Advertisement

އާންމު މެންބަރުންގެ އުންމީދުތައް ބޮޑު؛ "ބައިބައިވެގެން ނުދާނެ"

14 މޭ 2022 - 12:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ: ވާދަވެރި އިންތިހާބެއް ވިޔަސް އާންމު މެންބަރުން ބުނަނީ ޕާޓީ ރޫޅިގެން ނުދާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އާންމު މެންބަރުންގެ އުންމީދުތައް ބޮޑު؛ "ބައިބައިވެގެން ނުދާނެ"

14 މޭ 2022 - 12:26 0

މާލެ ސަރަހައްދަށް ވަރަށް ވިއްސާރަ ދުވަހަކަށް ވެފައި ހެނދުނު ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔަ އިރު އެމްޑީޕީގެ މެމްބަރުން ތެމިގެން ވެސް، ކުޑައާއި ކޯޓުތަކުގައި ހިޔާ ވެގެން ވިޔަސް ވޯޓުލާ ސަރަހައްދުތަކަށް އެއްވެ ތިއްބެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގައި ތާއީދު ކުރާ ކެންޑިޑޭޓަށް ވޯޓުދީ ޕާޓީގެ ކުރިމަގު ކަނޑައެޅުމަށެވެ.

"އަޅުގަނޑުމެންގެ ލީޑަޝިޕަށް އަންނަ އިތުރު ކުރިއެރުމެއް، ނިމިގެން އަޅުގަނޑުމެން ތިބޭނީ ހަމަ އެކަތިގަނޑެއް ގޮތުގައި،" ވިއްސާރަ ކޯޓެއް ލައިގެން ވޯޓު ލާން ވޯޓުލާ މަރުކަޒަށް އައިސް ހުރި އެމްޑީޕީގެ ދުވަސްވީ ސަޕޯޓަރު އަބްދުﷲ ހުސައިން ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ދެ ކެންޑިޑޭޓެއް ވާދަކުރައްވަ އެވެ. ދެ ކެންޑިޑޭޓުން ވެސް ދައްކަވަނީ ތަފާތު ދެ މައްސަލައެކެވެ.

މި އިންތިހާބުގެ ކެމްޕޭނުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ މިހާރުގެ ލީޑަޝިޕަށް އެޕާޓީ ހިންގައިނުލެވޭ ކަމަށެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ދެއްކެވީ ސަރުކާރުގެ ބައެއް ގޯސްތަކުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުން މާޔޫސްވެފައިވާ ވާހަކަ އެވެ.

ވޯޓުލާ ސަރަހައްދުގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ ވެސް އޮތީ މި ފަލްސަފީ ހިޔާލު ތަފާތުވުންތަކެވެ.

ކުރިން އޮތް ސަރުކާރުގެ "އަނިޔާތަކާއި ހިޔާނާތްތަކަށް" ނޫނެކޭ ބުނެ ގިނަ އިހްތިޖާޖްތަކުގައި ވެސް ބައިވެރިވި އެމްޑީޕީގެ ހަރަކާތްތެރި މެމްބަރަކު ބުނީ އޭނާ ވޯޓްލާން އައިސް އެ ހުރީ ޕާޓީ ތެރޭ މިހާރު ހިނގަމުންދާ ގޮތަކާއި މިހާރު އޮތް ގޮތް ނޫން ގޮތަކަށް ކަންކަން ރަނގަޅު ވެގެން ދިއުމުގެ އުންމީދުގައި ކަމަށެވެ.

"އެމްޑީޕީގައި އުޅޭތާ ވިއްސަކަށް އަހަރު ވެއްޖެ، އެމްޑީޕީން ހިންގި ކޮންމެ އިހްތިޖާޖެއްގައި މުޒާހަރާއެއްގައި ހުންނާނެ، [އެކަމަކު] މިހާރު އޮތް ގޮތް ނޫން ގޮތަކަށް ކަންކަން ރަނގަޅު ވެގެން ދާނެ ކަމަށް ދެކެވޭތީ ވޯޓު ލާން އައިސް މި ހުރީ،" ކޮންސްޓްރަކްޝަންގައި މަސައްކަތް ކުރާ 45 އަހަރުގެ އެމްޑީޕީގެ އެ ސަޕޯޓަރު ބުންޏެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ: ވާދަވެރި އިންތިހާބެއް ވިޔަސް އާންމު މެންބަރުން ބުނަނީ ޕާޓީ ރޫޅިގެން ނުދާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދުއިއްސައްތައެއްހާ މެންބަރުންނާއެކު ފުރަތަމަ އުފެއްދި އެމްޑީޕީގައި މިހާރު ބައިލައްކައަށް ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. ދާދި ފަހަކުން އެ ޕާޓީއާ ގުޅުނު ނަސީރު ބުނަނީ ޕާޓީގެ ފަލްސަފާ ކުރިއަށް ވުރެ ފުޅާވާން ޖެހޭ ކަމަށެވެ. ދާދި ފަހުން ގުޅުނު ޕާޓީގެ އެތެރޭގެ އިންތިހާބު އޭނާއަށް މުހިންމުވީ އެ ސަބަބާ ހުރެ އެވެ.

"އެމްޑީޕީގެ ފިލޯސޮފީ ކަނޑައެޅިގެން ދާނެ މި އިންތިހާބުން, އެމްޑީޕީ އުފެދުނު އިރު އެހާ ބޮޑު ޕާޓީއަކަށް ނުވިއަސް މިހާރު ވަރަށް ބޮޑު ޕާޓީއެއް, ތަފާތު ހިޔާލުތައް ވަރަށް ގިނަ، ފެށިއިރު ތިބި ވަރަށް ތިބޭނީތޯ ނުވަތަ އެއަށް ވުރެ ފުޅާވާންވީތޯ ކަނޑައެޅުން،" ކޮންސަލްޓެންސީގެ ދާއިރާގައި މަސައްކަތް ކުރާ ނަސީރު ބުންޏެވެ.

އެމްޑީޕީގެ އާންމު ފަލްސަފާއަކީ ޖަވާބުދާރީކުރަނިވި ދައުލަތެއްގެ ހެޔޮ ވެރިކަމެއް ގާއިމް ކުރުމެވެ. އެކަމަކު އޭގެ ސިފަތަކާއި އުސޫލުތަކާ ދުރަށް ޖެހިފައިވާ ކަމަށް ވޯޓުލާން ކިއުގައި ހުރި އެމްޑީޕީގެ އަންހެނަކު ބުންޏެވެ.

"މިއީ އަހަރެމެން ސަޕޯޓް ކުރާ ޕާޓީ، ޕާޓީއަށް ވޯޓެއް ދޭން ވެގެން އައިސް މި އުޅެނީ، އިންތި ހޮވޭނެ ކަމަށް އުންމީދު ކުރަނީ،" 52 އަހަރުގެ އެ މެމްބަރު ބުންޏެވެ.

މިނިސްޓަރު ފައްޔާޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު އޮތްއިރު, އިމްތިޔާޒު ނުކުމެވަޑައިގެން ހުންނެވީ ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ތާއިދާއެކު އެވެ. ޕާޓީގެ އިސް ދެ ލީޑަރުންގެ ކެންޑިޑޭޓުން ވާދަކުރައްވާތީ އިންތިހާބުގެ ފޯރި އޮތީ ވަރަށް ގަދަވެފަ އެވެ.

އެކަމަކު އެމްޑީޕީގެ ސަޕޯޓަރުން ދެކޭ ގޮތުގައި މި އިންތިހާބުގެ ސަބަބުން އެ ޕާޓީ ބައިބައިނުވާނެ އެވެ. އިންތިހާބުން ކޮންމެ ނަތީޖާއެއް ނުކުތަސް ބަލިވާ ކެންޑިޑޭޓް މޮޅުވާ ކެންޑިޑޭޓާ އެކު ޕާޓީ ކުރިއަށް ދާނެ ކަމުގަ އެވެ. ޕާޓީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ: ވާދަވެރި އިންތިހާބެއް ވިޔަސް އާންމު މެންބަރުން ބުނަނީ ޕާޓީ ރޫޅިގެން ނުދާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


"އަޅުގަނޑު ގަބޫލެއް ނުކުރަން އެ ގޮތަކަށް [ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ކޯޅުމެއް] އޮތް ކަމަކަށް މިއީ، އިންތިހާބެއް ވީމާ އޭގެ ވާދަވެރިކަން އެ ފެންނަނީ، އިންތިހާބަށް ފަހު ހަމަ އެކައްޗެއް ގޮތުގައި އެންމެން ވެސް ތިބޭނެ،" ކުރިން ވާހަކަ ދެއްކި އަބްދުﷲ ބުންޏެވެ.

މީގެ މަސްތަކެއް ކުރިން ޕާޓީއާ ގުޅުނު ނަސީރު ވެސް ބުނި ގޮތުގައި، ޕާޓީގެ އެންމެ ކަމުދާ ސިފައަކީ ޑިމޮކްރެޓިކް ސިފަ އެވެ. އެންމެންނަށް ވެސް ކުރިމަތިލެވެ އެވެ. އަދި އިންތިހާބަށް ފަހު ބަލިވާ ފަރާތްތަކުން މޮޅުވާ ފަރާތާއެކު ތިބޭ ކަމުގައި ކުރިން ފާހަގަ ވެފައި އޮވެ އެވެ.

"ދެން ވެސް އޮންނާނީ އެ ގޮތުގައި ކަމަށް އަޅުގަނޑަށް ވެސް ގަބޫލު ކުރެވެނީ،" އަބަދުވެސް އެމްޑީޕީގެ އާންމު ފަލްސަފާތަކާ މެދު ހިތްހަމަޖެހުން އޮތް ނަސީރު ބުންޏެވެ.

މިއަދު ހެނދުނު ނުވައެއް ޖެހި ފެށި އިންތިހާބުގެ ވޯޓު ލުން ނިންމާލާނީ ހަވީރު ހަތަރެއް ޖަހާއިރެވެ. މިރޭގެ ވަގުތެއްގައި އިންތިހާބުގެ ނަތީޖާ އެނގިގެން ދާނެ ކަމަށް ބެލެވޭނެ އެވެ. އެމްޑީޕީއަށް ދެން ވާނެ ގޮތް އެނގިގެން ދާނެ އެވެ.

އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތުން ގޮތް ނިންމާ ޕާޓީއެއް ކަމުގައި ޕާޓީގެ ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ. މި އިންތިހާބަށް ފަހު ވެސް ޕާޓީގެ ސުލްހަވެރިކަން އޮންނާނެ ކަމަށް ޕާޓީގެ އިސް ލީޑަރު، ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އާންމު މެންބަރުންގެ އުންމީދަކީ ވެސް އެއީ އެވެ.