަރާތުން ބަދަލުކުރި ބަހުގެ ހަމަލާތަކާ ތުހުމަތުތަކަށެވެ.

"އިންތިހާބަށް ފަހުގައި ވެސް ޕާޓީގެ އެތެރޭގައި ހަމަޖެހުން އޮންނާނެ. އެކަމާ އަޅުގަނޑު ޝައްއްކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެެ.

މި އިންތިހާބަކީ އެމަނިކުފާނަށް ކިހާ މުހިއްމު އިންތިހާބެއްތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ "އެމްޑީޕީގެ ކޮންމެ އިންތިހާބަކީ ވެސް މުހިއްމު އިންތިހާބެއް" ކަމަށެވެ. އިންތިހާބު ކުރިއަށްދާ ގޮތާ މެދު ހިތްޕުޅުހަމަޖެހިވަޑަައިގަންނަވާތޯ ސުވާލުކުރުމުން ވިދާޅުވީ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"ވޯޓުލުން ކުރިއަށް މިދަނީ ވަރަށް ރަނގަޅަށް. ވަރަށް ހިތްމަޖެހޭ އިންތިޒާމްތަކާ ދޭތެރޭ،" ރައީސް ވިދާޅުވި އެވެ.

ވޯޓުލެއްވުމަށް ފަހު ދަރުމަވަންތަ ސްކޫލްގެ ބޭރުގައި އެމަނިކުފާނު އިރުކޮޅަކު މަޑުކޮށްލެއްވި އެވެ. އަދި އެ މަރުކަޒުގައި އެ ވަގުތު ތިބި ބައެއް މީހުންނާ ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކެވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ވަރަށް ވާދަވެރި ކެމްޕޭނެއް ކުރި އިރު މައިގަނޑު ގޮތެއްގައި އެ ކެމްޕޭން ބިނާވެފައި އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރާ ތާއީދާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރާ ތާއީދުގެ މައްޗަށެވެ. އެގޮތުން ދެ ފެކްޝަނެއް އުފެދި މި އިންތިހާބުގެ ކެމްޕޭންގެ ވަރަށް ބޮޑަށް ފޯރިގަދަވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވާދަކުރައްވާ މި އިންތިހާބު ފާހަގަވަނީ އެމްޑީޕީގެ ކުރިމަގު ކަނޑައަޅާ ވޯޓެއްގެ ގޮތުގަ އެވެ.